އީރާނު ހަނގުރާމައާއި އޭގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރަން ޖެހުމުން ގިނަ ގައުމުތަކަކަށް ބޮޑެތި އިގްތިޞާދީ ގެއްލުންތަކެއް ކުރިމަތިވެއްޖެއެވެ. ހަކަތައާއި، ގަސްކާނާ އަދި ކެމިކަލްތަކުގެ އަގު އުފުލުމުން ސިނާއީ ދާއިރާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއިރު، މިއާ ހިލާފަށް ޗައިނާއަށް މިކަމުން ލިބުނީ ވިޔަފާރީގެ ބޮޑު ކުރިއެރުމެކެވެ.
ނިއުޔޯކް ޓައިމްސްގެ ރިޕޯޓެއް ބުނާގޮތުން، ހަކަތައިގެ އަގުބޮޑުވުމާއި މުދާ އުފުލުމުގެ ނިޒާމަށް އައި ލޮޅުންތަކުގެ ސަބަބުން ބެއިޖިންއަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ޗައިނާ ސަރުކާރުން ވަނީ ގައުމުގެ އިގްތިޞާދަށް އަތުވެދާނެ ބޮޑު ތަދ ކަމަކުން ސަލާމަތްވެފައެވެ.
ވޮޝިންގޓަންގެ ދި އޭޝިއާ ގްރޫޕް ކޮންސަލްޓެންސީން ނެރުނު ދިރާސާއަކުން ދައްކާގޮތުގައި، ޗައިނާއިން ރައްކާކޮށްފައި ހުރި ތެލާއި ގޭހުގެ އިތުރުން، އެގައުމުން އުފައްދާ އިއާދަކުރަނިވި ހަކަތައިގެ އެހީގައި މި ކާރިސާގެ އެންމެ ނުރައްކާތެރި އަސަރުތަކުން ސަލާމަތްވިއެވެ. މީގެ ސަބަބުން މުދާ އުފައްދާ މައިގަނޑު މަންޒިލެއްގެ ގޮތުގައި ޗައިނާ އޮތް މަގާމު އިތުރަށް ވަރުގަދަވިއެވެ.
އެ ކުންފުނިން ވަނީ ހުރްމުޒް ކަނޑުއޮޅީގެ މައްސަލަތަކުން އޭޝިއާގެ އިގްތިޞާދަށާއި ސިޔާސީ މަސްރަހަށް ކުރި އަސަރުތައް ދިރާސާކޮށްފައެވެ. އެގޮތުން ޗައިނާ ސަރުކާރުން ވަނީ އަގުތައް ކޮންޓްރޯލްކުރުމާއި، އެކްސްޕޯޓް ލިމިޓްކުރުމާއި، ސަރުކާރުގެ އެހީ ދިނުމާއި، ފައިސާގެ ރޭޓު ހިފެހެއްޓުން ފަދަ އުކުޅުތައް ބޭނުންކޮށްގެން އިގްތިޞާދަށް އައި ލޮޅުންތައް ކުޑަކޮށްފައެވެ.
މީގެ އިތުރުން، މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔެއަށް އެންމެ އިތުބާރު ހުރި ބައިވެރިޔަކީ ޗައިނާކަން ހާމަވެގެންދިޔައެވެ. އަދި ދުނިޔޭގެ ބާޒާރުގައި ޗައިނާއިން ރަސްކަންކުރާ ސޯލާ ޕެނަލް، ބެޓެރީ، އަދި އިލެކްޓްރިކް ކާރު ފަދަ އިއާދަކުރަނިވި ހަކަތައިގެ އުފެއްދުންތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓްކަން ކުރެއްވި އަދި ދި އޭޝިއާ ގްރޫޕްގެ ފައުންޑަރު ކާރޓް ކޭމްޕްބެލް ވިދާޅުވި ގޮތުގައި، މި ކާރިސާގައި އެންމެ ބޮޑު މޮޅެއްލިބުނީ ޗައިނާއަށެވެ.
ޗައިނާގެ ކެމިކަލްގެ ކާރުހާނާތައް އަދިވެސް ބަރޯސާވަނީ ހުރްމުޒް ކަނޑުއޮޅިން އެތެރެކުރާ ސަލްފަރ، ހީލިއަމް އަދި ނެފްތާގެ މައްޗަށެވެ. ނަމަވެސް ޗައިނާއިން ވަނީ އެގައުމުގެ ރައްކާތެރިކަމުގެ ކޯޓާ ބޭނުންކޮށްގެންނާއި، ތެޔޮ ސާފުކުރާ ކާރުހާނާތަކުން ބޭރަށް ފޮނުވާ މިންވަރު ކޮންޓްރޯލްކޮށްގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވުމުން ކުރި އަސަރު ކުޑަކޮށްފައެވެ. އެގޮތުން މޭ މަހު ޗައިނާއިން ތެޔޮ އެތެރެކުރި މިންވަރު 30 އިންސައްތައަށްވުރެ ބޮޑަށް ދަށްކުރުމުން، ދުނިޔޭގެ ބާޒާރުގައި އެހެން ގައުމުތަކަށް ގަންނަން ލިބޭނެ ތެލުގެ މިންވަރު އިތުރުވިއެވެ.
