ކެނެޑާގެ ސަސްކެޗުއަން ސިޓީގެ ހައި ސްކޫލެއްގައި ބޭއްވި ގްރެޖުއޭޝަން ހަފުލާއެއްގައި، ދަރިވަރެއްގެ ކަރުގައި އޮތް ފަލަސްތީނުގެ ކުފިއްޔާ ބާރުގެ ބޭނުންކޮށްގެން ބޭލި ހާދިސާއަކީ "ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުމުގެ އެންމެ ސާފު މިސާލު" ކަމަށް ނޭޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް (އެންސީސީއެމް) އިން ސިފަކޮށްފިއެވެ. އެ މަޖިލީހުން ބުނާ ގޮތުގައި، މި ހާދިސާއިން ދައްކުވައިދެނީ ތައުލީމީ މުއައްސަސާތަކުގައި ފަލަސްތީނުގެ ޝަޚުސިއްޔަތު ހާމަކުރުމަށް ހުރަސްއެޅުން ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވަމުންދާ ކަމެވެ.
’އެކްސް' ޕްލެޓްފޯމްގައި އާންމުކުރި ބަޔާނެއްގައި، އެ މަޖިލީހުން ވަނީ މި ހާދިސާއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހޭކަން ފާޅުކޮށްފައެވެ. އަދި މި މަންޒަރުތައް ފެނުމަކީ "ވަރަށް ބޮޑު ނުތަނަވަސްކަމެއް" ގެނުވި ކަމެއް ކަމަށް ވެސް އެ މަޖިލީހުން ބުންޏެވެ.
އެ މަޖިލީހުން ކަށަވަރުކޮށްދިން ގޮތުގައި، ފާއިތުވި އަހަރުތަކުގައި ފަލަސްތީނުގެ ސަގާފަތް ހާމަކުރާ ކޮންމެ ކަމަކީ ވެސް، ހާއްސަކޮށް ޔުނިވަރސިޓީތަކާއި ސްކޫލްތަކާއި ގްރެޖުއޭޝަން ހަފުލާތަކުގައި، އެއީ ޓެރަރިޒަމާއި ހަމަނުޖެހުމާ ގުޅުންހުރި ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރަމުންދާ ކަމެވެ. މިއީ ޒަޔަނިސްޓޫންގެ ނުފޫޒުން ހިންގާ ކަންތައްތަކެވެ.
މި އަމަލަކީ ފަލަސްތީނު މީހުންނާ ދެކޮޅަށް އަމާޒުކުރާ ނަސްލީ ތަފާތުކުރުމުގެ ވަރަށް ފާޅުކަންބޮޑު މިސާލެއްކަން ފާހަގަކޮށް، ކެނެޑާގެ ހުރިހާ މުއައްސަސާތަކަކުން މިފަދަ އަމަލުތަކާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށް އެ މަޖިލީހުން ބުންޏެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުވުމަށްޓަކައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށް ވެސް އެ މަޖިލީހުން ގޮވާލިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސަސްކެޗުއަން ޕްރޮވިންސްގެ "ސެންޓެނިއަލް ކޮލިޖިއޭޓް" ހައި ސްކޫލްގެ ދަރިވަރަކު ފަލަސްތީނުގެ ކުފިއްޔާ އަޅައިގެން ސެޓްފިކެޓް ހަވާލުކުރާ ސްޓޭޖަށް އެރުމުން، ސެޓްފިކެޓް ދިން ޓީޗަރު ވަނީ އެ ދަރިވަރުގެ ކަރުގައި އޮތް ކުފިއްޔާ ބާރުގެ ބޭނުންކޮށްގެން ބާލާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، އެ ވަގުތު ދަރިވަރު ހައިރާންވި ނަމަވެސް، ސެޓްފިކެޓް ލިބުމަށްފަހު އޭނާ ވަނީ އަނެއްކާވެސް ކުފިއްޔާ ކަރުގައި އަޅާފައެވެ.
ފަލަސްތީނުގެ ކޫފިއްޔާއަކީ އެ ގައުމުގެ ގައުމީ އަދި ސަގާފީ ރަމްޒެކެވެ. މިއީ އެއް ގަރުނަށްވުރެ ގިނަ ދުވަހު ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިމަށާއި ތަރިކައަށް ލޯބިކުރާ މިންވަރު ހާމަކޮށްދޭ އެއްޗެކެވެ. މިއަދު ކުފިއްޔާއަކީ ހަމައެކަނި ފަލަސްތީނުގެ އެތެރޭގައި އެކަނި ބޭނުންކުރާ އެއްޗެއް ނޫނެވެ؛ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކުރާ ފަރާތްތަކުން އެމީހުންގެ އައިޑެންޓިޓީ އާއި އެކުވެރިކަން ހާމަކުރުމަށް ބޭނުންކުރާ ބައިނަލްއަގްވާމީ ރަމްޒެކެވެ.







