އެމެރިކާގެ "ނޭޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް"ގައި ހިމެނިފައިވާ 224 ވަނަ މާއްދާ އުނިކުރުމަށް ހުށަހެޅި އިސްލާހު، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރޫލްސް ކޮމިޓީން ބަލައިނުގަތުމުން، އެ މައްސަލައިގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ.
މި މާއްދާގެ ދަށުން އެމެރިކާ އާއި އިސްރާއީލާ ދެމެދު އަސްކަރީ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ބޮޑު ގުޅުމެއް ބަދަހިކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގުޅުމުގެ ތެރޭގައި ހަތިޔާރު އުފެއްދުމާއި، ދިފާޢީ ޓެކްނޮލޮޖީ ބަދަލުކުރުމާއި، އަދި ދެ ޤައުމުގެ އަސްކަރީ ޑޭޓާތައް އެއްކޮށްލުން ހިމެނެއެވެ.
ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ރޯ ކަންނާ އާއި ރިޕަބްލިކަން ޕާޓީގެ މެންބަރު ތޯމަސް މަސީ ގުޅިގެން ހުށަހެޅުއްވި މި އިސްލާހުގެ މަޤްޞަދަކީ، މި "ޑިފެންސް ކޯޕަރޭޝަން އިނީޝިއޭޓިވް" ބިލުން އުނިކުރުމެވެ. ނަމަވެސް، ރޫލްސް ކޮމިޓީން ވަނީ މި އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފައެވެ. މިއީ އާންމުކޮށް ހާހަކަށް ވުރެ ގިނަ އިސްލާހު ހުށަހެޅޭ ބިލުތަކުގެ ތެރެއިން، މަޖިލީހުގައި ބަހުސްކުރެވޭނެ ބައިތައް ކަނޑައަޅާ މުހިންމު މަރުހަލާއެކެވެ.
މި މާއްދާއާ ގުޅިގެން ކުރީގެ ސަލާމަތީ އޮފިޝަލުންނާއި ޖާސޫސީ ދާއިރާގެ ތަޖުރިބާކާރުން ވަނީ ބޮޑެތި އިންޒާރުތަކެއް ދީފައެވެ. ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ކުރީގެ ޑިރެކްޓަރު ޖޯ ކެންޓް ވިދާޅުވި ގޮތުގައި، އެހެން ޤައުމަކަށް އެމެރިކާގެ ނާޒުކު އަސްކަރީ ޓެކްނޮލޮޖީތަކަށް ފުޅާ ދާއިރާއެއްގައި ވަދެވޭ ގޮތް ހެދުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ.
މީގެ އިތުރުން، ސީއައިއޭގެ ކުރީގެ އޮފިޝަލް ޕޯލް ބިލަރ ވިދާޅުވީ، އިސްރާއީލަކީ އެމެރިކާގެ އެކުވެރިއަކަށް ވުރެ ބޮޑަށް ޖާސޫސީ ގޮތުން "ވާދަވެރިއެއް"ގެ ގޮތުގައި ބެލެވިދާނެ ޤައުމެއް ކަމަށެވެ. އަދި އެމެރިކާގެ ތެރޭގައި އިސްރާއީލުން ކުރާ ޖާސޫސީ ހަރަކާތްތަކަކީ އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އޭޖެންސީން "ކްރިޓިކަލް" ނުވަތަ އެންމެ ނުރައްކާތެރި ދަރަޖައިގައި ފާހަގަކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބިލު މިހާރު ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްކުރި ނަމަވެސް، ސެނެޓުން ވެސް މި ބިލުގެ ވަކި އިސްދާރެއް ދިރާސާކުރަމުން އެބަދެއެވެ. އެއަށްފަހު، ދެ މަޖިލީހުގެ ކޮމިޓީތައް ގުޅިގެން މި ބިލަށް ބަދަލު ގެނެވޭނެއެވެ. މި މަރުހަލާތަކުގެ ތެރޭގައި 224 ވަނަ މާއްދާ އުނިކުރުމުގެ ނުވަތަ އިސްލާހުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
ނަމަވެސް، މި މާއްދާ ފާސްވެއްޖެނަމަ، އެމެރިކާގެ ސިފައިންނާއި އިސްރާއީލުގެ ޖެނޮސައިޑް ހިންގާ ސިފައިން އެއްގޮތަކަށް ގުޅިލާމެހި، ކުރިއަށް އޮތް އެތައް އަހަރަކަށް އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކަށް ހުރަސްއެޅި، އެ މީހުންނާ ވަކިވާން އުނދަގޫވާނެ ކަމުގެ ބިރު އޮތް ކަމަށް މި މާއްދާއާ ދެކޮޅު ފަރާތްތަކުން ބުނެއެވެ. މި މައްސަލައާ ގުޅިގެން އެމެރިކާގެ އާންމުންގެ މެދުގައި ވެސް ޝުޢޫރުތައް ވަނީ ހޫނުވެފައެވެ.







