ތައިވާން ކައިރިން ޗައިނާގެ 22 އަސްކަރީ ބޯޓެއް އުދުހުނު

ޗައިނާގެ ސިފައިން ތައިވާން ކައިރީގައި ހިންގާ ހަރަކާތްތައް ބުރާސްފަތި ދުވަހުގެ ހެނދުނު ކުއްލިއަކަށް އިތުރުކޮށްފައިވާ ކަމަށާއި، އެގޮތުން ޕީޕަލްސް ލިބަރޭޝަން އާމީގެ 22 އަސްކަރީ ބޯޓެއް ރަށުގެ ވަށައިގެން އުދުހެމުންދަނިކޮށް ފާހަގަކުރެވިފައިވާ ކަމަށް ތައިވާނުގެ މިނިސްޓްރީ އޮފް ނެޝަނަލް ޑިފެންސްއިން ބުނެފި އެވެ.

ދިފާއީ އޮފިޝަލުން ހާމަކުރި ގޮތުގައި ހެނދުނު 06:53 އެހާކަންހާއިރު ފެށުނު މި އުދުހުންތަކުގައި ޗައިނާގެ އެންމެ ޒަމާނީ އަސްކަރީ މަތިންދާބޯޓު ބޭނުންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖޭ-16 ފައިޓަރު ޖެޓްތަކާއި، އެޗް-6 ބޮންއަޅާ ބޯޓުތަކުގެ އިތުރުން ކޭޖޭ-500 މަރުކާގެ އަސްކަރީ ރާޑަރު ބޯޓުތައް ހިމެނެ އެވެ.

ފާހަގަކުރެވުނު 22 ބޯޓުގެ ތެރެއިން 20 ބޯޓެއް ވަނީ ތައިވާނާއި ޗައިނާ ވަކިކޮށްދޭ ނުރަސްމީ ވައިގެ ބޯޑަރު ނުވަތަ 'މީޑިއަން ލައިން' ހުރަސްކޮށްފަ އެވެ. މި ބޯޓުތައް ވަނީ ތައިވާނުގެ އުތުރާއި، މެދުތެރެ އަދި ހުޅަނގު ދެކުނުގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯންއަށް ވަދެފަ އެވެ. އޭޑީއައިޒެޑް ސަރަހައްދަށް ވަނުމަށްފަހު، ޗައިނާގެ ބޯޓުތައް ދަތުރުކުރީ ޕެސިފިކް ކަނޑާ ދިމާއަށެވެ. އެއީ ދުރު ރާސްތާގެ އުދުހުންތަކާއި ކަނޑާއި ވައިގެ ގުޅިފައިވާ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށެވެ.

ހަމަ އެދުވަހުގެ ހެނދުނު ތައިވާނުން ވަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުން ޗައިނާގެ 5 އަސްކަރީ ބޯޓަކާއި، ކަނޑުގެ ސިފައިންގެ 6 މަނަވަރެއްގެ އިތުރުން ޗައިނާ ސަރުކާރުގެ ރަސްމީ 5 ބޯޓެއް ދަތުރުކުރަމުންދަނިކޮށް ފާހަގަކޮށް، އެތަކެތީގެ ހަރަކާތްތައް މޮނިޓަރުކޮށްފަ އެވެ.

ތައިވާނުގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ތައިވާނުގެ ސިފައިން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުން ކަމަށާއި، ހާލަތާ ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުންދާ" ކަމަށެވެ.

ޗައިނާއިން ތައިވާނަށް ކުރިމަތިކުރަމުންދާ އަސްކަރީ އަދި ސިޔާސީ ފިއްތުންތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާ ދަނޑިވަޅެއްގައި މިފަދަ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ. ބެއިޖިންއިން އަދިވެސް ގަބޫލުކުރަނީ ޑިމޮކްރެޓިކް އުސޫލުން ވެރިކަންކުރާ ތައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގަ އެވެ. ނަމަވެސް ތައިވާނުން ބުނަމުންދަނީ އެއީ އަމިއްލަ ސަރުކާރަކާއި، އިގްތިސާދަކާއި އަސްކަރިއްޔާއެއް އޮތް މިނިވަން ގައުމެއް ކަމަށެވެ.

މި ސަރަހައްދުގެ މަސްރަހު ހޫނުވަމުންދާތީ، ތައިވާނުން ދަނީ އަމިއްލަ ދިފާއީ ބާރު ވަރުގަދަކުރަމުންނެވެ. އެގޮތުން ތައިވާނުގައި އެންމެ ފުރަތަމަ އަމިއްލައަށް ބަނދެގެން އުފެއްދި ސަބްމެރިން، ކައޮސިއުންގް ބަނދަރުން ނިކުމެ އޭގެ 15 ވަނަ ކަނޑުގެ ޓެސްޓާއި، ކަނޑު އަޑިން ދަތުރުކުރުމުގެ 9 ވަނަ ޓެސްޓް ކާމިޔާބުކަމާއެކު ދާދިފަހުން ފުރިހަމަކޮށްފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ހިއްސާ ކުރައްވާ!