ޗައިނާއިން ވަނީ ދުނިޔޭގެ ފުރަތަމަ، ފުރިހަމައަށް ރޮބޮޓުންގެ އެހީގައި ހިންގާ ހޮޓާ ހުޅުވުމުގެ ޕްލޭންތައް އިއުލާނުކޮށްފައެވެ. މިއީ މެހެމާންދާރީގެ ދާއިރާ އެއްކޮށް އޮޓޮމޭޓް ކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ.
މި ހޮޓާ ޤާއިމުކުރަނީ ޗައިނާގެ ގުއަންގޑޮންގ ޕްރޮވިންސްގައެވެ. 2027 ވަނަ އަހަރު ހުޅުވަން ހަމަޖެހިފައިވާ މި ހޮޓާ ހިންގާނީ "ޕޫޑޫ ރޮބޮޓިކްސް" ކިޔާ ކުންފުންޏަކުންނެވެ. މި ހޮޓަލުގެ ހުރިހާ ޚިދުމަތެއް ވެސް ދޭނީ ރޮބޮޓުންނެވެ. އޭގެ ތެރޭގައި ރިސެޕްޝަންގެ މަސައްކަތްތަކާއި، ކޮޓަރިތައް ސާފުކުރުމާއި، ކާބޯތަކެތި ތައްޔާރުކުރުމާއި، މެހެމާނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މި ހޮޓާ ހުޅުވަން ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފަހުކޮޅު އާންމުންނަށް ހުޅުވާލައިގެން ޓެސްޓުތަކެއް ކުރިއަށް ގެންދާނެއެވެ. ފުރަތަމަ ފިޔަވަހީގައި މަދު ކޮޓަރިތަކެއް ހުޅުވައި، ރޮބޮޓް މެދުވެރިކޮށް ރިސެޕްޝަންގެ ޚިދުމަތާއި، ކޮޓަރިއަށް އެއްޗެހި ގެންދިއުމުގެ އޮޓޮމެޓިކް ޚިދުމަތްތައް މެހެމާނުންނަށް ތަޖުރިބާ ކުރެވޭނެއެވެ.
ޕޫޑޫ ކުންފުނީގެ ކޯ-ފައުންޑަރ އަދި ޓެކްނިކަލް ޑައިރެކްޓަރ ކޮންގ ގޫ ވިދާޅުވި ގޮތުގައި، މިއީ އާޓިފިޝަލް އިންޓެލިޖެންސް އާއި ރޮބޮޓިކްސް އެއްކޮށްގެން، ހަގީގީ ދުނިޔޭގައި ސްމާޓް އަދި ފުރިހަމަ ޚިދުމަތްތަކެއް ދެވޭނެ ގޮތް ހޯދުމުގެ ފުރުސަތެކެވެ.
މިއީ އާދައިގެ ސްމާޓް ހޮޓާތަކާ ތަފާތު ތަނެކެވެ. އެހެން ހޮޓާތަކުގައި ކޮންމެ ކަމަކަށް ވަކިވަކި އޮޓޮމޭޝަން ސިސްޓަމްތައް ބޭނުންކުރި ނަމަވެސް، މި ހޮޓާ ފަރުމާކޮށްފައިވަނީ އެއްކޮށް ގުޅިފައިވާ ރޮބޮޓިކް ނިޒާމެއްގެ ގޮތަށެވެ. މީގެ ސަބަބުން، ހޮޓަލުގެ ހުރިހާތަނެއްގައި ރޮބޮޓުންނަށް އެއްބާރުލުން ދީގެން މެހެމާނުންނަށް މެދުކެނޑުމެއްނެތި ޚިދުމަތް ދެވޭނެއެވެ.
މި ހޮޓަލުގެ ހުރިހާ އޮޕަރޭޝަންތަކެއް ބިނާވާނީ އެ ކުންފުނީގެ "ޕުޑޫއެފްއެމް 1.0″ އާއި "ޕުޑޫއެޖެންޓު" އޭއައި ޕްލެޓްފޯމަށެވެ.
-
ރިސެޕްޝަން ރޮބޮޓުން: ވާހަކަ ދައްކާ އަޑާއި، ހަރަކާތްތަކާއި، އިޝާރާތްތައް ދެނެގަތުމުގެ ޤާބިލުކަން ހުންނާނެއެވެ.
-
ޑެލިވަރީ ރޮބޮޓުން: އެންމެ ކުރު އަދި ރައްކާތެރި މަގު އަމިއްލައަށް ކަނޑައަޅައިގެން ތަކެތި ގެންގޮސްދޭނެއެވެ.
-
ސާފުކުރާ ރޮބޮޓުން: ވަށައިގެންވާ މާހައުލަށް އަންނަ ބަދަލުތަކާ އެއްގޮތަށް ވަގުތުން ޚިދުމަތްތައް ބަދަލުކުރާނެއެވެ.
މިއީ ހޮޓަލުގެ ޚިދުމަތްތަކުގެ އިތުރުން، ފަހަތުގައި ހިންގާ ލޮޖިސްޓިކްސް މަސައްކަތްތައް ވެސް ރޮބޮޓުންގެ އެހީގައި މިނިވަންކަމާއެކު ކުރެވޭނެ ދުނިޔޭގެ ފުރަތަމަ ހޮޓަލެވެ.







