އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތަކަކީ "ސީދާ ބުހުތާނު ދޮގު" ކަމަށް، އެ މައްސަލަތައް ރަނގަޅަށް ދެނެތިބި އިސްރާއީލުގެ މަސްދަރަކުން ހާރެޓްޒް ނޫހަށް މައުލޫމާތު ދީފިއެވެ. މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ، އީރާނުގައި ނިއުކްލިއާ ބޮންތައް ހުރި ކަމަށް ބުނެ، އެ ބޮންތަކުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދެ ފަހަރެއްގެ މަތިން އީރާނަށް ހަމަލާ ދޭން ނިންމި ކަމަށް ބުނެ ނަތަންޔާހޫ މިދިޔަ އަންގާރަ ދުވަހު 14 ވަނަ ޗެނަލްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ހާރެޓްޒް ނޫހުން ފާހަގަކުރާ ގޮތުގައި، އީރާނުގައި ނިއުކްލިއާ ބޮން ހުރި ކަމަށް ނަތަންޔާހޫ މިހާރު ބުނިޔަސް، މީގެ ކުރިން އޭނާ ދައްކާފައިވާ ވާހަކަތަކާ މިއީ ވަރަށް ބޮޑަށް ފުށުއަރާވާހަކަތަކެކެވެ. މިސާލަކަށް، މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ބުނީ "އަހަރެމެން އެކަށީގެންވާ ވަގުތުގައި އަދި އެކަށީގެންވާ ބާރުގެ ބޭނުން ނުކުރި ނަމަ، އީރާނުގެ އަތުގައި ނިއުކްލިއާ ބޮން ހުރީސް" ކަމަށެވެ.
މީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު އަސްކަރީ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން ވެސް އޭނާ ބުނީ، "އަހަރެމެން ވަދެ ނުގަތް ނަމަ، މިއަދު އީރާނުގެ އަތުގައި އިސްރާއީލު ނައްތާލެވޭނެ ފަދަ ނިއުކްލިއާ ބޮން ހުރީސް" ކަމަށެވެ. މާނައަކީ، އީރާނުގެ އަތުގައި މިހާރު ބޮން ނެތްކަން އޭނާއަށް ވެސް އެނގޭ ކަމަށް ނޫހުން ބުނެއެވެ.
ހާރެޓްޒްއިން އިތުރަށް ބުނާ ގޮތުގައި، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ރަސްމީ ރިޕޯޓުތަކުގައި އީރާނުގައި ނިއުކްލިއާ ބޮން ހުރި ކަމުގެ އެއްވެސް އިޝާރާތެއް ނެތެވެ. އެ އެޖެންސީގެ ވެރިޔާ ރަފައޭލް ގްރޮސީ މި މަހުގެ ކުރީކޮޅު ބޯޑް އޮފް ގަވަނާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، 2025 ވަނަ އަހަރުގެ ޖޫން މަހު ހިނގި އަސްކަރީ ހަރަކާތްތަކުގެ ކުރިން އީރާނުގައި ހުރީ 440 ކިލޯގްރާމްގެ މަތީ ފެންވަރަށް ފައްކާކޮށްފައިވާ ޔުރޭނިއަމް އެވެ. އެއީ ތައްޔާރުކޮށްފައި އޮތް ބޮމެއް ނޫނެވެ.
މިކަމާ ގުޅިގެން، އިސްރާއީލުގެ ކުރީގެ ޗީފް އޮފް ސްޓާފް އަދި އިދިކޮޅު "ޔާޝާރު" ޕާޓީގެ ލީޑަރު ގާދީ އައިޒެންކޮޓް ބުނަނީ ނަތަންޔާހޫ މަސައްކަތް ކުރަނީ އީރާނުގެ ބިރު ދައްކައި އޮޅުވލައި ވާ ވައްދައިގެން އިސްރާއީލުގެ އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ.
"ނަތަންޔާހޫ އެ ދައްކަނީ ވަރަށް ދަށު ދަރަޖައިގެ ޔަހޫދީ ވާހަކަތަކެއް. އީރާނުގައި އެއްވެސް ނިއުކްލިއާ ބޮމެއް ނެތް. އާންމުން ބިރުގަންނަވަން އޭނާ އެހެދީ ބުހުތާނު ދޮގުތަކެއް،" ޔަދިއޮތް އަހްރޮނޮތް ނޫހުން ކޯޓުކޮށްފައިވާ ގޮތުގައި އައިޒެންކޮޓް ބުނެއެވެ.







