ޗައިނާއަށް ޕެނަމާ ކެނަލް ކޮންޓްރޯލް ކުރިޔަކަ ނުދޭނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޕެނަމާ ކެނަލްގެ މައްސަލަ އަލުން ފެންމަތިކުރައްވައި، އެ މުހިންމު ކަނޑުއޮޅި ކޮންޓްރޯލް ކުރުމަށް ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައިފިއެވެ. ބުދަ ދުވަހު ދެއްކެވި ވާހަކަފުޅެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން އެ ކަނޑުއޮޅި "ދޫކޮށްލީ" ކަމަށާއި، އެއީ ވަރަށް ބޮޑު "މޮޔަކަމެއް" ކަމަށެވެ.

ޓްރަމްޕް ފާޑުވިދާޅުވީ 1999 ވަނަ އަހަރު ޕެނަމާ ކެނަލްގެ އިދާރީ ކަންކަން ޕެނަމާއާ ހަވާލުކުރަން ނިންމި ނިންމުމަށެވެ.

"ޑިމޮކްރެޓުން ޕެނަމާ ކެނަލް ޕެނަމާއާ ހަވާލުކުރީ އެންމެ ޑޮލަރަކަށް. އެކަމުގެ ސަބަބުން ޕެނަމާއިން ވަނީ އެތައް އަހަރެއް ވަންދެން ބޯޓުތައް ދަތުރުކުރާ ފީ ހަތަރު ގުނަ ބޮޑުކޮށްގެން ބޮޑެތި ފައިދާތަކެއް ހޯދާފައި،" ޓްރަމްޕް ވިދާޅުވިއެވެ. އަދި ޗައިނާއިން މި ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް އެމެރިކާއިން ފުރުސަތު ނުދޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ދުނިޔޭގެ ކަނޑުދަތުރުފަތުރާއި ވިޔަފާރީގެ ގާތްގަނޑަކަށް 5% ހިއްސާކުރާ ޕެނަމާ ކެނަލަކީ އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ސްޓްރެޓީޖިކް ވާދަވެރިކަމުގެ މައިގަނޑު އެއް ހަބެވެ. 1977 ވަނަ އަހަރުގެ މުއާހަދާތަކުގެ ދަށުން 1999 ވަނަ އަހަރު މިތަން ޕެނަމާއާ ހަވާލުކުރި ނަމަވެސް، ޓްރަމްޕް ގެންދަވަނީ މި ނިންމުމަކީ އެމެރިކާގެ ސްޓްރެޓީޖިކް މުދަލެއް ގެއްލިގެން ދިޔަ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުންނެވެ.

އަނެއްކޮޅުން، ޕެނަމާގެ ސަރުކާރުން މި ތުހުމަތުތައް ވަނީ ދޮގުކޮށްފައެވެ. ޕެނަމާގެ ރައީސް ހޯސޭ ރައުލް މޮލީނޯ ވިދާޅުވެފައިވަނީ، ޕެނަމާ ކެނަލް ހިންގަނީ ހަމައެކަނި ޕެނަމާ ކެނަލް އޮތޯރިޓީން ކަމަށާއި، އެތަނުގެ މައްޗަށް ޕެނަމާގެ އޮތް ސިޔާދަތަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

މި މައްސަލައިގައި ވޮޝިންގްޓަނާއި ބެއިޖިންއާ ދެމެދު އޮތް ހަގީގީ ހަމަނުޖެހުމަކީ ކަނޑުއޮޅި ހިންގުމުގެ މައްސަލައަށްވުރެ ބޮޑަށް، އެ ކަނޑުއޮޅީގެ ދެ ކޮޅުގައި އޮންނަ ބަނދަރުތަކުގެ ކޮންޓްރޯލް ހޯދުމުގެ ވާދަވެރިކަމެވެ. އެމެރިކާއިން ކަންބޮޑުވުން ފާޅުކުރަނީ ޗައިނާގެ ކުންފުނިތަކުން މި ބަނދަރުތަކުގައި ހޯދަމުންދާ ނުފޫޒާ މެދުގައެވެ.

ހިއްސާ ކުރައްވާ!