ޕާކިސްތާނުގެ ޖަލުތަކުގައި ތިބި އިންޑިއާގެ 188 މަސްވެރިންނާއި ގައިދީން މިނިވަންކުރަން ގޮވާލައިފި

އިންޑިއާ އާއި ޕާކިސްތާނުން އެއް ޤައުމުގެ ޖަލުގައި ހުރި އަނެއް ޤައުމުގެ ގައިދީންގެ ލިސްޓުތައް ބުދަ ދުވަހު ބަދަލުކޮށްފިއެވެ. 2008 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ "އެގްރީމަންޓް އޮން ކޮންސިއުލަރ އެކްސެސް" ގެ ދަށުން ކޮންމެ އަހަރަކު ޖެނުއަރީ 1 އަދި ޖުލައި 1 ގައި ގައިދީންގެ ލިސްޓުތައް ބަދަލުކުރެއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާކިސްތާނުގެ ޖަލުތަކުގައި ތިބި 188 އިންޑިއާ މަސްވެރިންނާއި އާންމު ގައިދީން، އެމީހުންގެ އަދަބު ހަމަވެފައިވާތީ ވަގުތުން މިނިވަންކޮށް އެނބުރި ޤައުމަށް ފޮނުވައިދިނުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުން ކަމަށް ބެލެވޭ ނަމަވެސް، އަދި މިހާތަނަށް ކޮންސިއުލަރ އެކްސެސް ނުލިބި ތިބި 13 ގައިދީއަކަށް ވީހާވެސް އަވަހަކަށް އެ ފުރުސަތު ދިނުމަށް ޕާކިސްތާނަށް ވަނީ ގޮވާލާފައެވެ.

މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ވަނީ ޕާކިސްތާނުގެ 386 އާންމު ގައިދީއަކާއި 53 މަސްވެރިއެއްގެ ލިސްޓު ޕާކިސްތާނާ ހިއްސާކޮށްފައެވެ. އޭގެ ބަދަލުގައި ޕާކިސްތާނުން ވަނީ އިންޑިއާގެ 52 އާންމު ގައިދީއަކާއި 198 މަސްވެރިއެއްގެ ލިސްޓު ހިއްސާކޮށްފައެވެ. ޕާކިސްތާނުން ވެސް ވަނީ އެމީހުންގެ އަދަބު ހަމަވެފައިވާ 97 ގައިދީއަކު (64 އާންމު ގައިދީންނާއި 33 މަސްވެރިން) މިނިވަންކުރުމަށް އިންޑިއާގެ ކިބައިން އެދިފައެވެ.

އިންޑިއާ ސަރުކާރުން ވަނީ މި ގައިދީން މިނިވަންކުރެވެންދެން އެމީހުންގެ ރައްކާތެރިކަމާއި ފުރިހަމަ ސިއްހީ އަދި އެހެނިހެން ބޭނުންތައް ޕާކިސްތާނުން ކަށަވަރުކޮށްދިނުމަށް ވެސް ބާރު އަޅާފައެވެ. 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިންޑިއާގެ 2,661 މަސްވެރިންނާއި 78 އާންމު ގައިދީއަކު ޕާކިސްތާނުން މިނިވަންކޮށްފައިވާ ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިނިވަންކުރި 500 މަސްވެރިންނާއި 20 ގައިދީން ހިމެނެއެވެ.

ހިއްސާ ކުރައްވާ!