ގޫގުލް ކުންފުނީގައި މަސައްކަތްކުރަމުންދިޔަ އައި.ޓީ މާހިރަކު، އަމިއްލަ ރެސްޓޯރެންޓެއް ހުޅުވުމަށްޓަކައި އެތައް ލައްކަ ޑޮލަރެއްގެ ބޮޑު މުސާރަ ލިބޭ ވަޒީފާ ދޫކޮށްލައިފިއެވެ. މީޑިއާ ރިޕޯޓްކުރާ ގޮތުގައި، މައިކްރޯސޮފްޓް ގޫގުލް، ޔޫޓިއުބް އަދި ކްރޫޒް ފަދަ މަޝްހޫރު ކުންފުނިތަކުގައި 14 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ އުމުރުން 35 އަހަރުގެ އައި.ޓީ އެކްސްޕާޓް، ޞަލާޙުއްދީން ޢަބްދުލްކާފީ ވަނީ ރެސްޓޯރެންޓް ވިޔަފާރީގެ ތެރެއަށް ވަނުމަށްޓަކައި އޭނާގެ ވަޒީފާއިން ވަކިވެފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި އައިޓީ މާހިރު ވަޒީފާގައި އުޅުނުއިރު އަހަރަކު 450،000 (ހަތަރު ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދިއެވެ. އޭނާ މި ވަޒީފާ ދޫކޮށްލީ އެމެރިކާގެ ޓެކްސަސްސްޓޭޓުގައި ހަލާލު ބާބަކިއު ރެސްޓޯރެންޓެއް ހުޅުވުމަށެވެ.

މިކަމާ ގުޅިގެން ޞަލާޙުއްދީން ޢަބްދުލްކާފީ ބުނީ، އޭނާ އެހާ ބޮޑު މުސާރައެއް ލިބޭ ވަޒީފާ ދޫކޮށްލަން ނިންމީ ޓެކްނޮލޮގީގެ ދާއިރާއިން ފޫހިވުމުންނެވެ. އަދި އެ ދާއިރާގެ މަސައްކަތްތައް ބޮޑަށް ބިނާވެފައި ހުރީ މީހުންގެ ދިރިއުޅުން ބަދަލުކުރުމުގެ ބަދަލުގައި ހަމައެކަނި ފައިސާ ހޯދުމުގެ މައްޗަށް ކަމަށްވާތީއެވެ.
ޢަބްދުލްކާފީ ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، އޭނާ "ކާފީ ބާބަކިއު" ރެސްޓޯރެންޓް ހުޅުވީ 2024 ޑިސެމްބަރުގައެވެ. ފުރަތަމަ ތިން ދުވަހަށް ވާވަރަށް ބާބަކިއު ތައްޔާރުކުރި ނަމަވެސް، ހުޅުވި ފުރަތަމަ ދުވަހު އެ ތަކެތި އެއްކޮށް ހުސްވުމުން ޖެހުނީ އަލުން ތައްޔާރުކުރާށެވެ.
ޓެކްސަސްގެ އިތުރުން މުޅި އެމެރިކާގައި ވެސް މި ރެސްޓޯރެންޓަށް ބޮޑު މަގުބޫލުކަމެއް ލިބެމުންދާއިރު، ޢަބްދުލްކާފީ ހާމަކުރި ގޮތުގައި މިދިޔަ އަހަރު ރެސްޓޯރެންޓަށް 2.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އަދި މި އަހަރު އެ ތަނުގެ އާމްދަނީ 4 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އޭނާ ލަފާކުރެއެވެ.






