ޓްރަމްޕް ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގަން އުޅެފާނެ ބާ؟

ޣައިރުޤާނޫނީ ހިޖުރަވެރިންނާއި ވަގުތީގޮތުން އެމެރިކާއަށް ޒިޔާރަތްކުރާ މީހުންނަށް އުފަންވާ ދަރިންނަށް އޮޓޮމެޓިކުން އެމެރިކާގެ ރަށްވެހިކަން ލިބުން ހުއްޓުވުމަށް ނެރުއްވި ރިޔާސީ ގަރާރު އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް އެ ކޯޓަށް ފާޑުވިދާޅުވެއްޖެއެވެ.

ކޯޓުގެ 6 ފަނޑިޔާރުން ތާއީދުކޮށް 3 ފަބނޑިޔާރުންގެ ދެކޮޅު ރައުޔަށް ރައްދުދެއްވަމުން، ޓްރަމްޕް ވަނީ 'ޓްރޫތު ސޯޝަލް' ގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށް މަލާމާތުގެ ރާގަކަށް މަރުޙަބާ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މި ހުކުމަކީ ރަށްވެހިކަން ހޯދުމަށް އެމެރިކާއަށް ވިހަންދިއުމުގެ "ދަރިން އުފަންކުރާ ޓޫރިޒަމް" ގައި ޗައިނާއަށް ލިބުނު "ބޮޑު ކާމިޔާބީއެއް" ކަމަށެވެ. ޓްރަމްޕް ލިޔުއްވާފައިވެއެވެ: "އުފަންވުމުން ރަށްވެހިކަން ލިބޭ މައްސަލައިގައި ޗައިނާއަށް ލިބުނު ބޮޑު ކާމިޔާބީއަށްޓަކައި، ރައީސް ޝީ އަށާއި ޗައިނާއަށް އަޅުގަނޑު މަރުޙަބާ ދަންނަވަމެވެ!"

ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން ނިންމި ނިންމުމުގައި ކަނޑައަޅާފައިވަނީ، އެމެރިކާގެ ގާނޫނުއަސާސީގެ 14 ވަނަ އިސްލާހުގެ ދަށުން، އެމެރިކާގެ ފަސްގަނޑަށް އުފަންވާ ކޮންމެ ކުއްޖަކަށްވެސް، އެކުއްޖާގެ މައިންބަފައިންނަކީ ގާނޫނާ ޚިލާފަށް ނުވަތަ ވަގުތީގޮތުން އެގައުމުގައި ތިބި ބަޔަކަށް ވީނަމަވެސް، އޮޓޮމެޓިކުން އެމެރިކާގެ ރަށްވެހިކަން ލިބެންޖެހޭނެ ކަމަށެވެ. މިއީ ކުރީގެ ނިންމުންތަކާވެސް އެއްގޮތްވާ ގޮތުގެ މަތިން ނިންމި ނިންމުމެކެވެ. ކޯޓުގެ ބައެއް ކޮންޒަވޭޓިވް ފަނޑިޔާރުން މި ނިންމުމާ ދެކޮޅު ހެއްދެވި ނަމަވެސް، މަދަނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މި ނިންމުމަށް މަރުޙަބާ ކިޔާފައެވެ.

ސީއެންއެން އިން ހާމަކުރި ކޯޓުގެ ލިޔެކިޔުންތަކުގައިވާ ގޮތުން، ޓްރަމްޕްގެ ވަކީލުން ވަކާލާތު ކުރެއްވީ 14 ވަނަ އިސްލާހުގެ ދަށުން ރަށްވެހިކަން ލިބެންޖެހޭނީ އެމެރިކާގައި ދާއިމީކޮށް ދިރިއުޅުމުގެ ނިޔަތް އޮންނަ މީހުންނަށް އެކަނި ކަމަށެވެ.

ނަމަވެސް، ކޯޓުގެ ނިންމުން އިއްވަވަމުން ޗީފް ޖަސްޓިސް ޖޯން ރޮބަޓްސް ވިދާޅުވީ، ރަށްވެހިކަމަކީ ހައްގުތައް ލިބުމުގެ ހައްގެއް ކަމަށާއި، ސިޔާސީ މުޖުތަމައުގައި މިނިވަންކަމާއެކު ބައިވެރިވުމުގެ ފުރުސަތު ކަމަށެވެ. އަދި 14 ވަނަ އިސްލާހު ފާސްކުރި ފަރާތްތަކުން އެ ވައުދު މި ފަސްގަނޑަށް އުފަންވާ ކޮންމެ މިނިވަން އިންސާނަކަށް ފުޅާކޮށްދީފައިވާ ކަމަށާއި، މިއަދު ކޯޓުން ދެމެހެއްޓީ އެ ވައުދު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ނިންމުމަކީ ޓްރަމްޕްގެ ދެވަނަ ދައުރުގެ ސިޔާސަތުތަކަށް ލިބުނު ބޮޑުވެގެންވާ ގޮންޖެހުމެކެވެ. ސަބަބަކީ "ދަރިން އުފަންކުރާ ޓޫރިޒަމް" ހުއްޓުވުމާއި، ހިޖުރަވެރިންނާ ދެކޮޅަށް ތަފާތުކުރުމަކީ އޭނާގެ ރިޔާސީ ކެމްޕޭނުގެ އެންމެ މުހިންމު ވައުދަށް ވާތީއެވެ.

ހިއްސާ ކުރައްވާ!