ނިއުޔޯކުގެ ސަރުކާރު ސްކޫލުތަކުގައި އޭއައި ބޭނުންކުރުން މަނާ ކޮށްދޭން އެދެފި

500 އަށް ވުރެ ގިނަ ފަންނާނުންނާއި ސަގާފީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން، ނިއުޔޯކުގެ ސަރުކާރު ސްކޫލުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކުރުން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ހުއްޓުވުމަށް އެ ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީއަށް ގޮވާލައިފިއެވެ. މި މައްސަލައާ ގުޅިގެން ފެށިފައިވާ ބަހުސް މިހާރު ވަނީ ސްކޫލުތަކުން ބޭރަށް ނުކުމެ، ސިޓީގެ ސިޔާސީ މައިދާނަށް ފުޅާވެފައެވެ.

"ކޯލިޝަން ފޯރ ދަ ސްޓޮޕް އޮފް އޭއައި" އިން ނެރުނު ހުޅުވާލެވިފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، މި ޓެކްނޮލޮޖީ ބިނާވެފައިވަނީ ވަގަށް ނެގުމުގެ މައްޗަށް ކަމަށާއި، މިއީ މިހާރުވެސް ސިޓީގެ ކްލާސްރޫމްތަކަށް ވަދެގަނެފައިވާ އެއްޗެއް ކަމަށެވެ.

ފަންނާނުންގެ ކަންބޮޑުވުންތަކަށް ބަލާއިރު، ޗެޓްޖީޕީޓީ ފަދަ ވަސީލަތްތަކުގެ ސަބަބުން، ދަރިވަރުންގެ ފާޑުކިޔުމުގެ ގާބިލުކަމާއި އުފެއްދުންތެރިކަން ދަށްވެދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ދަރިވަރުންގެ ޑޭޓާ އެއްކުރުމާއި، ޕްރައިވެސީއަށް އަރައިގަތުމުގެ އިތުރުން، އޭއައި ނިޒާމުތަކުގައި ހުންނަ ސަތައްސުބުގެ ސަބަބުން ދަރިވަރުންނަށް ގެއްލުން ވެދާނެ ކަމުގެ އިންޒާރު އެ ފަރާތްތަކުން ދީފައިވެއެވެ. މޭޔަރަށް ފޮނުވި ސިޓީގައި ގޮވާލާފައި ވަނީ އަހަރެމެންގެ ދަރިންގެ މުސްތަގުބަލު، ދުނިޔޭގެ އެންމެ މުއްސަނދި މީހުން މުއްސަނދިކުރުމަށްޓަކައި ގުރުބާން ނުކުރުމަށެވެ.

މިހާރުގެ ހާލަތަށް ބަލާއިރު، ހަރުދަނާ އުސޫލުތަކެއް ކަނޑައެޅެންދެން، އޭއައި ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓުވުމަށް ނިއުޔޯކުގެ ސިޓީ ކައުންސިލުގެ ގިނަ މެމްބަރުން ވަނީ ތާއީދުކޮށްފައެވެ. މި ހުއްޓުވުމަށް ތާއީދުކޮށް، ނިއުޔޯކުގެ ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން 4,000 އަށް ވުރެ ގިނަ ސޮއި ވަނީ އެއްކޮށްފައެވެ. ބްރޫކިންސް ފައުންޑޭޝަނުން ބުނާ ގޮތުގައި، ކުޑަކުދިންގެ ތައުލީމީ ދާއިރާގައި އޭއައިގެ ސަބަބުން ލިބޭ ފައިދާއަށް ވުރެ އޭގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް މާ ބޮޑެވެ.

ކޭލީ ކްލޭންސީ ނަމަކަށް ކިޔާ ބެލެނިވެރިއަކު ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ނިއުޔޯކުގެ ގިނަ ސްކޫލު ކޮމްޕިއުޓަރުތަކުގައި ގޫގުލް ޖެމިނާއި އާއި އެހެނިހެން އޭއައި ޓޫލްތައް ވަނީ އިންސްޓޯލްކޮށްފައެވެ. މި ހުޅުވާލެވިފައިވާ ސިޓީއަކީ މޭޔަރު މަމްދާނީގެ ވިސްނުން ހުރި ގޮތް ދަނެގަނެވޭނެ އާންމު އިމްތިހާނެއްގެ ގޮތުގައި އެމެރިކާގެ މީޑިއާ ސިފަކުރެއެވެ.

ހިއްސާ ކުރައްވާ!