ސްޕެއިންގައި ގަވާއިދާ ޚިލާފަށް އުޅޭ 1.17 މިލިއަން ހިޖުރަވެރިންގެ ތެރެއިން 609,737 މީހަކު، އެމީހުންގެ ގާނޫނީ ހާލަތު ރަނގަޅުކުރުމަށް ހުށަހަޅާފައިވާ ކަމަށާއި އެމީހުންނަށް އަފުއާންމެއްގެ ދަށުން، އެމީހުންގެ ހުށަހެޅުންތައް ދިރާސާކުރަމުންދާ މުއްދަތުގައި ގައުމުގެ އިގްތިސާދީ މަސައްކަތްތަކުގައި ބައިވެރިވެވޭނެ ފަދަ ވަގުތީ މަސައްކަތުގެ ހުއްދައެއް މިހާރު ވަނީ ދީފައެވެ.
މި ކަމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ކުރިއަށްދިޔައީ މިއަހަރުގެ އޭޕްރީލް 16 އިން ޖޫން 30 ގެ ނިޔަލަށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ 2025 ވަނަ އަހަރު ނިމުމުގެ ކުރިން މަދުވެގެން 5 މަސް ދުވަހު ސްޕެއިންގައި އުޅެފައިވާ، އަދި ކުށުގެ ރެކޯޑެއް ނެތް ލިޔެކިޔުންތައް ފުރިހަމަނުވާ ހިޖުރަވެރިންނަށެވެ. މި ޝަރުތު ހަމަވާ މީހުންނަށް އާކުރެވޭ ގޮތަށް އެއް އަހަރު ދުވަހުގެ ރެސިޑެންސް ޕާމިޓެއް ލިބޭނެއެވެ.
ވަގުތީ ހުއްދަ ލިބުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 160,000 މީހުން، މިދިޔަ ޖޫން 30 އާ ހަމައަށް އައިއިރު ރަސްމީ ވަޒީފާތަކުގައި މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ދެ މިނިސްޓަރުން ފާހަގަކުރެއްވިއެވެ.
މިހާތަނަށް 11,000 މީހަކަށް އެއް އަހަރު ދުވަހުގެ ރެސިޑެންސް ޕާމިޓް މުޅިން ފުރިހަމަވެގެން ލިބިފައިވާއިރު، ސަރުކާރުން ދަނީ އިމާރާތްކުރުމުގެ ދާއިރާ، ފަތުރުވެރިކަން، ދަތުރުފަތުރު އަދި ހެލްތު ކެއާ ދާއިރާގެ ކުންފުނިތަކާ ގުޅިގެން ހިޖުރަވެރިންނަށް ވަޒީފާ ހޯދައިދިނުމަށް އެހީތެރިވަމުންނެވެ.





