އެއާ އިންޑިއާއިން ޖުލައި 1 އިން ފެށިގެން ދިއްލީއާއި މެލްބަންއާ ދެމެދު ކުރާ ދަތުރުތަކުގައި، ކެބިންތަކުގެ އެތެރެއަށް ޒަމާނީ ބަދަލުތަކެއް ގެނެސްފައިވާ ބޮއިންގ 777-300އީއާރް މަރުކާގެ މަތިންދާބޯޓު ބޭނުންކުރަން ފަށާނެއެވެ. މި ބޯޓު ބޭނުންކުރަން ފެށުމުން، މިހާރު އެ ރޫޓުގައި ބޭނުންކުރާ މަތިންދާބޯޓު ބަދަލުވެގެންދާނެއެވެ. މިއީ މި ރޫޓުގެ ޕްރީމިއަމް ސީޓުތަކުގެ އަދަދަށާއި، ފަސިންޖަރުންގެ އަރާމަށާއި، ބޯޓުތެރޭގެ ޚިދުމަތްތަކަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، މި ބަދަލާއެކު އެއާ އިންޑިއާއިން މި ރޫޓަށް ފުރަތަމަ ފަހަރަށް ފަސްޓް ކްލާސްގެ ޚިދުމަތް ތައާރަފުކުރާނެއެވެ.
އެއާ އިންޑިއާގެ ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ތިން ކްލާހަކަށް ބަހާލައިގެން ފަރުމާކޮށްފައިވާ މި ބޮއިންގ ބޯޓުގައި ފަސްޓް ކްލާހުގެ 8 ސުއިޓް، އޮށޯވެވޭ ގޮތަށް ހުންނަ ބިޒްނަސް ކްލާހުގެ 40 ބެޑް، އަދި އިކޮނޮމީ ކްލާހުގެ 280 ސީޓު ހުންނާނެއެވެ. މިއީ މިހާރު މި ރޫޓުގައި ބޭނުންކުރާ ބޮއިންގ 787-8 ބޯޓާ އަޅާބަލާއިރު ޕްރީމިއަމް ސީޓުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމެކެވެ. މިހާރު ބޭނުންކުރާ ބޯޓުގައި ހުންނަނީ ބިޒްނަސް ކްލާހުގެ 28 ސީޓާއި އިކޮނޮމީ ކްލާހުގެ 241 ސީޓެވެ.
މި އާ ބޯޓާއެކު އެއާ އިންޑިއާއިން މެލްބަން ދަތުރުތަކުގެ ފެންވަރު އެއް ހަމައެއްގައި ހިފަހައްޓައި، ދުނިޔޭގެ ފެންވަރުގެ އެއާލައިނަކަށް ވުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރާނެއެވެ. މި ބަދަލުގެ ސަބަބުން މެލްބަންއަށް ދަތުރުކުރާ ފަސިންޖަރުންނަށް ގިނަ ޚިދުމަތްތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި:
-
ފަސްޓް ކްލާސް: ކޮންމެ ފަސިންޖަރަކަށް ވަކިން އަރާމު ޕްރައިވެޓް ސުއިޓެއް ލިބޭނެއެވެ. މި ސުއިޓްތަކުގައި ހުންނަ ލެދަރު ސީޓުތައް އެއްކޮށް އޮށޯވެވޭ އެނދަކަށް ބަދަލުކޮށްލެވޭއިރު، ޕްރައިވެޓް ދޮރުތަކާއި، ޚާއްޞަ ކާނާގެ ޚިދުމަތްތަކާއި، އަމިއްލަ އެހީތެރިއެއްގެ ޚިދުމަތް ލިބޭނެއެވެ.
-
ބިޒްނަސް ކްލާސް: ބިޒްނަސް ކްލާހުގެ ޚިދުމަތްތައް ވެސް ވަނީ ވަރަށް ބޮޑަށް މަތީ ފެންވަރަކަށް ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި އެއްކޮށް އޮށޯވެވޭ ގޮތަށް ހުންނަ ސީޓުތަކާއި، އިތުރު ޖާގައާއި ނިވާކަން ލިބޭނެއެވެ.
-
ވައިފައި: މި ރޫޓުގައި ފުރަތަމަ ފަހަރަށް ވައިފައިގެ ޚިދުމަތް ތައާރަފުކުރުމުން، ފަސިންޖަރުންނަށް ދަތުރުމަތީގައި އާއިލާއާއި އޮފީހުގެ މަސައްކަތްތަކާ ގުޅިފައި ތިބެވޭނެއެވެ.
