އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ފަހުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ކްރިޕްޓޯ ކަރަންސީއާއި 'މީމް ކޮއިން' ވިޔަފާރިން އޭނާއަށް މަދުވެގެން 1.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. އެމެރިކާގެ އޮފީސް އޮފް ގަވަރންމަންޓް އެތިކްސްއިން އާންމުކުރި 927 ޞަފްޙާގެ މާލީ ބަޔާނުން ހާމަވާ ގޮތުގައި، ޓްރަމްޕްގެ މި އަހަރުގެ އެންމެ ބޮޑު އާމްދަނީގެ މަސްދަރަކީ ކްރިޕްޓޯއާ ގުޅުންހުރި މަޝްރޫޢުތަކެވެ.
ޓްރަމްޕާއި އޭނާގެ ދެ އައުލާދުން އަދި ސަރުކާރުގެ ޚާއްޞަ މަންދޫބެއް ކަމަށްވާ ކޮންސްތްރަކްޝަން މަސައްކަތުގައި އުޅޭ ރަހުމަތްތެރިޔާ ސްޓީވެން ވިޓްކޯފް ގުޅިގެން ހިންގާ 'ވޯލްޑް ލިބަރޓީ ފައިނޭންޝިއަލް' މެދުވެރިކޮށް ޓްރަމްޕަށް 588 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މީގެ އިތުރުން 'މީމް ކޮއިން’ގެ ވިޔަފާރިކުރާ 'ސީއައިސީ ޑިޖިޓަލް' ކުންފުނިން 636 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މައިގަނޑު ގޮތެއްގައި 'ސެލެބްރޭޝަން ކޮއިންސް' އާއެކު ހެދި ލައިސަންސިން އެއްބަސްވުމަކުން ލިބުނު ފައިސާއެވެ. އަދި ސްޓޭބަލްކޮއިން ހޯލްކޯގައި އޮތް ހިއްސާ ވިއްކާލައިގެން 197 މިލިއަން ޑޮލަރު ޓްރަމްޕަށް ލިބިފައިވެއެވެ.
މި އާމްދަނީތަކުގެ އިތުރުން، 'ސީއައިސީ ޑިޖިޓަލް' މެދުވެރިކޮށް ޓްރަމްޕްގެ ޑިޖިޓަލް ވޮލެޓްތަކުގައި މަދުވެގެން 60 މިލިއަން ޑޮލަރުގެ އަގުހުރި އެކި ކްރިޕްޓޯ ކަރަންސީތައް ރައްކާކުރެވިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ކްރިޕްޓޯއިން ލިބުނު މި އާމްދަނީ، މާ އަ ލާގޯ ރިސޯޓުން ލިބުނު 77 މިލިއަން ޑޮލަރާއި، ވާޖީނިއާގެ ގޮލްފް ކްލަބުން ލިބުނު 25 މިލިއަން ޑޮލަރަށް ވުރެ އެތައް ގުނައެއް އިތުރެވެ.
ނަމަވެސް، މި މާލީ ބަޔާނާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ ރައީސް މީހާގެ ވިޔަފާރިތައް ވަކި ފަންޑަކަށް ބަދަލުކޮށްފައި ނުވާތީ، ރައީސްގެ ހައިސިއްޔަތުން ކުރައްވާ ކަންކަމާއި އަމިއްލަ މާލީ މަސްލަހަތުތަކާ މަސްހުނިވެދާނެ ކަމުގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.
މީގެ އިތުރުން، މާލީ ރެކޯޑުތަކުން ދައްކާ ގޮތުގައި، ޓްރަމްޕް ވަނީ 2025 ވަނަ އަހަރު ތިން ރަހުނަކަށް ފައިސާ ދައްކައި ޚަލާސްކޮށްފައެވެ. އޭގެ ތެރޭގައި ’40 ވޯލް ސްޓްރީޓް' އިމާރާތުގެ 50 މިލިއަން ޑޮލަރުގެ ދަރަނި ހިމެނޭއިރު، ޓްރަމްޕަށް އެކި ފަރާތްތަކުން ދީފައިވާ އަގުހުރި ޗަންދާގެ ޖުމްލަ އަގު 90،000 ޑޮލަރަށް އަރައެވެ.






