އިޓަލީގައި އުޅޭ އެކި ދީންތަކާއި މަޒުހަބުތަކުގެ މަންދޫބުން ގުޅިގެން، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދީންތަކުގެ މެދުގައި މަޝްވަރާކުރުމަށްތަކައި ފަހުމުނާމާއެއް އެކުލަވާލައިފިއެވެ. "އިޓަލިއަން ޕާތް ފޯ އިންޓަރރިލީޖިއަސް ޑައިލޮގް" ގެ ނަމުގައި ތައާރަފުކުރި މި ފަހުމުނާމާއަކީ އެ ގައުމުގެ 15 ދީނީ ޖަމާއަތެއް ގުޅިގެން އެއްބަސްވި ތާރީޚީ ލިޔުމެކެވެ.
މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ޖޫން 25ގައި ރޯމްގައެވެ. މިއީ 2023 ވަނަ އަހަރުން ފެށިގެން ތިން އަހަރު ދުވަހުގެ މަޝްވަރާތަކަށްފަހު ހާސިލުވި ކާމިޔާބީއެކެވެ.
މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ އިޓަލީގެ މުޖުތަމައުގައި ދީނީ ތަފާތުތަކަކީ ހެޔޮ ފާލެއްގެ ގޮތުގައި ބަލައިގަނެ، އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، އެކުވެރިކަމާއެކު ދިރިއުޅުމުގެ ސަގާފަތެއް އާލާކުރުމެވެ. ހަމައެހެންމެ، ހައްދުފަހަނަޅައިދިއުމާއި ނަފްރަތާއި ތަފާތުކުރުންތައް ނައްތާލުމަށް މި ފަހުމުނާމާ ބާރުއަޅައެވެ.
މި ރަސްމިއްޔާތުގައި އިޓަލީގެ އިސްލާމީ ސަގާފީ މަރުކަޒާއި ރޯމްގެ ބޮޑު މިސްކިތުން ބައިވެރިވެފައިވެއެވެ. އެ މަރުކަޒުގެ ރައީސް ނައީމް ނަސްރުﷲ ވަނީ އެ މަރުކަޒުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރައްވާފައެވެ. ރޯމްގެ ބޮޑު މިސްކިތުގެ އިމާމް ނާދިރު އައްކާދު ވިދާޅުވި ގޮތުގައި، މިއީ ދީންތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމުގެ އާ މަރުހަލާއެއްގެ ފެށުމެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ ވަނީ ކިއުރިނާލޭ ގަނޑުވަރުގައި މި ފަހުމުނާމާގައި ސޮއިކުރި ދީނީ މަންދޫބުންނާ ބައްދަލުކުރައްވައި، އެ ލިޔުމުގެ ރަސްމީ ކޮޕީއާ ހަވާލުވެވަޑައިގެންފައެވެ. މިއީ ސަރުކާރުން ދީންތަކުގެ މެދުގައި އޮންނަ މިފަދަ މަޝްވަރާތަކަށް ދޭ ރަސްމީ އެއްބާރުލުމާއި ތާއީދު ރަމްޒުކޮށްދޭ ކަމެކެވެ.
އިޓަލީގެ 59 މިލިއަން މީހުންގެ އާބާދީގެ ތެރޭގައި ގާތްގަނޑަކަށް 2.8 މިލިއަން މުސްލިމުން ދިރިއުޅެއެވެ. އެއީ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް 4.7 ޕަސެންޓެވެ. ރޯމްގެ ބޮޑު މިސްކިތަކީ އިޓަލީގައި އިސްލާމީ ކަންކަން ކުރިއެރުވުމުގައާއި ސަރުކާރާއި އެހެނިހެން ދީނީ މުއައްސަސާތަކާ އެކު ގުޅުން ބަދަހިކުރުމުގައި އިސް ދައުރެއް އަދާކުރާ މުއައްސަސާއެކެވެ. މި ފަހުމުނާމާގެ ސަބަބުން، އިޓަލީގެ މުޖުތަމައުގައި ސުލްހައާއި އިހުތިރާމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ދާއިމީ އިދާރީ އޮނިގަނޑެއް ގާއިމުވެގެންދާނެ ކަމަށް ބެލެވެއެވެ.






