ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ގޮވާލައްވާފައިވަނީ އެމެރިކާގެ ޓެކްސަސް އިން ފެށިގެން ތުރުކީގެ ވެރިރަށް އަންކާރާއާ ހަމައަށް އެއްވެސް ހުރަހެއް ނެތް ވަރުގަދަ ސަލާމަތީ އަދި ދިފާއީ ނެޓްވޯކެއް ނޭޓޯއިން ބިނާކުރުމަށެވެ. އަންނަ މަހު އަންކާރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ ސަމިޓާ ގުޅުވައިގެން ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ، މި ބައްދަލުވުމުން އިއްތިހާދުގެ އެއްބައިވަންތަކަން އިތުރަށް ހާމަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަންނަ ޖުލައި މަހުގެ 7 އަދި 8ގައި އަންކާރާގައި ބާއްވާ މި ސަމިޓުގައި ނޭޓޯގެ 32 ގައުމެއްގެ ލީޑަރުންގެ އިތުރުން ގަލްފް ސަރަހައްދާއި އޭޝިއާ ޕެސިފިކްގެ ގައުމުތަކުގެ މަންދޫބުން ބައިވެރިވާނެއެވެ. މި ބައްދަލުވުން ބާއްވަނީ ދިފާއީ ޚަރަދުތައް ބެހުމާ މެދު އިއްތިހާދުގެ އެތެރޭގައި ޚިޔާލުތަފާތުވުންތަކެއް ހުރި އަދި އީރާނު ހަނގުރާމައިގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ހުޅުވުމަށް ބައެއް ގައުމުތަކުން އެއްބާރުލުން ނުދޭ ކަމަށް ބުނެ އެމެރިކާއިން ޝަކުވާކުރަމުންދާ ދަނޑިވަޅެއްގައެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި މިހާރު ދުނިޔޭގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނީ ގައުމުތަކުގެ މެދުގައި ދިފާއީ ވިޔަފާރިއަށް އަޅާފައިވާ ހުރަސްތައް ނައްތާލައިގެންނެވެ. ތުރުކީން ނޭޓޯގެ ދިފާއީ ޚަރަދުތަކުގެ ލަނޑުދަނޑިތައް ހާސިލުކުރަމުންދާއިރުވެސް، ޔޫރަޕުގެ ދިފާއީ ރޭވުންތަކުގައި ތުރުކީގެ ދައުރު ބައެއް ފަހަރު އޮންނަނީ އެކަހެރިކޮށްފައެވެ. އެހެންކަމުން ޔޫރަޕުގެ ސަލާމަތީ ކަންކަމުގައި ތުރުކީގެ ބައިވެރިވުން ފުޅާކުރުމަށް އޭނާ އެދިވަޑައިގަތެވެ. އަދި ސަމިޓުގެ ތެރޭގައި އީރާނާއި، ޔޫކްރެއިން އަދި ޣައްޒާގެ ހަނގުރާމައިގެ މައްސަލަތަކަށް މަޝްވަރާކުރެވޭނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުރުދުޣާނަށް ކުރައްވާ އިހުތިރާމެއްގެ ބޮޑުކަމުން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ތުރުކީން ބޭނުންވާ އެފް-35 މަތިންދާބޯޓުތައް އެ ގައުމަށް ވިއްކުމާ ބެހޭގޮތުން އެމެރިކާއިން ދަނީ އަލުން މުރާޖާ ކުރަމުންނެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ތުރުކީން ބޭނުންވާ ކަންކަމަށް ހައްލެއް ހޯދައިދިނުމަށް އޭނާ މަސައްކަތް ކުރައްވާނެއެވެ.







