ދުނިޔޭގައި މިހާރު ހުރި އެންމެ ދުވަސްވީ ގުރާގެ ރެކޯޑު ހޯދައިފި

އެމެރިކާގެ ސައުތު ކެރޮލައިނާގެ އާއިލާއަކުން ގެންގުޅޭ "ސްޕޫޑްލްސް" ނަމަކަށް ކިޔާ ޕެރަކީޓް ގުރައެއް، ދުނިޔޭގައި މިހާރު ހުރި އެންމެ ދުވަސްވީ ދިރިހުރިޕެރަކީޓް ގުރާގެ ގޮތުގައި ގިނިޒް ވޯލްޑް ރެކޯޑްސްއިން ރަސްމީކޮށް ބަލައިގަނެފި އެވެ. ގިނީޒް  ރެކޯޑް ފޮތަށް އަރާފައިވާ ގޮތުގައި މި ގުރާގެ އުމުރަކީ 32 އަހަރާއި 86 ދުވަހެވެ.

ޗާލްސްޓަންގެ ރަށެއްގައި ދިރިއުޅޭ އަމާންޑާ ބެތު ގެންގުޅޭ މި ގުރާ މިފަދަ ތާރީޚީ ޝަރަފެއް ހޯދާފައި މިވަނީ، އާންމުގޮތެއްގައި ގޭގޭގައި ބަލަހައްޓާ މި ބާވަތުގެ ތޫތިތަކުގެ އެވްރެޖް އުމުރަކީ އެންމެ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ކަމަށް ބަލައިގެންނެވެ. ސްޕޫޑްލްސް އޭގެ އާންމު އުމުރަށްވުރެ މާ ގިނަ ދުވަހު ދިރިއުޅުމުން ދޫނިތަކަށް ލޯބިކުރާ މީހުންނާއި ތަޖުރިބާކާރުންނަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފަ އެވެ.

އޭގެ ވެރިފަރާތް ކަމަށްވާ އަމާންޑާ ބެތު ކިޔައިދިން ގޮތުގައި، މި ގުރާ އޭނާއަށް ހަދިޔާއަކަށް ދިނީ 1997 ވަނަ އަހަރު އޭނާގެ މަންމަ އެވެ. އެ ދުވަސްވަރު އެސޮރުގެ އުމުރަކީ ގާތްގަނޑަކަށް 3 އަހަރެވެ. އޭނާ ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި މި ގުރާ ބަލަހައްޓަމުން އަންނަނީ ވަރަށް ލޯތްބާއެކުގަ އެވެ.

ސްޕޫޑްލްސްގެ މި އާދަޔާޚިލާފު ދިގު އުމުރާއި ދުނިޔޭގެ ރެކޯޑުގެ ސަބަބުން މިހާރު އޭނާއަށް ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ލިބި، ދޫނިގެންގުޅޭ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.

ހިއްސާ ކުރައްވާ!