އީރާނު ހަނގުރާމައިގެ ސަބަބުން ވޭތުވެދިޔަ ތިން މަސްދުވަހު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ދުނިޔޭގެ އެންމެ ބޮޑު ސިނާއީ ސަރަހައްދު ކަމަށްވާ އޭޝިއާއަކީ މެދުއިރުމަތީގެ ހަކަތައަށް އެންމެ ބޮޑަށް ބަރޯސާވާ ސަރަހައްދެވެ. އެގޮތުން އޭޝިއާއަށް އެތެރެކުރާ ތެލުގެ 80 އިންސައްތަ އަދި ގޭހުގެ 90 އިންސައްތަ ދަތުރުކުރަނީ ހޮރްމުޒް ކަނޑުއޮޅިންނެވެ.
ނަމަވެސް މި މައްސަލައިގެ އަސަރު ހަމައެކަނި ހަކަތައިގެ ބާޒާރަށްވުރެ މާ ދުރަށް ފެތުރިގެންދިޔައެވެ. ޕްލާސްޓިކް އުފެއްދުމަށް ބޭނުންކުރާ 'ނެފްތާ' އާއި، ސެމީކޮންޑަކްޓާ އަދި އެމް.އާރް.އައި މެޝިންތަކަށް ބޭނުންވާ 'ހީލިއަމް' ގެ އިތުރުން، އިލެކްޓްރިކް ކާރުގެ ބެޓެރީއަށް ބޭނުންވާ ނިކަލް އަދި ކޮޕާ ސާފުކުރަން ބޭނުންވާ 'ސަލްފަރ' އުފުލުމަށް މި ހަނގުރާމައިގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. މިކަމުގެ ސަބަބުން އިންޝުއަރެންސް ފީ ބޮޑުވެ، ކުންފުނިތަކަށް ޖެހުނީ މާ ދުރު އަދި ހަރަދު ބޮޑު މަގުތަކުން މުދާ އުފުލާށެވެ.
މި ހުރިހާ ދަތިތަކާ ހުރެ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން މިހާރު ސޯލާ ޕެނަލްއާއި އިލެކްޓްރިކް ކާރު ހޯދަން ބަރޯސާވަނީ ޗައިނާއަށެވެ. މީގެ ސަބަބުން ޗައިނާގެ އެކްސްޕޯޓް ވަރަށް ބޮޑަށް މައްޗަށް ދިޔައެވެ. އަދި މި ސަރަހައްދުގެ ގައުމުތަކުން ހަކަތައިގެ މައްސަލަ ބޮޑުވުމުން، ޗައިނާގައި ހުރި ކާރުހާނާތައް އެހެން ގައުމުތަކަށް ބަދަލުކުރަން އުޅުނު ކުންފުނިތަކުގެ ނިންމުންތައް ވެސް މިހާރު ވަނީ މަޑުޖެހިފައެވެ.
އެމެރިކާއަށް އަމިއްލަ ހަކަތަ އުފެއްދޭތީ މިކަމުގެ އަސަރު ކުޑަ ނަމަވެސް، އޭޝިއާއިން އުފައްދާ ސެމީކޮންޑަކްޓާ އާއި ނިކަލް ފަދަ ތަކެތި ލިބުން ލަސްވުމުގެ ސަބަބުން އެމެރިކާގެ އާޓިފިޝަލް އިންޓެލިޖެންސް ދާއިރާއަށް އަސަރުކޮށްފާނެ ކަމަށް ރިޕޯޓް ބުނެއެވެ.
ކޭމްޕްބެލް ވިދާޅުވި ގޮތުގައި، ޖަޕާނާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކުން މިހާތަނަށް ހިފަހައްޓާލައިގެން ތިބީ އެގައުމުތަކުގައި ރައްކާކޮށްފައި ހުރި ސްޓޮކްގެ އެހީގައެވެ. ނަމަވެސް މިހާރު ޖެޓް ފިއުލްއާއި ޑީސަލް ފަދަ ތަކެތީގެސްޓޮކް ހުސްވާން ކައިރިވެފައިވާ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.





