ރޮޒައިނާއަށް ޕާލަމެންޓުން ގޮނޑިއެއް ދީފި!

ސޫރިޔާގެ ރައީސް އަޙްމަދު އައްޝަރުޢު، ނުވަތަ ޖައުލާނީ ރައީސް، 1 ޖުލައި 2026 ގައި ޕާލަމެންޓަށް އައްޔަންކުރެއްވި 70 މެމްބަރުންގެ ތެރޭގައި މަޝްހޫރު ފަންނާނު ރޮޒައިނާ ލާޒްޤާނީ ހިމެނިއްޖެއެވެ. މިއީ ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށްފަހު އެކުލަވާލެވުނު ފުރަތަމަ ރައްޔިތުންގެ މަޖިލީހެވެ. ރޮޒައިނާގެ އިތުރުން ރައީސް އައްޔަންކުރެއްވި މެމްބަރުންގެ ތެރޭގައި 15 އަންހެނުން ހިމެނެއެވެ. މިއީ 210 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ ތިންބައިކުޅަ އެއްބަޔެވެ. ބާކީ މެމްބަރުން ހޮވާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށް ގެންދިޔަ އިންތިހާބީ މަރުހަލާތަކުންނެވެ.

ރޮޒައިނާ ލާޒްޤާނީއަކީ ކާކު؟

ރޮޒައިނާ ލާޒްޤާނީ އުފަންވީ 17 އޭޕްރީލް 1990 ގައި ޙަމާތު ސިޓީއަށެވެ. އޭނާ ވަނީ ދިމިޝްގުގެ ހަޔަރ އިންސްޓިޓިއުޓް ފޮރ ތިއޭޓްރިކަލް އާޓްސް އިން ސިނޮގްރަފީގެ ދާއިރާއިން ކިޔަވާފައެވެ. އޭނާގެ ފަންނީ ހަޔާތް ފެށުނީ 2013 ވަނަ އަހަރު ޓާމިރް އިސްހާގު ޑައިރެކްޓް ކުރި "ނާޒިރީން" ސިލްސިލާއިންނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެކްޓަރަކީ އެކްޓިންގެ އިތުރުން ލަވަކިޔުމާއި ހަރަކާތްތެރިވުމުގެ ހުނަރު ހުންނަންޖެހޭ މީހެކެވެ.

"ޣަރާބީބް ސޫދު" އިން "ވިލާދު ބަދީއާ" އަށް

ރޮޒައިނާގެ މަޝްހޫރުކަން އެންމެ ބޮޑަށް ފެތުރިގެން ދިޔައީ ސާމިރު އަލްބަރްޤާވީ ޑައިރެކްޓް ކުރި "އަލްހައިބާ" ސިލްސިލާގައި "މުނާ ޝައިޚް އަލްޖަބަލް" ގެ ރޯލުންނެވެ. އޭނާ ވަނީ 2017 އިން 2021 އަށް މި ސިލްސިލާގެ 4 ބައިގައި އެ ރޯލު ކުޅެފައެވެ. މީގެ އިތުރުން 2017 ގައި ދެއްކި "ޣަރާބީބް ސޫދު" ސިލްސިލާގައި އޭނާ ކުޅުނު "ޙަފްސާ" ގެ ރޯލަކީ ވެސް ފާހަގަކޮށްލެވޭ ރޯލެކެވެ. ރަޝާ ޝަރްބަތްޖީ ޑައިރެކްޓް ކުރި 2024 ވަނަ އަހަރުގެ ރަމަޟާން ސިލްސިލާ "ވިލާދު ބަދީއާ" ގައި އޭނާ ދައްކުވައިދިން ހުނަރަށް ވަރަށް ބޮޑު ތައުރީފެއް ލިބުނެވެ.

މުސްތަގުބަލުގެ މަސައްކަތްތައް

ރޮޒައިނާ މިހާރު ތައްޔާރުވަމުން ދަނީ ސުލައިމާން އަބްދުލް އަޒީޒްގެ ވާހަކައަކަށް ފާދީ ވަފާއީ ޑައިރެކްޓް ކުރާ "ޠަރީގުލް އައުދާ" ސިލްސިލާއަށެވެ. މި ސިލްސިލާއިން ރެފިއުޖީން އެނބުރި ގައުމަށް ދިއުމުގެ ޝައުގުވެރި މައްސަލަތައް ހާމަކޮށްދޭނެއެވެ. އަދި ލައިސު ހައްޖޫ ޑައިރެކްޓް ކުރާ "އައްސޫރިއްޔޫން އަލްއަޢުދާ" ގައި ވެސް އޭނާ ބައިވެރިވެއެވެ. މިއީ 1970 ގެ އަހަރުތަކުން ފެށިގެން 2011 އާ ހަމައަށް ސޫރިޔާގެ ޖަލުތަކުގައި ހިނގި އަނިޔާތަކާއި ވެރިކަމުގެ ނުބައިކަން ހާމަކޮށްދޭ ސިޔާސީ-އިޖުތިމާއީ ޑްރާމާއެކެވެ.

ސޫރިޔާގެ އިންގިލާބަށް އޭނާގެ ތާއީދު

ރޮޒައިނާއަކީ ސޫރިޔާގެ އިންގިލާބަށް ފާޅުގައި ތާއީދުކުރި ފަންނާނެކެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު 8 ގައި "ސޫރިޔާ މިނިވަންވުމުން" އޭނާ ވަރަށް ބޮޑަށް އުފާފާޅުކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރިއެވެ. އޭނާގެ އުފަން ސިޓީ ޙަމާގެ ރައްޔިތުން މިނިވަން ސޫރިޔާގެ ދިދަ އުފުލައިގެން ތިބި ފޮޓޯއަކާއެކު އޭނާ ބުނީ، "ޙާފިޒުލް އަސަދު ދިރި ހުއްޓާ، 54 އަހަރަށްފަހު ޙަމާ އޮތް ހާލަތު ފެނުނުނަމަ ކިހާ ރަނގަޅުވީސްތޯ،" އެވެ.

ޙަމާއަކީ ސުންނީ މުސްލިމުނބްގެ ދީނީ މަރުކަޒެކެވެ. ހާފިޒު އަސަދު ވަނީ އަނިޔާވެރި ގޮތަކަށް ޙަމާގެ ސުންނީ މުސްލިމުންނާ މެދު އަމަލކޮށްފައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް