ޖާސޫސްކުރި ކަމުގެ ތުހުމަތުގައި އެމެރިކާ މީހަކު އިސްރާއީލުން ހައްޔަރުކޮށްފި

ޖާސޫސްކުރި ކަމުގެ ތުހުމަތުގައި އެމެރިކާ މީހަކު އިސްރާއީލުން ހައްޔަރުކޮށްފިއެވެ. އީރާނަށް ޖާސޫސްކޮށްދީ، ފައިސާގެ ބަދަލުގައި އިސްރާއީލުގެ ހައްސާސް ސަރަހައްދުތައް ފޮޓޯ ނެގި ކަމުގެ ތުހުމަތުގައި އެމެރިކާގެ ރައްޔިތަކު އިސްރާއީލުން ހައްޔަރުކޮށްފައިވާކަމަށް އެޤައުމުގެ މީޑިއާ ރިޕޯޓުކުރެއެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، މިމަހުގެ ކުރީކޮޅު ހައްޔަރުކުރި އުމުރުން 20 އަހަރުގެ އެ މީހާގެ މައްޗަށް ތުހުމަތުކުރެވެނީ ބޭރުގެ ޖާސޫސީ އިދާރާތަކާ ގުޅިގެން ޤައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގުމެވެ. އީރާނުގެ ޖާސޫސީ ފަރާތްތަކަށްޓަކައި ހައްސާސް ސަރަހައްދުތައް ފޮޓޯ ނަގާ ޑޮކިއުމަންޓް ކުރުމުގެ މަސައްކަތް އޭނާ ކޮށްފައިވާކަމަށް ތަހުގީގުން ހާމަވެފައިވެއެވެ. މީގެ އިތުރުން، ކޮންމެ މަސައްކަތަކަށް ވެސް 10 ޑޮލަރުން ފެށިގެން އެތައް ސަތޭކަ ޑޮލަރަކާ ދެމެދުގެ ފައިސާ އޭނާ ހޯދާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ބައިނަލްއަޤްވާމީ ސަލާމަތީ އިދާރާތަކުން ދިން މައުލޫމާތެއްގެ މައްޗަށް، އިސްރާއީލުގެ ޖާސޫސީ އިދާރާ ޝަބާކް އާއި ފުލުހުން ގުޅިގެން ޖޫން 9 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވެއެވެ. އިސްރާއީލުގެ ފުލުހުންގެ އޮފިސަރު އަމީހައި ބެންޓާ ބުނީ ފަހަކަށް އައިސް މިފަދަ ޖާސޫސީ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި، ހާއްސަކޮށް ހަނގުރާމައިގެ ތެރޭގައި ޤައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ވެސް އިސްރާއީލުގެ ރައްޔިތުން ތެރޭން އީރާނަށް ޖާސޫސްކުރި އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ހައްޔަރުކުރުން މި ދިމާވީ ފެބްރުއަރީ 28 ގައި އިސްރާއީލާއި އެމެރިކާ، އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަކަށްފަހު، މިހާރު ހަމަލާތައް މެދުކަނޑާލައި، ޖޫން 17 ގައި ދެ ފަރާތުން ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހަނގުރާމައިގެ ތެރޭގައި އީރާނުން އިސްރާއީލަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ދީފައިވާއިރު، އިސްރާއީލުން ވަނީ އެ ހަމަލާތަކުން ލިބުނު ގެއްލުންތައް އާންމުންނަށް ނޭނގޭ ގޮތަށް ސިއްރުކޮށްފައެވެ.

ހިއްސާ ކުރައްވާ!