ޓޯކިޔޯގެ އެންމެ ކާރޫބާރޫ ބޮޑު، ތޮއްޖެހިފައިވާ އޫނޯ ރޭލު ސްޓޭޝަންގެ ކައިރިން ކޮންމެ ދުވަހަކުވެސް ހާހުން މީހުން ދަތުރުކުރެއެވެ. އެންމެންވެސް އުޅެނީ އެމީހެއްގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައި އަވަދިނެތިއެވެ. ނަމަވެސް، އެ ހަލަބޮލިކަމުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ފެންނަ، މުޅި މާހައުލާ މިއުޒިކެއް ފަދައިން ވަކިވެފައިވާ އެއް ސޫރައެއް ފެނެއެވެ. އެއީ ޖަޕާނުގެ އެކްޓިވިސްޓް ޔޮސޫކޭ ފުރުސަވާ އެވެ. އޭނާގެ އަތުގައި އޮތީ ހަމައެކަނި ބޯޑެއް ނޫނެވެ. އެއީ އެތައް ހާސް މޭލެއްގެ ދުރުގައިވާ ފަލަސްތީނުގެ ރައްޔިތުންގެ ހިތުގެ އުދާސްތަކާއި އަޑެވެ.
ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ފަލަސްތީނަށް ތާއީދުކޮށް ބޭއްވި ބޮޑެތި މުޒާހަރާތަކުގެ ފޯރި ކެނޑި، މަގުތައް ހިމޭންވެއްޖެއެވެ. ނަމަވެސް ފުރުސަވާގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އޭނާ އެކަނިމާ އެކަނި، ޓޯކިޔޯގެ ފިނި ވައިރޯޅިތަކުގެ ތެރޭގައި ކޮޅަށް ހުންނަތާ މިއަދަށް 997 ދުވަސް ވެއްޖެއެވެ.
ފުރުސަވާގެ މަގުސަދަކީ ސާދާ ނަމަވެސް ފުން މަގުސަދެއް އޮވެއެވެ. އެއީ ދުނިޔެއަށް ޣައްޒާގެ ހާލަތު ހަނދާންކޮށްދިނުމެވެ. އަވަސް ފިޔަވަޅުތަކެއްގައި ރޭލަށް އަރަންދާ ޖަޕާނުގެ ރައްޔިތުންގެ ހިތްތަކުގައި، ފަލަސްތީނުގެ މައްސަލައަކީ ދިރިހުރި، އަދިވެސް ހައްލެއް ބޭނުންވެފައިވާ ކަމެއްގެ ގޮތުގައި ބޭއްވުމެވެ. އޭނާގެ އަތުގައި އެކި ބަސްބަހުން ލިޔެފައިވާ ބޯޑުތައް ހުރެއެވެ. އޭގެއިން ފެންނަ އިބާރާތްތަކުން ކޮންމެ އިންސާނެއްގެ ހިތަށްވެސް އަސަރު ކުރުވާނެއެވެ.
-
"ފަލަސްތީނު މިނިވަންކުރޭ"
-
"ޣައްޒާގައި ނަސްލު ނައްތާލުން ހުއްޓުވާ"
-
"ހަމަލާތައް ވަގުތުން ހުއްޓާލާ"
މި މެސެޖުތައް އޭނާ ހަމައެކަނި މަގުމަތީގައި ދައްކާލަނީކީއެއް ނޫނެވެ. 'އެކްސް' ޕްލެޓްފޯމް މެދުވެރިކޮށް މުޅި ދުނިޔެއަށް އޭނާގެ މި ހިމޭން އިހުތިޖާޖުގެ އަޑު ވެސް ފޯރުކޮށްދެއެވެ.
7 އޮކްޓޯބަރު 2023 ގައި އަގްސާޠޫފާނާއެކު ފަލަސްޠީނު މިނިވަން ކުރުމަށް ފެށި ހަނގުރާމައާ ގުޅިގެން ޔަހޫދީން އޮއްސާލި ނުރައްކާތެރި ބޮންތަކާއެކު، ފުރުސަވާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އޭނާ ނިންމީ ގެއަށް ވަދެ ހިމޭނުން ނުހުރުމަށެވެ.
"އަހަރެން މި މަސައްކަތް ފެށީ އިންސާނީ ހައްގުތަކާއި އިންސާނިއްޔަތަށްޓަކައި،" އަލްޖަޒީރާއާ ވާހަކަ ދައްކަމުން ފުރުސަވާ ބުންޏެވެ. "އަހަރެން ނަސްލީ ތަފާތުކުރުމާ ދެކޮޅު. ފަލަސްތީނު މިނިވަން ވަންދެން އަހަރެން މި އިހްތިޖާޖު ކުރިއަށް ގެންދާނަން."
މި ސާބިތުކަމުގެ ސަބަބުން، މަގުމަތިންދާ މީހުންނަށް އޭނާއަކީ ހަމައެކަނި މުޒާހަރާކުރާ މީހެއް ނޫނެވެ. އޭނާއަކީ އުންމީދުގެ ހުޅުކޮޅެކެވެ. ގިނަ ބަޔަކު އޭނާއާ ހިނިތުންވުމަކާއެކު ބައްދަލުކޮށް، ހިތްވަރުދީ، ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ޝެއާ ކުރަނީ ފަލަސްތީނުގެ ހައްގުގައެވެ.
ފުރުސަވާ ޓޯކިޔޯގެ މަގުމަތީގައި ކޮންމެ ސިކުންތެއް ހޭދަކުރާއިރު، ފަލަސްތީނުގެ ބިމުން އިވެނީ ވޭނީ އާހުގެ އަޑުތަކެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ހިސާބުތަކުން ފެންނަން އޮތީ ހިތްދަތި ހަގީގަތެކެވެ.
| ޣައްޒާގެ ކާރިސާ (އޮކްޓޯބަރު 2023 އިން ފެށިގެން) | އަދަދު |
| ޝަހީދުވި މީހުންގެ އަދަދު | 73,000 އަށްވުރެ ގިނަ |
| ޒަހަމްވި މީހުންގެ އަދަދު | 173,500 އަށްވުރެ ގިނަ |
ޣައްޒާ ވަނީ ފަލަސްޠީނުގެ ޖެނޮސައިޑްގައި ބޮޑު ސުންނާފަތިވުމެއްގެ ތެރެއަށް ޣަރަގުވެފައެވެ. ނަމަވެސް، ޔޮސޫކޭ ފުރުސަވާ ފަދަ އިންސާނުން ދުނިޔޭގެ ކޮންމެވެސް ކޮޅެއްގައި، ހޫނުގަދަ ދުވަސްތަކާއި ފިނިގަދަ ރޭތަކުގައި ފަލަސްތީނުގެ ހައްގުގައި ކޮޅަށް ހުރުމަކީ، އިންސާނިއްޔަތުގެ ހިތް އަދިވެސް ވިންދު ޖަހަމުންދާކަމުގެ ހެއްކެކެވެ. ބޭއިންސާފާ ދެކޮޅަށް ތެދުވުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެއް ނޫނެވެ.
ބައެއް މީހުން ސައިކަލުގައި އިސްޓިކާއެއް ޖަހައިގެން އަނެއް ބަޔަކު ގޭގައި ދިދައެއް ނަގައިގެން މެސީއަށް ސަޕޯޓުކޮށް، ކޮކާ ކޯލާ ދަޅެއް ބޮއެގެން ފުއްދާލާނެއެވެ.
އެކަމަކު ސާބިތުވެ ތިބުމަކީ ހަމައެކަނި ފުރުސަވާ ފަދަ މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.







