އިނގިރޭސިވިލާތުގެ ޒުވާނެއް ކަމަށްވާ ކާޓީ ފިލިޕްސްގެ ހަށިގަނޑަށް ދިމާވެފައިވާ ނާދިރު ސިއްހީ މައްސަލައަކާ ހެދި، އޭނާއަށް އަބަދުވެސް ލޮނު ޕެކެޓެއް ހިފައިގެން އުޅެން މަޖުބޫރުވެއްޖެއެވެ.
މިހާރު އުމުރުން 26 އަހަރުގެ ކާޓީއަށް މި ބަލި ޖެހިފައިވަނީ އޭނާގެ އުމުރުން 21 އަހަރުގައެވެ. އޭރު ޔުނިވަރސިޓީގައި ކިޔަވަމުން ދުވުމުގެ ތެރޭގައި ކުއްލިއަކަށް ހޭނެތިގެން ވެއްޓުމުން، ފުރަތަމަ ހީކުރެވުނީ ހިތުގެ މައްސަލައެއް ކަމަށެވެ. ނަމަވެސް ޑޮކްޓަރުން ކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި އޭނާއަށް ޖެހިފައިވަނީ "ވެސޯވެގަލް ސިންކޯޕް" އާއި "ޕޮޓްސް" ކިޔާ ހިތުގެ ވިންދާއި ލޭގެ ޕްރެޝަރަށް އަސަރުކުރާ ނާދިރު ބައްޔެކެވެ.
މި ބަލީގެ ސަބަބުން ކާޓީގެ ހިތުގެ ވިންދު ވަރަށް ބޮޑަށް އަވަސްވެ، ކުއްލިއަކަށް ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ ސަބަބުން ހޭނެތޭ ގޮތް ވެއެވެ. އޭނާގެ ހިތުގެ ވިންދު މިނިޓަކު 60 އިން 200 އަށް ވެސް ކުއްލިއަކަށް އަރައިގެން ދެއެވެ. މި ބައްޔާ ހެދި އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެ، ހިތް މޮނިޓަރ ކުރަން ހަރުކުރި މެޝިންގެ ސަބަބުން ލޭގެ ވިހަވުން ވެސް އޭނާއަށް ކުރިމަތިވިއެވެ.
ކާޓީ ބުނާ ގޮތުގައި އޭނާ އަބަދުވެސް ލޮނު ޕެކެޓެއް ހިފައިގެން އުޅެނީ، ހަށިގަނޑަށް ވަރުބަލިކަމެއް އިހުސާސްވާ ހިނދު ލޮނު ބޭނުންކުރުމުން ހިތުގެ ވިންދު ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭތީއެވެ. ލޮނުކެއުމާއި، ގިނައިން ފެން ބުއިމާއި، ރަނގަޅު ކާނާ ބޭނުންކުރުމުގެ ސަބަބުން މިހާރު އޭނާއަށް ބަލި ކޮންޓްރޯލް ކުރެވެއެވެ.
އެތައް އުނދަގުލަކާ ކުރިމަތިވި ނަމަވެސް، ކާޓީ މިހާރު ވަނީ އަލުން ކަސްރަތު ކުރަން ފަށާފައެވެ. އެގޮތުން މިއަހަރު އޭނާ ވަނީ ލަންޑަންގެ ހާފް މެރަތަންގައި ވެސް ބައިވެރިވެފައެވެ. ކާޓީގެ އުންމީދަކީ އޭނާގެ މި ވާހަކައިން، ހަށިގަނޑުން ފެންނަ ކުދިކުދި އިންޒާރުތަކަށް ސަމާލުވެ، ސިއްހީ މައްސަލަތައް ދޫކޮށްނުލައި ފަރުވާ ހޯދުމަށް އެހެން މީހުންނަށް ހިތްވަރު ލިބުމެވެ.






