ޗައިނާގެ އިގްތިސާދީ ކުރިއެރުން ހަމައެކަނި މުދާ އެކްސްޕޯޓްކުރުމުގެ މައްޗަށް ބިނާވެފައި އޮތް އޮތުން ބަދަލުކޮށް، ގައުމުގެ އެތެރޭގެ ރައްޔިތުން މުދާ ގަތުމުގެ ބާރު މެދުވެރިކޮށް އިގްތިސާދު ހަމަހަމަކުރަން ޗައިނާ ސަރުކާރުން ހިފި މިސްރާބު ނާކާމިޔާބުވެއްޖެ ކަމަށް އިގްތިސާދީ މާހިރުން ބުނަން ފަށައިފިއެވެ. އެތެރޭގެ ރައްޔިތުން މުދާ ގަތުމުގެ ބާރު ކުރިއަށް ނެރެ ބޮޑުކޮށް، ރައްޔިތުން ޚަރަދުކުރާ މިންވަރު އިތުރުކުރަން ސަރުކާރުން ބޭނުންވި ނަމަވެސް، ޗައިނާގެ އާންމު ރައްޔިތުން އަދިވެސް އިސްކަންދެނީ ފައިސާ ރައްކާކުރުމަށެވެ.
މި ނާކާމިޔާބީގެ ފަހަތުގައިވަނީ ބެއިޖިންގްގެ ސިޔާސަތުތަކުގެ ފުށުއެރުމެވެ. ޗައިނާގެ ބޯހިޔާވަހިކަމުގެ މާކެޓު އިނދަޖެހުމާ ގުޅިގެން، ގިނަ އާއިލާތަކެއްގެ މުއްސަނދިކަން ވަނީ ދަށްވެފައެވެ. މީގެ އިތުރުން، ގައުމުގެ އިޖުތިމާއީ ރައްކާތެރިކަން ބަލިކަށިވުމުގެ ސަބަބުން، މުސްތަގުބަލުގައި ބަލިމަޑުކަމެއް ނުވަތަ މުސްކުޅިވާ ދުވަހު ބޭނުންކުރަން ފައިސާ ރައްކާކުރަން ރައްޔިތުންނަށް މަޖުބޫރުވެއެވެ. ސަރުކާރުން އާންމު ރައްޔިތުންގެ ޖީބަށް ސީދާ ފައިސާ ފޯރުކޮށްދިނުމުގެ ބަދަލުގައި، އަދިވެސް އިސްކަންދެނީ ފެކްޓްރީތަކާއި އިންފްރާސްޓްރަކްޗާއަށް އިންވެސްޓްކުރުމަށެވެ.
މީގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޭނުންވާ ވަރަށްވުރެ ގިނައިން މުދާ އުފެއްދުމުގެ މައްސަލަ ޗައިނާއަށް ދިމާވެފައިވާ ކަމަށް އިކޮނޮމިކް ޓައިމްސްއިން ބުނެއެވެ. ޗައިނާގެ އެތެރޭގައި އެ މުދާ ބޭނުން ނުކުރެވޭތީ، ހެޔޮ އަގުގައި އެހެން ގައުމުތަކަށް މުދާ ފޮނުވަން ޖެހެއެވެ. މިއީ އެމެރިކާ އާއި ވިލާތުގެ ގައުމުތަކާއެކު ވިޔަފާރީގެ ހަނގުރާމައެއް ފެށެން މެދުވެރިވާ ސަބަބެކެވެ. ޗައިނާގެ އިގްތިސާދީ ސިޔާސަތަށް އަސާސީ ބަދަލެއް ނުގެނެސް، ހަމައެކަނި އުފެއްދުންތެރިކަން އިތުރުކުރުމަކީ ދިގު މުއްދަތަކަށް އެ ގައުމަށް ފައިދާހުރި ކަމެއް ނޫނެވެ.





