އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓް ހައުސްގެ 250 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން "ޓްރޫތް ސޯޝަލް" ގައި ޝާއިއުކުރި، ވައިޓް ހައުސްގެ ބެލްކަނީގައި ބޮޑު ރަން ބާޒެއް ހުރިކަމަށް ދައްކުވައިދޭ ފޮޓޯއަކީ އާޓިފިޝަލް އިންޓެލިޖެންސްބޭނުންކޮށްގެން އުފައްދާފައިވާ ފޭކު ފޮޓޯއެއް ކަމަށް ސީއެންއެން އިން ހާމަކޮށްފިއެވެ.
ފޮޓޯއާމެދު ސުވާލު އުފެދުނު ސަބަބުތައް:
-
ފޮޓޯގައި ހުރި ބެލްކަންޏާއި، އަސްލު ވައިޓް ހައުސްގެ "ޓްރޫމަން ބެލްކަނީ" އާ ދެމެދު ގިނަ ތަފާތުތަކެއް ފާހަގަކުރެވެއެވެ.
-
ފޮޓޯގައި ހުރި އެމެރިކާގެ ދިދަ ނިޝާނުގައި ހުރީ 11 ތަރިއެވެ. ނަމަވެސް އެމެރިކާގެ ފުރަތަމަ 13 ސްޓޭޓް ރަމްޒުކޮށްދޭ އަސްލު ނިޝާނުގައި 13 ތަރި ހުންނަން ޖެހެއެވެ.
-
ފޮޓޯގެ ފައިލް ޑޭޓާއިން ދައްކާ ގޮތުގައި، މިއީ ގޫގުލްގެ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯއެކެވެ.
-
މިނިވަން ފޮޓޯގްރާފަރެއް ކަމަށްވާ އެންޑްރޫ ލީޑަން، ޓްރަމްޕް ފޮޓޯ ޝާއިއުކުރި ވަގުތާ އެއްވަގުތެއްގައި ވައިޓް ހައުސްގެ ބެލްކަނީގެ ފޮޓޯތަކެއް ނެގިއިރު، އެތަނުގައި އެފަދަ ބާޒެއް ގެ ނިޝާނެއް ބަހައްޓާފަ ނެތްކަން ވަނީ ޔަގީންކޮށްދީފައެވެ.
2025 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޓްރަމްޕް ވަނީ ވައިޓް ހައުސްގެ އެތެރެއާއި ބޭރުގައި ގިނަ ބަދަލުތަކެއް ގެންނަވައިފައެވެ. މީގެ ތެރޭގައި އޮފީސްތަކުގައި ރަން ކުލައިގެ ޒީނަތްތެރިކަން އިތުރުކުރުމާއި، ބޮޑެތި ޢިމާރާތްކުރުމުގެ މަޝްރޫއުތައް ހިންގުން ހިމެނެއެވެ.
ރައީސަކު މިފަދަ ފޭކު ފޮޓޯއެއް ޝާއިއުކުރެއްވުމުމުން މީހުން ބުނަނީ އެއީ ޓްރަމްޕެވެ!







