އިޒްރޭލުގެ ސަލާމަތީ ކަންކަމާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވެއްޖެ

ޔަހޫދީ ރެޖީމްގެ "އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް" އިން 2026 ވަނަ އަހަރުގެ ޖޫން މަހު ކުރި ދިރާސާއަކުން، އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ނަތީޖާއާމެދު އިޒްރޭލުގެ ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާކަން ހާމަވެއްޖެއެވެ.

ދިރާސާގެ މައިގަނޑު ހޯދުންތައް:

  • ހަނގުރާމައިގެ ނަތީޖާ: ހަނގުރާމައިން އިޒްރޭލު މޮޅުވި ކަމަށް ގަބޫލުކުރަނީ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ 15% މީހުންނެވެ. 37% މީހުން ދެކޭ ގޮތުގައި އީރާން ހަނގުރާމައިން މޮޅުވީއެވެ. އަދި 43% މީހުން ދެކޭ ގޮތުގައި ހަނގުރާމަ ނިމުނީ އެއްވެސް ފަރާތަކަށް ނުލިބި، ނުނިމި އޮތް ހާލަތެއްގައެވެ.

  • އެމެރިކާއާ އޮތް ގުޅުން: އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވާލި ފަހުމުނާމާއަކީ އިޒްރޭލުގެ މަސްލަހަތުތަކަށް ގެއްލުންހުރި ކަމެއް ކަމަށް 66% މީހުން ދެކެއެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ސަލާމަތީ މަސްލަހަތުތަކަށް ވަފާތެރިކަމަށް ގަބޫލުކުރަނީ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ 12% މީހުންނެވެ.

  • ސަރަހައްދީ ހާލަތު: އިޒްރޭލުގެ އުތުރުގެ ހާލަތާމެދު ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އޮތްކަން ފާހަގަކުރެވެއެވެ. އެގޮތުން، 81% މީހުން ބުނަނީ އުތުރުގެ ސަލާމަތީ ހާލަތުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ރައްކާތެރިކަމެއް އިހުސާސް ނުވާ ކަމަށެވެ.

  • ލުބުނާނުގެ މައްސަލަ: ހިޒްބުالله ޖަމާއަތުން އެއްބަސްވުމަކަށް އައި ކަމުގައި ވިޔަސް، ދެކުނު ލުބުނާނުން ފުރިހަމައަށް ފޭބުމަށް 57% މީހުން ދެކޮޅު ހަދައެވެ. އަދި އެމެރިކާއާ ޚިލާފު އުފެދުނަސް، ލުބުނާނުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް 59% މީހުން ތާއީދުކުރެއެވެ. މީގެ އިތުރުން 52% މީހުން އީރާނާ ދެކޮޅަށް އިތުރު އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ތާއީދުކުރެއެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ޖޫން 16 އިން 22، 2026 އާ ދެމެދުއެވެ. މި ދިރާސާގައި 957 މީހުން ބައިވެރިވެފައިވެއެވެ.

ހިއްސާ ކުރައްވާ!