ދުނިޔޭގެ އެންމެ ބޮޑު ކަނޑު، ޕެސިފިކް ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި، އިންޖީނު ހަލާކުވެފައިވާ ކުޑަކުޑަ ޑިންގީއްގައި އެކަނިމާ އެކަނި 8 ދުވަސް ހޭދަކުރަންޖެހިއްޖެނަމަ އިންސާނެއްގެ ހިތަށް އަރާނީ ކީކޭ ހެއްޔެއްވެ؟ ގިނަ މީހުންނަށް އެއީ މަރުގެ ތުންފަތްމައްޗަށް ދެވުމެވެ. ނަމަވެސް، ކުކް އައިލެންޑްސްއަށް ނިސްބަތްވާ މަސްވެރިޔާ، ޖޫނިއަރ އަޕިއުޓާ އަޕިއުޓާގެ ވާހަކައަކީ އުންމީދާއި، ކެތްތެރިކަމާއި، ދިރިހުރުމަށް ކުރި ހިތްވަރުގަދަ ޖިހާދެއްގެ ލާމަސީލު މިސާލެކެވެ.
ޖޫން 11 ވީ އަންގާރަ ދުވަހަކީ ޖޫނިއަރގެ އުފަން ރަށް ކަމަށްވާ ޕުކަޕުކާގައި ވަރަށް އާދައިގެ ދުވަހެކެވެ. ރަށުގައި އޮތް ފޯރިގަދަ ވޮލީ މެޗެއް ކުޅެ ނިންމާލުމަށްފަހު، ހަވީރުގެ ފިންޏަށް އޭނާ ކަނޑަށް ނިކުތީ އާދައިގެ މަތިން މަސްބާނާށެވެ. އެ ވަގުތު ވައިވެސް ވަރަށް ގަދައެވެ. ކަނޑުގެ އޮއިވަރަށްވުރެ ބޮޑަށް އޭނާގެ ސަމާލުކަން ހުރީ އުޑުމަތިން އުދުހެމުންދިޔަ ދޫނިތަކަށެވެ. އެއީ ދޫނި އުޅޭ ސަރަހައްދުގައި މަސް ގިނަވާނެތީއެވެ.
ނަމަވެސް، ދޫނިތަކުގެ ފަހަތުން ދުއްވަނިކޮށް، ކުއްލިއަކަށް ޑިންގީގެ އިންޖީނު ހުއްޓުނެވެ. އޭރު ވަށައިގެންވަނީ ކަނޑުގެ އަނދިރިކަމެވެ. އިންޖީނު މަރާމާތުކުރާނެ އެއްވެސް އާލާތެއް ޑިންގީއަކު ނެތެވެ. ވައިގެ ބާރުމިން ދިޔައީ އެއް ބުރަކަށްވުރެ އަނެއް ބުރަކަށް ގަދަވަމުންނެވެ.
"އެ ވަގުތު ކަނޑަށް ފުންމާލައިގެން ފަތާފައި ރަށަށް ދާން އަހަރެން ހިތަށްއެރި. އެކަމަކު އެއީ ކުރެވޭނެ ކަމެއް ނޫންކަން އެނގޭތީ ޑިންގީގައި މަޑުކުރީއެވެ،" ޖޫނިއަރ އޭނާގެ ހިތަށް ވަން ބިރުވެރި ޚިޔާލު ހިއްސާކުރަމުން ބުންޏެވެ.
ޖޫނިއަރގެ ޑިންގީ ރާޅުތަކުގެ ތެރޭގައި ދުވަމުންގޮސް، ރަށުގެ މަލަމަތި އޮބައި މާ ދުރަށް، ފުން ކަނޑުގެ ތެރެއަށް ގެއްލުނެވެ. ފުރަތަމަ ރޭ ހޭދަވެގެންދިޔައީ ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ ތެރޭގައެވެ.
ޖެހިގެން އައި ދުވަސްތަކުގައި މޫސުން އިތުރަށް ގޯސްވިއެވެ. ބިޔަ ރާޅުތައް މެދުނުކެނޑި ޑިންގީގައި ޖެހެމުންދިޔައިރު، އުޑުމަތިން އޮއްސަމުންދިޔައީ ބޯ ވާރެއެވެ. ފިނިގަދަކަމުން މުޅި ހަށިގަނޑު ހުރީ ގަނޑުވާން ކައިރިވެފައެވެ. ކަނޑަށް ވެއްޓުނަނުދީ ސަލާމަތްވުމަށްޓަކައި އޭނާ އޮތީ ޑިންގީގެ ތަޅުންގަނޑުގައި ބާރަށް ހިފަހައްޓައިގެން އޮށޯވެގެންނެވެ.
