ސެންޓްރަލް ޓިބެޓަން އެޑްމިނިސްޓްރޭޝަން އިން ޗައިނާގެ އާ ޤާނޫނު ކުށްވެރިކޮށްފި

ސެންޓްރަލް ޓިބެޓަން އެޑްމިނިސްޓްރޭޝަން އިން ޗައިނާގެ "ލޯ އޮން ޕްރޮމޯޓިން އެތުނިކް ޔުނިޓީ އެންޑް ޕްރޮގްރެސް" އަށް ފާޑުކިޔައި، އެއީ ޓިބެޓްގެ ރައްޔިތުންނާއި އެހެނިހެން ނަސްލީ ބައިމަދު މީހުންގެ އައިޑެންޓިޓީ ނައްތާލުމަށް އެކުލަވާލާފައިވާ ޤާނޫނެއް ކަމަށް ބުނެފިއެވެ. ޖުލައި 1 ވަނަ ދުވަހުން ފެށިގެން މި ޤާނޫނު ތަންފީޒުކުރަން ފެށުމާ ގުޅިގެން،ސީޓީއޭ ގެ ރައީސް ޕެންޕާ ޓްސެރިންގް ވަނީ މުޅި ދުނިޔޭގެ ސަރުކާރުތަކާއި މަދަނީ ޖަމިއްޔާތަކުން ގުޅިގެން މި ޤާނޫނާ ދެކޮޅަށް ތެދުވުމަށް ގޮވާލައްވާފައެވެ.

ޗައިނާއިން މި ޤާނޫނު ދިފާއު ކުރަނީ "ޤައުމީ އެއްބައިވަންތަކަން" ވަރުގަދަ ކުރުމުގެ ނަމުގައެވެ. ނަމަވެސް ޓްސެރިންގް ވިދާޅުވާ ގޮތުގައި، މި ޤާނޫނުގެ ދަށުން ނަސްލީ އެއްބައިވަންތަކަމުގެ ނަމުގައި ޓިބެޓްގެ ބަހާއި، ދީނާއި، ސަގާފަތް އަދި އަމިއްލަވަންތަކަން ނައްތާލުމަށް ޤާނޫނީ ބާރު ލިބެއެވެ.

މި ޤާނޫނާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ. އެމެރިކާގެ ސެނެޓަރުންގެ ގްރޫޕަކުން ވަނީ ޗައިނާގެ މި ސިޔާސަތުތައް ކުށްވެރިކޮށް ޤަރާރެއް ހުށަހަޅާފައެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، މި ޤާނޫނުގެ ބައެއް މާއްދާތަކުގެ ސަބަބުން ޗައިނާގެ ބޯޑަރުން ބޭރުގައި ވެސް އެ ޤައުމުގެ ނުފޫޒު ފޯރުވައި، ޓިބެޓް އާއި ޔޫއީގަރުން ފަދަ ސަގާފަތް ފޮހެލުމަށް މަސައްކަތްކުރާނެއެވެ.

ޔޫރަޕްގެ ޤައުމުތަކުން ވެސް މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ސްވިޒަލޭންޑުގެ ޕާލަމެންޓްރީ ގްރޫޕް ފޯ ޓިބެޓުން އިންޒާރުދިން ގޮތުގައި، މި ޤާނޫނުގެ ސަބަބުން ޓިބެޓްގެ ކުޑަކުދިން އެމީހުންގެ އާއިލާތަކާ ވަކިކޮށް ބޯޑިން ސްކޫލްތަކަށް ލައި، ދައުލަތުގެ ފުރިހަމަ ކޮންޓްރޯލް ތައުލީމީ ނިޒާމަށް ގެނައުމުގެ ފުރުސަތު ބޮޑުވާނެއެވެ. ޗެކް ރިޕަބްލިކް އަދި އިޓަލީގެ ޕާލަމެންޓްރީ މެންބަރުން ވެސް ވަނީ މި ޤާނޫނަކީ ޓިބެޓްގެ ބަހާއި ސަގާފަތަށް އޮތް ބިރެއް ކަމަށާއި، މިއީ އިންސާނީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށް ސިފަކޮށްފައެވެ.

މި ޤާނޫނާ ދެކޮޅަށް ޓިބެޓްގެ އެކި ޖަމިއްޔާތަކުން ވަނީ މަޝްވަރާތައް ބާއްވައި، ހަމައެކަނި ބަޔާން ނެރުމުގެ ބަދަލުގައި ދިގު މުއްދަތުގެ ސްޓްރެޓެޖީތައް ބޭނުންވާކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ޓިބެޓް ބަހުގެ ތައުލީމަށް އިންވެސްޓްމަންޓް އިތުރުކުރުމާއި، ޒުވާން ޖީލުތަކުގެ މެދުގައި ޓިބެޓްގެ ސަގާފީ އައިޑެންޓިޓީ ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެ ފަރާތްތަކުން ގޮވާލާފައިވެއެވެ. ސީޓީއޭގެ ރައީސް ޕެންޕާ ޓްސެރިންގް ވަނީ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ތިންކް ޓޭންކްތަކުން މި ޤާނޫނު ވަރަށް ރަނގަޅަށް ދިރާސާކޮށް، އެކަމާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަނެއްކާވެސް ގޮވާލައްވާފައެވެ.

ހިއްސާ ކުރައްވާ!