ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި ޗައިނާއިން ވަނީ މެދުއިރުމަތީގެ ވާދަވެރި ބާރުތަކާއެކު އެއްވަގުތެއްގައި ގާތް ގުޅުމެއް ބޭއްވުމުގެ ކާމިޔާބީ ހޯދާފައެވެ. އަރަބި ގައުމުތަކުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއަށް ވުމުގެ އިތުރުން، އީރާނާއެކު ސްޓްރެޓީޖިކް ގުޅުން ބަދަހިކޮށް، 2023 ވަނަ އަހަރު ސައުދީ އަރަބިއްޔާ އާއި އީރާނުގެ މެދުގައި ސުލްހަ ގާއިމުކޮށްދިނުމުގެ މޭސްތިރިއަކަށްވެސް ޗައިނާ ވިއެވެ. ނަމަވެސް، މި ފަހުން އީރާނާއި، އިސްރާއީލް އަދި އަރަބި ގައުމުތަކުގެ މެދުގައި އުފެދުނު އަސްކަރީ ނުތަނަވަސްކަމުގެ ސަބަބުން، ޗައިނާގެ މި ހަމަހަމަކުރުމުގެ ސިޔާސަތުގެ ލިމިޓްތައް ވަނީ ހާމަވާން ފަށާފައެވެ.
ޗައިނާއިން އެމެރިކާއާ ޚިލާފަށް މެދުއިރުމަތީގައި އަސްކަރީ އެއްބަސްވުންތަކާއި ސަލާމަތީ ޒިންމާތަކުން ރެކި، ހަމައެކަނި އިގްތިސާދީ ފައިދާ ހޯދުމުގެ ސިޔާސަތެއް ގެންގުޅުނެވެ. ނަމަވެސް ސަލާމަތީ ނުރައްކާތައް ބޮޑުވާ ވަގުތުތަކުގައި، ހަމައެކަނި ކެތްތެރިވުމަށާއި މަޝްވަރާކުރުމަށް ގޮވާލާ ގޮވާލުންތަކަކީ އަރަބި ގައުމުތަކުން މާ ބޮޑު ހިތްހަމަޖެހުމަކާއެކު ބަލައިގަންނަ ކަމެއް ނޫނެވެ. ޚާއްސަކޮށް، އީރާނުގެ އެހީތެރިކަން ލިބޭ ގްރޫޕުތަކުން ދޭ މިސައިލް އަދި ޑްރޯން ހަމަލާތަކާ ކުރިމަތިލާންޖެހޭ ގަލްފުގެ ގައުމުތަކުން ދެކޭގޮތުގައި، ހަމަލާދޭ ފަރާތް ކުށްވެރިކުރަން ޗައިނާއިން ފަސްޖެހުމަކީ އީރާނުގެ ކޮޅަށް ބުރަވުމެވެ.
ބައިނަލްއަގުވާމީ މަސްރަހުގައި އީރާނާ ދެކޮޅަށް ފިޔަވަޅު އަޅަން ޗައިނާއިން ދެކޮޅު ހެދުމުގެ ސަބަބުން، ގަލްފުގެ އސްވެރިންގެ މެދުގައި ޗައިނާއަށް އޮތް އިތުބާރު ކުޑަވަމުންދާކަން ފާހަގަކުރެވެއެވެ.
"ޗައިނާ-އަރަބް ސްޓޭޓްސް ސަމިޓް" ފަސްކުރަން ޖެހުންވެސް ގުޅިފައިވަނީ މި ނުތަނަވަސްކަމާއެވެ. އަރަބި ގައުމުތަކުން ބޭނުންވަނީ ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި ޗައިނާއިން ސިޔާސީ ޒިންމާ ނެގުމަށެވެ. ނަމަވެސް ޗައިނާ ބޭނުންވަނީ ހަމައެކަނި ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި އޮންނާށެވެ. ޗައިނާގެ ނުފޫޒު މެދުއިރުމަތީގައި ބޮޑުވަމުންދާ ވަރަކަށް، ކޮޅެއް ނުނަގައި ހުރަހަށް ހުރުމަކީ ކުރިއަށް އޮތް ތަނުގައި މާ އުނދަގޫ ކަމަކަށް ވާނެއެވެ.





