ކުޑަކުއްޖަކު ކުޅެން އުޅުމުގެ ތެރޭގައި އެތައް ލައްކަ ރުފިޔާއެއްގެ އަގުހުރި މޮބައިލް ފޯނުތަކެއް އަންދާލައިފިނަމަ މައިންބަފައިން ހަދާނީ ކިހިނެއް ހެއްޔެވެ؟ ގަބޫލުކުރަން ދަތިވި ނަމަވެސް، ޗައިނާގެ ކުއްޖަކު ގޭތެރޭގައި ކުޅެން އުޅުމުގެ ތެރޭގައި ނޭނގި ހުރެ އެތައް ޑަޒަން ފޯނު ވަނީ އަންދާލާފައެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން އެ ކުއްޖާގެ ބައްޕަ ކަންތައް ކުރި ގޮތުގެ ސަބަބުން، އެ ވާހަކަ މިހާރު ވަނީ އިންޓަނެޓުގައި ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.
ޗައިނާގެ ސިޓީއެއް ކަމަށްވާ ޝެންޒެންއަށް ނިސްބަތްވާ ޕެންގް އަކީ މޮބައިލް ފޯނު ވިއްކާ މީހެކެވެ. އޭނާ ވިޔަފާރިކުރާ ގިނަ އަދަދެއްގެ ފޯނުތައް ގޭގައި ވެސް ބަހައްޓާފައި ހުރެއެވެ. އޭނާގެ 5 އަހަރުގެ ދަރިފުޅު ގޭތެރޭގައި ކުޅެން އުޅުމުގެ ތެރޭގައި، ކަރަންޓު ނަރަކުން ޝޯޓްސާކިޓްވެގެން ކަނިބުރާތަން ފެނުމުން، ރުމާލެއްގައި ރޯކޮށްލަން އެ ކަނިތައް ބޭނުންކުރިއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، ފޯނުތައް ބަހައްޓާފައި ހުރި ވޯކްޝޮޕްގައި ހުޅުރޯވެ، އެ ތަނުގައި ހުރި 30 އަށްވުރެ ގިނަ ފޯނު އެއްކޮށް އަނދައި އަޅިއަށްވިއެވެ. މި ހުރިހާ ފޯނެއްގެ ޖުމްލަ އަގު 200،000 (ދެލައްކަ) ޗައިނީޒް ޔުއާން (ގާތްގަނޑަކަށް 27،500 އެމެރިކާ ޑޮލަރު) އަށް އަރާއިރު، އެ ތަކެތީގެ އިންޝުއަރެންސް ވެސް ހަދާފައެއް ނެތެވެ.

އަލިފާންގަނޑު ފެތުރެން ފެށުމުން، މެންދުރުފަހު ނިދާފައި އޮތް ބައްޕައާ ހަމައަށް އަލިފާންގަނޑު ހިނގައިދާނެތީ އެ ކުއްޖާ ބިރުގަތެވެ. އެހެންވެ، އެ ކުއްޖާ ޕެންގް ނިދާފައި އޮތް ކޮޓަރީގެ ދޮރު ބަންދުކުރުމަށްފަހު، އަމިއްލައަށް ސަލާމަތްވާން އެހެން ކޮޓަރިއެއްގައި ފިލާ އޮތެވެ.
ޕެންގް ފަހުން ކިޔައިދިން ގޮތުގައި، "މަގޭ ދަރިފުޅު އަހަރެން ހޭލައްވާކަށް ނޫޅޭ. އޭނާ ހެދިގޮތަކީ އަހަރެން އޮތް ކޮޓަރީގެ އެއާކޮންޑިޝަނަރު ޖައްސައިދިނީ. އެކަމަކު އޭރު އަލިފާންގަނޑު ވަނީ ވޯކްޝޮޕާއި އެހެން ކޮޓަރިއަކަށް ފެތުރި، ބޮޑެތި ގެއްލުންތަކެއް ދީފައި." ނަސީބަކުން މި ހާދިސާގައި ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުވެއެވެ. އަދި އަލިފާންގަނޑު ނިއްވާލުމުން، އެ ކުއްޖާ އަމިއްލައަށް ތަޅުންގަނޑު ސާފުކުރަން ވެސް މަސައްކަތްކުރިއެވެ.
ޕެންގްއަށް މިކަން އެނގުމުން، ދަރިފުޅަށް ހަޅޭއްލަވައި އަދަބުދިނުމުގެ ބަދަލުގައި، ވަރަށް މަޑުމައިތިރިކަމާއެކު "ދަރިފުޅު ހުރީ އުފަލުންތަ؟" އޭ އެހިއެވެ. އެ ވަގުތު ކުއްޖާ ބިރުން ހުރެ ބޯޖަހާލިއެވެ. އެއަށްފަހު ޕެންގް މި ހާދިސާ ބޭނުންކުރީ ދަރިފުޅަށް ދަރުސެއް ދިނުމަށެވެ. އޭނާ ބުނީ އަލިފާނާ ކުޅޭ މީހުން އަމިއްލައަށް ފިހޭނެ ކަމަށާއި، އެހެންވީމާ އަބަދުވެސް އަލިފާނާ ދުރުގައި އުޅުމަށެވެ.
ޕެންގްއަށް ފާހަގަކުރެވުނު ގޮތުގައި، އޭނާގެ ދަރިފުޅު ވަނީ ވޯކްޝޮޕްގައި ހުރި އޭނާގެ ސިނގިރޭޓް ފޮށިތައް އަލިފާނުން ސަލާމަތްކޮށްދީފައެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން، ކުއްޖާ ޖީބުފައިސާގެ ގޮތުގައި ރައްކާކޮށްފައި ހުރި ފައިސާ ބައްޕައަށް ދޭން ވެސް ހުށަހެޅިއެވެ.
ޕެންގް ބުނި ގޮތުގައި އޭނާ ކުޑައިރު، ކަމެއް ގޯސްވުމުން މައިންބަފައިން އެއްޗެހި ކިޔާފާނެތީ އަބަދުވެސް ވަރަށް ބިރުގަނެއެވެ. އެހެންކަމުން، އޭނާ ބޮޑުވެގެން އަބަދުވެސް ބޭނުންވީ އަމިއްލަ ދަރިންނަށް އޯގާތެރިކަމާއެކު ރަނގަޅަށް ކަންތައް ކުރާށެވެ.







