ގަތަރުގެ އަމީރު ބޭނުންކޮށްފައި ދިން ބޯޓަކާ މެދު ފޮނިކަނޑަނީ ކާކު؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޤަތަރު ސަރުކާރުން ބޭނުން ކޮށްފައި އޭނާއަށް ހަދިޔާކުރި ބޯއިން 747 މަރުކާގެ މަތިންދާ ބޯޓުގައި ފުރަތަމަ ދަތުރުފުޅު ކުރައްވައިފިއެވެ. ބުދަ ދުވަހު ނޯތު ޑަކޯޓާއަށް ކުރެއްވި މި ދަތުރުފުޅަކީ، ރިޕަބްލިކަން ޕާޓީގެ ކުރީގެ ރައީސް ތިއޮޑޯރު ރޫޒްވެލްޓްގެ ޚިދުމަތްތައް ފާހަގަކުރުމަށް ހަދާ މިއުޒިއަމެއް ހުޅުވުމަށް ޓްރަމްޕް ބަޔަކު ބޭނުންކޮށްފައި ދިން ބޯޓެއްގައި ކުރެއްވި ދަތުރުފުޅެކެވެ.

މި ބޯތަށް ތްރަމްޕް ދީފައި ވަނީ "އެއާ ފޯސް ވަން" އެވެ. ދުނިޔޭގެ ބޮޑު ބާރުކަމަށް ބުޏާ ގައުމުގެ ރައީސް މި ބޯޓަށް އަރައިވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޤަތަރުން މި ބޯޓު ތައްޔާރުކޮށްފައިވާ ފެންވަރާ މެދު އޭނާ ވަރަށް ގަޔާވާ ކަމަށެވެ. "މި ބޯޓު ތައްޔާރުކޮށްފައިވަނީ ރައީސަކަށް އެކަށީގެންވާ ގޮތަށެވެ. ސަލާމަތީ ހުރިހާ ފިޔަވަޅުތަކަކާއި، ޒަމާނީ ނިޒާމުތައް ވަނީ ހިމަނާފައެވެ. މިއީ ވަރަށް ތަފާތު، ފުރިހަމަ ބޯޓެއް،" ޓްރަމްޕް ވިދާޅުވިއެވެ. އެއީ ގަތަރުގެ އަމީރު ބޭނުންކުރައްވާފައި ޓްރަމްޕަށް އެރުވި ހަދިޔާއެކެވެ.

ސީއެންއެން އިން ރިޕޯޓުކުރާ ގޮތުގައި، މި ބޯޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އެމެރިކާއަށް މިފަދަ ބޯޓެއް އަމިއްލައަށް ތައްޔާރުކުރުމުގެ ޤާބިލުކަން ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.

ޤަތަރުން ހަދިޔާކުރި މި ބޯޓުގެ އަގު ގާތްގަނޑަކަށް 400 މިލިއަން ޑޮލަރަށް އަރައެވެ. މިއީ ޝަރުތެއް ނެތި ހަދިޔާކުރި ބޯޓެއް ކަމަށްވީ ނަމަވެސް، މި ހަދިޔާއާ ގުޅިގެން އެމެރިކާގެ ޤައުމީ ސަލާމަތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވެއެވެ. މީގެ ކުރިން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ޓްރަމްޕް ވެރިކަމުން ވަކިވެވަޑައިގަތުމަށްފަހު، މި ބޯޓު އޭނާގެ ރިޔާސީ ލައިބްރަރީއަށް ހަދިޔާކުރުމަށް ވަނީ ރޭވިފައެވެ. މި ބޯޓު ރަސްމީކޮށް ހަދިޔާކޮށްފައިވަނީ އެމެރިކާގެ ޑިފެންސް މިނިސްޓްރީ އަށެވެ.

މިދިޔަ މަހު މި ބޯޓު ފުރަތަމަ ދައްކާލަމުން ޓްރަމްޕް ސިފަކުރެއްވީ މިއީ "ދުނިޔޭގެ އެންމެ ފުރިހަމަ ބޯޓު" ކަމަށެވެ. މި ބޯޓުގެ އެތެރޭގެ ޑިޒައިން ވަރަށް ޚާއްސައެވެ. އޭގެ ތެރޭގައި:

  • އެނދުގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ލެދަރު ގޮނޑިތައް
  • ރިޔާސީ ސިއްކަ ޖެހި ސީޓް ބެލްޓްތައް
  • ބީޖު ކުލައިގެ ފާރާއި ދޫލަ
  • ރަން ކުލައިގެ ލައިޓިންގް ޔުނިޓްތައް

އެމެރިކާއިން އާ ރިޔާސީ ބޯޓުތަކެއް އުފެއްދުމުގެ މަސައްކަތް ބޯއިން ކުންފުނި މެދުވެރިކޮށް ކުރަމުންދާއިރު، އެ ބޯޓުތައް ފުރިހަމަ ވާން އަދި ގާތްގަނޑަކަށް ދެ އަހަރު ނަގާނެއެވެ. އޭގެ ކުރިން އެމެރިކާގެ ރިޔާސީ ދަތުރުތަކުގައި ޤަތަރުން ހަދިޔާކުރި ކުރިން ބޭނުންކޮށްފައިވާ މި ބޯޓު ބޭނުންކުރާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!