-
ކާބޯތަކެތި: އިންޑިއާގެ މީރު ރަހަތަކުގެ އިތުރުން ދުނިޔޭގެ މަޝްހޫރު ކާނާތައް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އާ މެނޫތަކެއް ތައާރަފުކުރާނެއެވެ. މީގެ އިތުރުން މަތީ ފެންވަރުގެ ވައިނާއި ބުއިންތައް ވެސް ލިބޭނެއެވެ.
-
މުނިފޫހިފިލުވުން: ބޯޓުގައި ހުންނަ ސްކްރީންތަކުން ފިލްމުތަކާއި، ޓީވީ ޝޯތަކާއި، މިއުޒިކްގެ ލައިބްރަރީ ވަނީ ކުރިއަށްވުރެ މުއްސަނދިކޮށް، ދުނިޔޭގެ ހުރިހާ ރަހަތަކަކަށް ފެތޭގޮތަށް ތައްޔާރުކޮށްފައެވެ.
މަތިންދާބޯޓަށް ގެނައި މި ބަދަލަކީ ކަސްޓަމަރުންގެ މުޅި ދަތުރުގެ ތަޖުރިބާ ފުރިހަމަކުރުމަށް އެއާ އިންޑިއާއިން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ބައެކެވެ. އެގޮތުން، ދިއްލީ އެއާޕޯޓުގައި ހުންނަ އެއާލައިނުގެ އާ ފްލެގްޝިޕް "މަހާރާޖާ ލައުންޖް" ގެ ޚިދުމަތް ޕްރީމިއަމް ކަސްޓަމަރުންނަށް ލިބޭނެއެވެ. އެ ތަނުން މަތީ ފެންވަރުގެ ކެއުމާއި، އަރާމު ސީޓުތަކާއި، ޚިދުމަތްތައް ފްލައިޓަށް އެރުމުގެ ކުރިން ލިބޭނެ ކަމަށް އެއާލައިނުން ބުނެއެވެ.
މި ހުރިހާ ބަދަލުތަކަކުން ދައްކުވައިދެނީ އެއާ އިންޑިއާގެ ފްލީޓް ޒަމާނީކޮށް، ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ކަސްޓަމަރުންނަށް ފަސޭހަ އަދި މަތީ ފެންވަރުގެ ޚިދުމަތެއް ދިނުމަށް އެ ކުންފުނިން ބަހައްޓާ އަހައްމިއްޔަތެވެ.
އޮސްޓްރޭލިއާއަކީ އެއާ އިންޑިއާއަށް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގޮތުން މުހިންމު، އަދި ޑިމާންޑް ބޮޑުވަމުންދާ މާކެޓެކެވެ. ދިއްލީ-މެލްބަން ރޫޓަށް ބޮއިންގ 777-300އީއާރް ތައާރަފުކުރުމުން އެނގެނީ، ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކޮށް، ދުނިޔޭގެ ފެންވަރުގެ ވާދަވެރި ޚިދުމަތެއް ދިނުމަށް އެއާލައިނުން ދޭ ސަމާލުކަމެވެ.
އެއާ އިންޑިއާއިން މިހާރު ދިއްލީއާއި މެލްބަންއާ ދެމެދު ހަފުތާއަކު 4 ފްލައިޓް ސީދާ ދަތުރުތަކުގެ ގޮތުގައި ބާއްވައެވެ. ނަމަވެސް، 2026 ސެޕްޓެމްބަރު 1 އިން ފެށިގެން ހަފުތާއަކު 7 ދަތުރު ބާއްވަން ވަނީ ތާވަލުކޮށްފައެވެ.
މީގެ އިތުރުން، މި ފްލައިޓްތަކުން ދިއްލީއަށްދާ ފަސިންޖަރުންނަށް، އެއް ޓާމިނަލަކުން ޔޫރަޕްގެ އެކި މަންޒިލްތަކަށް، ލަންޑަން ހީތުރޯ، ފްރެންކްފަަރޓް، ޕެރިސް، ރޯމް، މިލާން، އަދި ޒިއުރިކް ފަދަ ސިޓީތަކަށް ފަސޭހަކަމާއެކު ފްލައިޓް ބަދަލުކޮށްލެވޭނެއެވެ. އެއާ އިންޑިއާއިން ދިއްލީއާއި ސިޑްނީއާ ދެމެދު ވެސް ސީދާ ދަތުރުތައް ބާއްވައެވެ. އެ ދަތުރުތަކުން ވެސް ޔޫކޭއާއި ޔޫރަޕްގެ އެހެން ގައުމުތަކަށް މިފަދަ ފަސޭހަ ކަނެކްޝަންތައް ފަސިންޖަރުންނަށް ލިބިގެންދާނެއެވެ.





