ޤައްސާމްގެ ކޮމާންޑަރު ޢިއްޒުއްދީން އަލްޙައްދާދު ޝަހީދުކޮށްލުމުގައި ބައިވެރިވި ޖާސޫސަކު މަރާލައިފި

ޣައްޒާގެ ރައްޔިތުން ސަޕޯޓު ކުރާ ޙަމާސް އިން ބުދަ ދުވަހު ބުނި ގޮތުގައި، އިސްރާއީލުގެ ޖާސޫސީ އިދާރާތަކަށް އެހީތެރިވެދީ، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތްތަކުގެ އިސް ވެރިންނަށާއި އާންމުންނަށް ހަމަލާތައް ދިނުމުގައި ބައިވެރިވި ޣަދަރުވެރި ޖާސޫސެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފިއެވެ. އޭނާގެ މައްޗަށް ކުރެވުނު އެންމެ ބޮޑު ތުހުމަތަކީ ޤައްސާމް ބްރިގޭޑްގެ ޗީފް އޮފް ސްޓާފް ޢިއްޒުއްދީން އަލްޙައްދާދު ޝަހީދުކޮށްލުމުގައި އަދާކުރި ދައުރެވެ.

ރެސިސްޓެންސް ސެކިއުރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހުކުމް ތަންފީޒުކުރީ "ޤާނޫނީ ހުރިހާ އިޖުރާތުތަކެއް ފުރިހަމަކުރުމަށްފަހު" ކަމަށެވެ. ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖެނޮސައިޑް ހަނގުރާމައިގެ ތެރޭގައި ހިންގި އެތައް ގަތުލުއާންމުތަކަކަށް އެ ޖާސޫސް ޒިންމާވާން ޖެހޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ. ޤައްސާމް ބްރިގޭޑްގެ ކޮމާންޑަރު ޢިއްޒުއްދީން އަލްޙައްދާދު ޝަހީދު ކުރީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު ޣައްޒާ ސިޓީއަށް ޔަހޫދީން ދިން ވައިގެ ހަމަލާއެއްގައެވެ.

މި އަމަލަކީ އިސްރާއީލަށް ޖާސޫސްކޮށްދޭ މީހުންނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް ހާމަކޮށް، ރެސިސްޓެންސް ސެކިއުރިޓީން ވަނީ "އިސްރާއީލަށް ޖާސޫސްކޮށްދޭ ޣައްދާރުންގެ ނިމުމަކީ މިއީ" ކަމަށް އިންޒާރު ދީފައެވެ. އަދި މިހާރު ވެސް އެ މަގުން ކައްސާލައިގެން އުޅޭ މީހުން، އަމިއްލައަށް އެމީހުންގެ ސަލާމަތީ ފަރާތްތަކާ ހަވާލުވެ، އަލުން ގައުމީ ސަފުތަކާ ގުޅުމަށް އެ އިދާރާއިން ގޮވާލާފައިވެއެވެ.

އިސްރާއީލަށް ޖާސޫސްކޮށްދޭ ޣައްދާރުންނަކީ ފަލަސްތީނުގެ އާއިލާތަކާއި ދަރިކޮޅުތަކުގެ ގައުމީ އަޚްލާގީ ހަމަތަކާ ޚިލާފު ބައެއް ކަމަށާއި، އެމީހުންގެ އަމަލުތަކަކީ އެމީހުންގެ އަމިއްލަ ނަފުސުގެ ކުށްތަކެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު، ޣައްޒާގެ ސަލާމަތީ މަސްދަރަކުން ވާހަކަ ދައްކަމުން ބުނެފައިވަނީ، އިސްރާއީލަށް ޖާސޫސްކުރާ މީހުންގެ އިޢުތިރާފު ބަޔާންތައް އާންމުކުރުމަށް ރާވަމުންދާ ކަމަށެވެ. ތަހުގީގުތަކުން އެނގޭ ގޮތުގައި، މިފަދަ މީހުންނަށް އިސްރާއީލުގެ ޖާސޫސީ އިދާރާތަކުން އަންގަމުންދަނީ ޣައްޒާގެ އެތެރޭގައި ހަމަނުޖެހުން އުފެއްދުމަށާއި، ބިރުވެރިކަން ފެތުރުމަށް ކަމަށް އެ މަސްދަރުން ބުނެފައިވެއެވެ.

ޣައްޒާގެ ސަލާމަތީ ފަރާތްތަކުން ބުނާ ގޮތުގައި، ހަނގުރާމައިގެ ތެރޭގައި ޔަހޫދީން ވަނީ ޖާސޫސީ ވިއުގަތައް ފުޅާކުރުމަށް މަސައްކަތް ކޮށްފައެވެ. ހާއްސަކޮށް، ޣައްޒާގެ އިންސާނީ ހާލަތު ގޯސްވެ، ދިރިއުޅުމުގެ އަސާސީ ކަންކަން ފޭލިވެފައިވާ ދަނޑިވަޅުތަކަކީ، ފައިސާއާއި އެހީގެ ދަޅަ ދައްކައިގެން މީހުން މެދުވެރިކޮށް ޖާސޫސް ކުރުވުމަށް އިސްރާއީލުން ބޭނުންކުރާ ވަސީލަތެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ ޣައްދާރުންނާ ގުޅުން ކަނޑާލާފައިވާކަން ފަލަސްތީނުގެ ބައެއް އާއިލާތަކުން މީގެ ކުރިން ވެސް އިއުލާނުކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!