Image: Indian Coast Guard via X
Image: Indian Coast Guard via X

މާލެއިން ޓުޓިކޮރިންއަށް ދަތުރުކުރި ކާގޯ ބޯޓެއް ފެތެމުންދަނިކޮށް ސަލާމަތްކޮށްފި

މާލެއިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިންއަށް ދަތުރުކުރި ކާގޯ ބޯޓެއްގެ ބަނޑުފިލާ ފަޅައިގެން ގޮސް ބޯޓު ދިޔަވެ ފެތެމުންދަނިކޮށް، އިންޑިއާގެ ކޯސްޓްގާޑުން ބޯޓާއި އޭގެ ފަޅުވެރިން ސަލާމަތްކޮށްފިއެވެ. އިންޑިއާ ކޯސްޓްގާޑުން މައުލޫމާތު ދީފައިވާ ގޮތުގައި، "އެމްވީ ސިއްތާ" ނަމަކަށް ކިޔާ މި ބޯޓުގެ އެކި ކޮމްޕާޓްމެންޓުތަކަށް ފެންބޮޑުވެ، އެހީތެރިކަމަށް އެދި ކަނޑުމަތިން ކުއްލި މެސެޖެއް ފޮނުވާފައިވަނީ ޓުޓިކޮރިންގެ ބޭރުން ދަތުރުކުރަމުން ދަނިކޮށެވެ.

ބޯޓުން އެހީތެރިކަމަށް އެދުމާއެކު، އިންޑިއާ ކޯސްޓްގާޑުގެ ޚާއްސަ މަނަވަރެއް ކަމަށްވާ "އަތުލްޔާ" ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ބޯޑިން ޓީމެއް އެ ބޯޓަށް އަރުވާފައެވެ. ކޯސްޓްގާޑުގެ ޓީމުން ބޯޓުގެ މާސްޓަރާއި ސެލްވޭޖް ކުންފުންޏަކާ ގުޅިގެން ކުރި ކާމިޔާބު މަސައްކަތުން، ހާއްސަ ޕަންޕުތައް ބޭނުންކޮށްގެން ބޯޓަށް ވަދެފައިވާ ފެން ހިއްކައި، ބޯޓު އިތުރަށް ދިޔަވުން ވަނީ ކޮންޓްރޯލްކޮށްފައެވެ.

މި ހާދިސާގައި ބޯޓަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، ކޯސްޓްގާޑުން ބޯޓު ފެތުނަނުދީ ވަނީ ސަލާމަތްކޮށްފައެވެ. އަދި ބޯޓުގައި ތިބި ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅުކަމަށާއި، ބޯޓުގެ ހާލަތު ކައިރިން ބެލުމަށްފަހު މިހާރު ޓުޓިކޮރިންގެ ބަނދަރަށް ވަނުމަށް ބޯޓަށް ހުއްދަ ދީފައިވާ ކަމަށްވެސް ކޯސްޓްގާޑުން ބުނެއެވެ.

"އެމްވީ ސިއްތާ" އަކީ އާންމު މުދާ އުފުލާ، ދިގުމިނުގައި 57.52 މީޓަރު (188 ފޫޓު) އަދި ފުޅާމިނުގައި 10 މީޓަރު (33 ފޫޓު) ހުންނަ ކާގޯ އުޅަނދެކެވެ.

ހިއްސާ ކުރައްވާ!