އިޓަލީގެ މަޝްހޫރު "ވެސްޕާ" ސްކޫޓަރު އުފެއްދިތާ 80 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދުނިޔޭގެ 67 ގައުމަކުން 25،000 އަށް ވުރެ ގިނަ ވެސްޕާ ބައިވެރިވި ބޮޑު ރެލީއެއް އިޓަލީގެ ވެރިރަށް ރޯމްގައި ބާއްވައިފިއެވެ. "ވެސްޕާ ރޯމް 2026 – 80 އިޔަރސް އޮފް އެން އައިކަން" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ވެސްޕާގެ ތާރީޚުގައި ބޭއްވި މިފަދަ އެންމެ ބޮޑު އެއްވުމެވެ.
ޖޫން 27 ވަނަ ދުވަހު ބޭއްވި މި ޚާއްސަ ޕެރޭޑް ފައްޓަވައިދެއްވީ ރޯމްގެ މޭޔަރުގެ އިތުރުން ބައިވެރިވި 67 ގައުމުގެ ވެސްޕާ ކްލަބްތަކުގެ ރައީސުންނެވެ. "ޓާރމޭ ޑި ކަރަކައްލާ" އިން ފެށި މި ޕަރޭޑް ވަނީ ކޮލީޒިއަމް އާއި ޕިއާޒާ ވެނެޒިއާ ފަދަ ރޯމްގެ ތާރީޚީ އެންމެ މަޝްހޫރު މަންޒިލްތައް ހުރަސްކޮށްފައެވެ. މި ޕަރޭޑް ބަލާލުމަށް މަގުތަކުގެ ދެފަރާތުގައި އެތައް ހާސް ބަޔަކު ޖަމާވެ، އެ މަންޒަރުތައް ކެމެރާގައި ރައްކާކޮށްފައިވެއެވެ.
މި ޕެރޭޑްގައި 1946 ވަނަ އަހަރު އުފެއްދި ފުރަތަމަ މޮޑެލް "ވެސްޕާ 98″ އިން ފެށިގެން، 1950 އާއި 60 ގެ އަހަރުތަކުގެ ވިންޓޭޖް މޮޑެލްތަކާއި، މިހާރުގެ ޒަމާނީ "ޕްރިމަވެރާ" އަދި "ޖީޓީއެސް" މޮޑެލްތައް ވެސް ފެނިގެން ގޮސްފައިވެއެވެ.
މި ހަފުލާގެ ތެރެއިން "ފޮރޯ އިޓަލިކޯ" ގައި ގާއިމްކޮށްފައިވާ "ވެސްޕާ ވިލެޖް" ގައި ވެސްޕާގެ ތަރިކައާ ގުޅޭ އެގްޒިބިޝަންތަކާއި، ޕިއާޖިއޯ މިއުޒިއަމްގެ ނާދިރު ވެސްޕާތައް ދައްކާލާފައިވެއެވެ. 1946 ވަނަ އަހަރު އުފަންވި ވެސްޕާ ސައިކަލަކީ އިޓަލީގެ ފަރުމާތަކުގެ ފުރިހަމަކަމާއި، ބޭނުންތެރިކަމުގެ ސަބަބުން މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު ދެ ފުރޮޅުލީ އުޅަނދެވެ.







