ޖޯޑަންގައި ޤުރުއާން ހިތުން ދަސްކުރާ 3ހާސް މަރުކަޒު ހުޅުވައިފި

ޖޯޑަންގެ ސްކޫލު ކުދިންނަށް ހޫނު މޫސުމުގެ ޗުއްޓީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފޭނެ މަގު އެ ގައުމުގެ މިނިސްޓްރީ އޮފް އައުޤާފް އެންޑް އިސްލާމިކް އެފެއާޒް އިން ފަހިކޮށްދީފިއެވެ. އެ މިނިސްޓްރީން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ގުޅިގެން ވަނީ ޤުރުއާން ހިތުދަސްކުރުމުގެ ހިލޭ މަރުކަޒުތަކެއް މުޅި ގައުމުގައި ހުޅުވާފައެވެ.

މި ޕްރޮގްރާމަކީ ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ "ސާފު މާހައުލަކާއި ފުރިހަމަ މުޖުތަމައެއް" މި މައުޟޫއުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. ރޯމްގައި ބޭއްވި ހަފުލާއެއްގައި މިނިސްޓަރު އޮފް އައުގާފް އެންޑް އިސްލާމިކް އެފެއާޒް، މުހައްމަދު ހަލައިލާ ވިދާޅުވީ، މިއީ ހަމައެކަނި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ނޫން ކަމަށާއި، މިއީ އިސްލާމީ ރިވެތި އަހުލާގާއި ގައުމީ އަގުތައް އާލާކުރުމަށް ރާވާފައިވާ ފުރިހަމަ ތައުލީމީ މަޝްރޫއެއް ކަމަށެވެ.

މި އަހަރުގެ ޚާއްސަ ސިފައަކީ ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން އިސްލާމީ ތައުލީމުތަކުގެ ތެރެއިން ދަރިވަރުންނަށް އުނގަންނައިދިނުމެވެ. "ޤުރުއާން ހިތުދަސްކުރުމާއި ކިޔެވުމަކީ ހަމައެކަނި އަޅުކަމެއް ނޫން. އެއީ ބިން އާރާސްތުކޮށް، ދުނިޔެ ހިމާޔަތްކުރާ ރަނގަޅު އިންސާނުން ބިނާކުރުމަށް ގޮވާލާ ފޮތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރު ޖޯޑަންގެ އެކި ކަންކޮޅުތަކުގައި 3،000 ވަރަކަށް މަރުކަޒު ހުޅުވުމަށް އަމާޒު ހިފާފައިވާއިރު، 200،000 އަށް ވުރެ ގިނަ ދަރިވަރުން މި ޚިދުމަތުން ފައިދާ ހޯދާނެ ކަމަށް ލަފާކުރެވެއެވެ. މި މަރުކަޒުތަކުގެ ހުރިހާ ޚިދުމަތެއް ވެސް ލިބޭނީ މުޅިން ހިލޭ ކަމަށާއި، ކިޔަވައިދޭނީ ކަމާ ގުޅޭ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ގާބިލު މުދައްރިސުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމުތައް ހިންގާނީ ކިލާސްތަކާއި މިސްކިތްތަކުގައެވެ. މި ޕްރޮގްރާމްގެ ތެރޭގައި ޤުރުއާން ކިޔެވުމުގެ އިތުރުން ސަގާފީ އަދި ދީނީ މުބާރާތްތަކާއި، ކުޅިވަރު ހަރަކާތްތަކާއި، މިސްކިތްތަކާއި މަރުކަޒުތައް ވަށައިގެން ސާފުކުރުމުގެ ވޮލަންޓިއާ ކެމްޕެއިންތައް ހިންގައި ކުރިން ހަރަކާތްތެރި ކުރުވުން ހިމެނެއެވެ. ކްލާސްތައް ކުރިއަށްދާނީ ފިރިހެން ކުދިންނަށް އާދިއްތަ، އަންގާރަ، އަދި ބުރާސްފަތި ދުވަހުއެވެ. އަންހެން ކުދިންނަށް ކްލާސްތައް ކުރިއަށްދާނީ ހޮނިހިރު، ހޯމަ، އަދި ބުދަ ދުވަހުއެވެ.

ހިއްސާ ކުރައްވާ!