ސައޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްޙާން، ޗައިނާގެ ވެރިރަށް ބެއިޖިންގްގެ މެހެމާންސަރާގައި އަންގާރަ ދުވަހު ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީއާ ބައްދަލުކުރައްވައިފިއެވެ. ސައޫދީ ނޫސް އެޖެންސީ "ވާސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ސަރަހައްދީ ހާލަތްތަކާ ބެހޭގޮތުންނާއި، ހުރުމުޒު ކަނޑުއޮޅީގެ އިތުރުން ބައިނަލްއަޤްވާމީ ކަނޑުގެ މަގުތަކުގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަން ދެމެހެއްޓުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
"ވާސް" އިން ހާމަކުރި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ދެފަރާތުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއެވެ. މީގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވައި، މަސްރަޙު ފިނިކުރުމަށާއި ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުމުގައި ކަނޑުގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި، ހުރުމުޒު ކަނޑުއޮޅީގެ މިނިވަންކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ. އެއީ ހަކަތައިގެ ރައްކާތެރިކަމަށާއި ދުނިޔޭގެ އިޤްތިޞާދީ ހަމަޖެހުމަށް ބާރުލިބޭނެ ކަމެއް ކަމަށްވުމުންނެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެމެރިކާ އާއި އީރާނުގެ މަސްރަޙާ ގުޅޭގޮތުން މިވަގުތުގެ އެންމެ ބޮޑު އިސްކަމަކީ ފަހުމުނާމާ ހިމާޔަތްކޮށް ތަންފީޒުކުރުމާއި، މަޝްވަރާތަކުގެ ދުވެލި ހިފެހެއްޓުމެވެ. އަދި ދެފަރާތުން އެއްބަސްވާ، ސަރަހައްދުގެ ގައުމުތަކަށް ގަބޫލުކުރެވޭ، އަދި ބައިނަލްއަޤްވާމީ މުޖުތަމައު ބަލައިގަންނާނެ ފަދަ ފުރިހަމަ އެއްބަސްވުމަކަށް އަވަހަށް ވާސިލުވުމެވެ. ޗައިނާގެ "ޝިންހުއާ" އެޖެންސީއާ ހަވާލާދީ އޭނާ އިތުރަށް ވިދާޅުވީ، "މިހާރު އިއުލާންކޮށްފައިވާ ބަދަލުކުރެވޭ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކީ އަދިވެސް ނާޒުކު އެއްޗެއް ނަމަވެސް، ހަނގުރާމަކުރުމަށްވުރެ މަޝްވަރާކުރުން މާ ރަނގަޅު" ކަމަށެވެ.
ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އިޤްތިޞާދީ، ވިޔަފާރި އަދި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވާހަކަދެކެވުނެވެ. ޚާއްޞަކޮށް ހަކަތަ، ސިނާޢަތް، ސަޕްލައި ޗެއިން އަދި ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ދާއިރާއިން ސައޫދީގެ "ވިޜަން 2030″ އާ އެއްގޮތްވާ ގޮތުގެ މަތިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގެ ކުރިން، ސައޫދީ ޚާރިޖީ ވަޒީރު ވަނީ ޗައިނާގެ ނައިބު ރައީސް ހާން ޗެންގްއާވެސް ބެއިޖިންގްގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައިވެސް ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަށް ތައުރީފުކުރައްވައި، އިޤްތިޞާދީ އަދި އިންވެސްޓްމަންޓް ދާއިރާއިން މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ދެ ފަރާތުން އެދޭކަން ހާމަކުރެއްވިއެވެ.
ޗައިނާގެ ނައިބު ރައީސް ހާން ޗެންގް ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ސައޫދީ-ޗައިނާ ގުޅުން ވަނީ ދެ ގައުމުގެ އިސްވެރިންގެ އިރުޝާދުގެ ދަށުން ވަރަށް ރަނގަޅު މިސްރާބެއްގައި ކުރިއަށް ގޮސްފައެވެ. އަދި މިއަހަރަކީ ދެ ގައުމުގެ ދެމެދުގައި ފުރިހަމަ ސްޓްރެޓެޖިކް ބައިވެރިވުން ގާއިމުކުރިތާ 10 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ސިޔާސީ އިތުބާރު ބަދަހިކޮށް، ސަރަހައްދީ އަދި ދުނިޔޭގެ ސުލްހަ މަސަލަސްކަން ހިފެހެއްޓުމަށް ދުނިޔޭގެ ދެކުނު ބިތުގެ މުހިންމު ދެ މެންބަރުންގެ ގޮތުގައި އެކީގައި މަސައްކަތްކުރުމަށް ޗައިނާ ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.







