ސޮލީބީ ސަހުޔޫނީ ޙަމަލާތަކުގައި އީރާނުގެ އާސާރީ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ދިން އުދުވާނީ ވައިގެ ޙަމަލާތަކުގެ ސަބަބުން، އީރާނުގެ އެންމެ މަޝްހޫރު އަދި ތާރީޚީ ގޮތުން އެންމެ އަގުބޮޑު ބައެއް ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މީގެ ތެރޭގައި ޔުނެސްކޯ އިން ދުނިޔޭގެ ތަރިކައިގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް މުހިންމު ބިނާތައްވެސް ހިމެނެއެވެ.

މާރިޗު މަހުގެ 7 އަދި 9 ވަނަ ދުވަހު އިސްރާއީލުން ދިން ބާރުގަދަ ޙަމަލާތަކެއްގެ ސަބަބުން އިސްފަހާންގެ ނަޤްޝޭ ޖަހާން މައިދާނާއި 400 އަހަރުވީ ޝާހީ ބިނާއެއް ކަމަށްވާ ޗެހެލް ސޮތޫން ގަނޑުވަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ބޮންތައް ގޮވުމުގެ ސަބަބުން އުފެދުނު ބާރުގަދަ ގޮވުންތަކުގ ސަބަބުން މި ތަންތަނުގެ ބިންގަލަށާއި، ފާރުތަކަށް ރެނދުލައި، އަދި އަގުބޮޑު އާސާރީ ޒަމާންވީ ބިއްލޫރިތަކާއި ޓައިލްސްތައް ވަނީ ތަޅައިގެން ގޮސްފައެވެ.

ނޫސްވެރިންނަށް އީރާނުގެ މި ތާރީޚީ ސަރަހައްދުތަކަށް ޒިޔާރަތްކުރުމުގެ ހުއްދަ ލިބުމުން، އެމީހުންނަށް ވަނީ 11 އާސާރީ އިމާރާތަކަށް ލިބިފައިވާ ގެއްލުންތައް އަމިއްލައަށް ފެނިފައެވެ. މީގެ އިތުރުން ތެހެރާންގައި ހުންނަ މަޝްހޫރު ގުލިސްތާން ގަނޑުވަރަށްވެސް މި ޙަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، އޭގެ އެތެރޭގައި ހުރި ލޯގަނޑުތަކާއި ބިއްލޫރިތައް ވަނީ މުޅިން ފުނޑުފުނޑުވެފައެވެ.

ޔުނެސްކޯއިން ބުނި ގޮތުގައި، ސެޓެލައިޓް ފޮޓޯތަކުން މިހާތަނަށް އީރާނުގެ 7 ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. އޭގެ ތެރޭގައި ބައިނަލްއަޤްވާމީ ތަރިކައިގެ ލިސްޓުގައި ހިމެނޭ ދެ ތަނަކާއި، ގައުމީ ފެންވަރުގެ މުހިންމު 4 ބިނާއެއްގެ އިތުރުން ދީނީ މުހިންމު އެއް ސަރަހައްދު ހިމެނެއެވެ.

ޖެނޮސައިޑް ޒަޔަނިސްޓޫ ސިފައިން އެއްބަސްވެފައިވާ ގޮތުގައި، އެމީހުން ޙަމަލާ އަމާޒުކުރީ އިސްފަހާންގެ ގަވަރުނަރުގެ އޮފީހަށާއި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ މަރުކަޒަކަށެވެ.  ބޭރުގެ މާހިރުން ބުނާ ގޮތުގައި، ޔަހޫދީ ޙަމަލާތަކުން ދޭހަވަނީ ބައިނަލްއަޤްވާމީ ގޮތުން ރައްކާތެރިކަން ދީފައިވާ ތާރީޚީ ބިނާތައް ހިމާޔަތްކުރުމަށް އެމެރިކާ އާއި ޔަހޫދީން ފަރުވާކެއް ނުބަހައްޓާ ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން އީރާނުގެ ފަތުރުވެރިކަން މުޅިން ހުއްޓުމަކަށް އައިސް، ބާޒާރުތަކުގައި މަސައްކަތްކުރާ ކާޕެޓް ވިޔަފާރިވެރިންނާއި މަސައްކަތްތެރިންގެ އިޤްތިޞާދަށްވެސް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ހިއްސާ ކުރައްވާ!