ޖޫނިއަރގެ އަތުގައި ހުރީ ވަރަށް މަދު އެއްޗެހިކޮޅެކެވެ. އެއީ ދެ ފެން ފުޅިއާއި، ބާލިދީއަކާއި، މަސްބާނާ ސާމާނާއި، ރަޖައެއް އަދި ކުޑަ އައިސްބޮކްސްއެކެވެ. ދިރިހުރުމުގެ ޖިހާދުގައި އޭނާ ކެއީ އޭނާ ބޭނި ރޯމަހެވެ. ކަރުހިއްކުން ފިލުވީ ބާލިދީއަށް ނެގި ވާރޭފެނުންނެވެ. ރޭގަނޑުގެ ގަދަ ފިނިން ސަލާމަތްވުމަށް އޭނާ ބޭނުންކުރީ އަތުގައި އޮތް ރަޖައާއި އައިސްބޮކްސްއެވެ.
"ރޭގަނޑު އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯވޭ. ފިނިގަދަކަމުން ހީވަނީ ގަނޑުވެދާނެހެން،" އޭނާގެ ހިތްދަތި ހާލަތު ބަޔާންކުރަމުން ޖޫނިއަރ ބުންޏެވެ.
ދަތުރުގެ ތިންވަނަ ދުވަހު ދުރުން ފެނުނު އަލިކަމަކަށް ދޯނި މިސްރާބު ކުރަން އޭނާ ކުރި މަސައްކަތް، ބާރުގަދަ ވަޔާއި އޮއިވަރުގެ ސަބަބުން ނާކާމިޔާބުވިއެވެ. އެކަމަކުވެސް އޭނާ އުންމީދު ކަނޑައެއް ނުލައެވެ.
ކަނޑުމަތީގައި ބެހެމުންދާތާ 8 ވަނަ ދުވަހު، ޖޫނިއަރއަށް އިވުނީ މަތިންދާބޯޓެއްގެ އަޑެވެ. އެއީ އޭނާ ހޯދުމުގެ މަސައްކަތުގައި އުޅުނު ނިއުޒިލޭންޑް އެއާފޯސްގެ ފްލައިޓެކެވެ. އެ ފްލައިޓަށް ކަނޑުމަތިން މި ކުޑަ ޑިންގީ ފެނުމާއެކު، ކައިރީގައި އޮތް ޓައިވާނުގެ ބޯޓަކަށް އެންގިއެވެ. އަދި އެ ބޯޓުން އައިސް ޖޫނިއަރު ސަލާމަތްކުރިއެވެ.
ބޯޓުގެ މުވައްޒަފުން އޭނާއަށް ހޫނު ފެނުން ފެންވަރުވައި، މީރު ކާނާ ދިނުމަށްފަހު، އާއިލާއާ ގުޅޭނެ އިންތިޒާމު ހަމަޖެއްސިއެވެ. ފޯނު ލިބުމާއެކު އޭނާ އެންމެ ފުރަތަމަވެސް ގުޅީ އޭނާގެ ލޯބިވާ އަނބިމީހާއަށެވެ.
"ލޯބި، އަހަރެން ސަލާމަތުން އެބަހުރިން،" އެއީ 8 ދުވަހުގެ ބިރުވެރި ހިމޭންކަމަށްފަހު އޭނާގެ އަނބިމީހާއަށް އިވުނު އުންމީދީ އަޑެވެ.
މިހާރު ނިއުޒިލޭންޑުގައި ހުރި ޖޫނިއަރު، ވަރަށް އަވަހަށް އެނބުރި އޭނާގެ އުފަން ރަށަށް ދާނެއެވެ. ކަނޑުގެ ބިރުވެރިކަން ފެނި، މަރުގެ ތުންފަތްމަތިން އެނބުރި އައި ނަމަވެސް، އޭނާ މަސްވެރިކަން ދޫކޮށްލާކަށް ނުވިސްނައެވެ. "އަހަރެން ކުރިއަށް އޮތް ތަނުގައިވެސް މަސްވެރިކަން ކުރާނަން، އެކަމަކު ދެން ދަތުރުކުރާނީ ކުރިއަށްވުރެ މާ ބޮޑަށް ސަމާލުވެގެން،" ހިނިތުންވުމަކާއެކު ޖޫނިއަރު އޭނާގެ ވާހަކަ ނިންމާލިއެވެ.







