މީނާބުގެ ސްކޫލަށް އެމެރިކާ ދިން ޓެރަރިސްޓް ހަމަލާގެ ތަފުސީލުތައް ހާމަވެއްޖެ

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގި ސޮލީބީ ސަހުޔޫނީ އުދުވާނުގެ ތެރޭގައި، އީރާނުގެ މީނާބް ސިޓީގެ ޕްރައިމަރީ ސްކޫލަކަށް ދިން ވައިގެ ހަމަލާއަކީ މި ހަނގުރާމައިގެ އެންމެ ލޭއޮހޮރުވުން ބޮޑު ހާދިސާކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނެފިއެވެ. މި ހަމަލާގައި 100 އަށްވުރެ ގިނަ ކުޑަކުދިން މަރުވެފައިވާއިރު، މިކަމަށް ޒިންމާވާން އެމެރިކާ ސަރުކާރުން އަދިވެސް ދެކޮޅު ހަދަމުންދާ ކަމަށް އެ މީޑިއާއިން ރިޕޯޓުކުރެއެވެ.

މި ހާދިސާ ހިނގާފައިވަނީ މި އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހުއެވެ. އޭޕީގެ ތަހުގީގުން ހާމަވާ ގޮތުގައި:

  • މި ސްކޫލަކީ މީގެ ދިހަވަރަކަށް އަހަރު ކުރިން ރިވޮލިއުޝަނަރީ ގާޑްސްގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެކެވެ. ފަހުން އެތަން ސްކޫލަކަށް ބަދަލުކުރި ނަމަވެސް، ސްކޫލުގެ ލިސްޓުތައް އަސްކަރީ ޑޭޓާބޭސްތަކުގައި އަދާހަމަވެފައި ނުވެއެވެ.

  • އީރާނުގެ ގަޑިން ހެނދުނު 9:40 ހާއިރު ހަމަލާތައް ފެށުމުން، ސްކޫލުން ދަރިވަރުން ގެއަށް ފޮނުވަން މަސައްކަތްކުރަމުން ދަނިކޮށް، ގާތްގަނޑަކަށް 10:15 ހާއިރު ސްކޫލަށް އަމާޒުކޮށް ބޮން އަޅާފައިވެއެވެ.

  • މި ހަމަލާގައި 5 އިމާރާތެއް މުޅިން ސުންނާފަތިވެފައިވެއެވެ. ސަލާމަތީ ފަރާތްތަކުން އެތަނުން ހޯދި ތަކެތީގެ ތެރޭގައި ކުޑަކުދިންގެ ދަބަހާއި، ކުރެހުންތަކާއި، ފަންސޫރު ފަދަ ތަކެތި ހިމެނެއެވެ.

މަރުވި މީހުންގެ އަދަދު

އީރާނުގެ ރަސްމީ މީޑިއާ ފުރަތަމަ 108 މީހުން މަރުވިކަމަށް ބުނި ނަމަވެސް، ފަހުން އެ އަދަދު 168 އަށް އެރިއެވެ. "އެއާވޯސް" ޖަމިއްޔާގެ ތަހުގީގުން ދައްކާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 13 އަހަރުން ދަށުގެ 123 ކުޑަކުދިން ހިމެނެއެވެ.

އެމެރިކާގެ ބައިވެރިވުމާއި ސަރުކާރުގެ ޚިލާފުތައް

މި ހާދިސާ ހިނގިތާ 120 ދުވަސް ފާއިތުވެގެން ދިޔައިރުވެސް، ޕެންޓަގަންއިން ކުރަމުންދާ ތަހުގީގުގެ ނަތީޖާ އަދިވެސް އާންމުކޮށްފައެއް ނުވެއެވެ. އެމެރިކާގެ އޮފިޝަލަކު އޭޕީއަށް މައުލޫމާތު ދިން ގޮތުގައި، ސްކޫލެއް ކަމަށް ކަނޑައެޅިފައިވާ ތަނަކަށް ހަމަލާ ދެވުނުކަން ޖާސޫސީ އިދާރާތަކަށް ކުރިން ވެސް އެނގެއެވެ. ނަމަވެސް، އެ މައުލޫމާތު އަސްކަރީ އޮޕަރޭޝަންތަކުގައި ހިމެނޭ ފަރާތްތަކާ ހިއްސާކުރެވިފައި ނުވެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމާ ގުޅޭގޮތުން ވިދާޅުވީ، އެމެރިކާއިން މި ހަމަލާ ދިން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. "މިސައިލްތައް އެތަން މިތަނަށް ދަތުރުކުރަމުން ދިޔައީ. އެމެރިކާގެ ޒިންމާއެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން،" ޓްރަމްޕް ވިދާޅުވިއެވެ.

ޕެންޓަގަންގެ އިހުމާލުތައް

ކުރީގެ ޕެންޓަގަން އޮފިޝަލުން ބުނާ ގޮތުގައި، ޓްރަމްޕްގެ ސަރުކާރުން އާންމުން ހިމާޔަތްކުރުމާ ބެހޭ އޮފީސްތައް އުވާލައި، އަސްކަރީ ލީޑަރުން ހަމަލާތައް ބާރުގަދަކުރަން އިސްކަން ދިނުމުގެ ސަބަބުން މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުވީއެވެ. ސްކޫލް، ހޮސްޕިޓަލް އަދި އަޅުކަންކުރާ ތަންތަން ނޯ-ސްޓްރައިކް ލިސްޓުގައި ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ފެއިލްވެފައެވެ.

އެމެރިކާގެ ކޮންގްރެސްގެ މެންބަރުން މިހާރު ދަނީ މި މައްސަލައިގެ ފުރިހަމަ ތަހުގީގަކާއި ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހާމަކުރުމަށް ގޮވާލަމުންނެވެ. ޕެންޓަގަންގެ ފަރާތުން މި މައްސަލައިގެ ރިޕޯޓު "އެކަށީގެންވާ ވަގުތެއްގައި" އާންމު ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު ޕީޓް ހެގްސެތު ވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!