އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާޤްޗީ، އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް، އީރާނުގެ ލީޑަރު އާޔަތުﷲ މުޖްތަބާ ޚާމަނާއީ އަށް އަމާޒުކޮށް އޭނާ "މަރާލަން ކަނޑައަޅައިފި" ކަމަށް ބުނެ ދެއްކި ދަށު ދަރަޖައިގެ ވާހަކަތަކާ ގުޅިގެން، ޓްރަމްޕްގެ ސަރުކާރަށް އަރާގްޗީ ގޮވާލެއްވީ "އެމެރިކާއިން ފިތުނަ ފަސާދު އުފެއްދުމަށް ގެންގުޅޭ ގޮނޑިކޮއްކޮއިން ކޮންޓްރޯލް ކުރުމަށެވެ".
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރާޤްޗީ ވިދާޅުވީ، ސޮލީބީ ސަހުޔޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކުލަވާލި 14 ނުކުތާގެ އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން، އިސްރާއީލުގެ ނާތަހުޒީބީ އުދުވާނީ ކަންކަން ހުއްޓުވުމުގެ ޒިންމާ އެމެރިކާއިން ނަގަން ޖެހޭނެ ކަމަށެވެ. އަދި އީރާނުގެ ލީޑަރޝިޕަށް ދޭ ކޮންމެ އިންޒާރަކަށް ވަގުތުން ވަރުގަދަ ރައްދު ދޭނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ. އޭނާ ވިދާޅުވީ އިސްލާމްއާބާދު އެމްއޯޔޫގެ ޝަރުތުތައް ވަރަށް ސާފު ކަމަށާއި، އެމެރިކާގެ ރައީސަށް އެ ޝަރުތުތައް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އިސްރާއީލުން އެ އެއްބަސްވުންތަކާ ޚިލާފުވެއްޖެނަމަ، އީރާނުން އެމީހުންނަށް ފިލާވަޅެއް ދަސްކޮށްދޭން ފަސް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖެނޮސައިޑް ހިންގާ ޔަހޫދީންގެ ދިފާއީ ވަޒީރު ކާޓްޒް ހޯމަ ދުވަހު ބުނެފައިވަނީ، އީރާނުގެ ލީޑަރު ޚާމަނާއީ އަކީ ޔަހޫދީ ޖެނޮސައިޑް ރެޖީމުން މަރާލަން ކަނޑައަޅާފައިވާ މީހެއް ކަމަށެވެ. މީގެ އިތުރުން އީރާނުގެ މީހުންނަކީ މަޝްވަރާތަކުގެ ތެރެއިން ފައިދާ ހޯދަން އުޅޭ "ރަނގަޅު ވިޔަފާރިވެރިންތަކެއް" ކަމަށް ސިފަކޮށް، އީރާނަށް ނިއުކްލިއާ ހަތިޔާރު އުފައްދަން އިސްރާއީލުން ފުރުސަތު ނުދޭނެ ކަމަށް ކާޓްޒް ތަކުރާރުކޮށް ބުނެފައިވެއެވެ.
ޑިޕްލޮމެޓިކް މަސްދަރުތަކުން ބުނާ ގޮތުގައި އެމެރިކާއާއި އީރާނުގެ އޮފިޝަލުން ދަނީ ގަތަރު އަދި ޕާކިސްތާނުގެ މެދުވެރިން މެދުވެރިކޮށް ދޯހާގައި މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަޝްވަރާތަކުގެ ބިންގާ އެޅުމަށްޓަކައި، އެމެރިކާގެ ޚާއްސަ މަންދޫބު ނިއުޔޯކުގެ އިމާރާތް ކުރާ ކޮންޓްރެކްޓަރު ސްޓީވް ވިޓްކޯފް އާއި ޓްރަމްޕްގެ ދަނބިކޮއެ އަދި ސީނިއާ އެޑްވައިޒަރު ޖެރެޑް ކުޝްނަރު ވަނީ ދޯހާގައި ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ.





