އެމެރިކާގެ ޓްރަމްޕް އެޑްމިނިސްޓްރޭޝަނުން އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ހުރަސްއެޅުމަށް، އީރާނުގެ އެންމެ އިސް ދެ މަންދޫބުން އަވަހާރަކޮށްލަން ޔަހޫދީ ރެޖީމުން ރޭވިކަމަށާ އެކަމާ ދެކޮޅަށް އިންޒާރު ދިންކަމަށ ބުނެ އީރާނަށް އެމެރިކާއިން އެ ވާހަކަ އަންގައިފިއެވެ. ދަ ވޮޝިންޓަން ޕޯސްޓާއި ދަ ނިއު ޔޯކް ޓައިމްސް އިން ރިޕޯޓުކުރާ ގޮތުގައި، މި އިންޒާރު ދީފައިވަނީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ އާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް އަމާޒުކޮށް އިސްރާއީލުން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވުމުންނެވެ.
އެމެރިކާގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި، މި ދެ ބޭފުޅުންނަކީ އީރާނުގެ ވެރިކަމުގެ ތެރޭގައި ތިއްބެވި މަޝްވަރާކޮށްގެން ހައްލު ހޯދަން ބޭނުންވާ ބޭފުޅުންނެވެ. އެހެންކަމުން، އެމީހުން އަވަހާރަކޮށްލުމަކީ ސުލްހައިގެ މަޝްވަރާތައް މުޅިން ފެއިލްވެ، އަލުން ހަނގުރާމަ ފެށިދާނެ ކަމެއް ކަމަށް އެމެރިކާގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރިއެވެ. "އެ ބޭފުޅުން މަރާލުމަކީ ސުލްހަވެރި ހައްލަކަށް އޮތް ފުރުސަތު މަރާލުން،" އެމެރިކާގެ އޮފިޝަލަކު ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދީފައިވެއެވެ.
މި އިންޒާރު ދީފައިވަނީ ވަރަށް އާދަޔާޚިލާފު ގޮތަކަށެވެ. އެމެރިކާއިން ވަނީ މިކަމުގައި މެދުވެރިން މެދުވެރިކޮށް އީރާނަށް މި ނުރައްކަލުގެ ވާހަކަ ސިއްރުން އަންގާފައެވެ. އަދި އިސްރާއީލުގެ އޮފިޝަލުންނާ ވާހަކަދައްކައި، ސުލްހައިގެ މަސައްކަތްތައް ކުރިއަށްދާ ވަގުތު އީރާނުގެ ސިޔާސީ ލީޑަރުންނަށް އަމާޒުކޮށްގެން އެއްވެސް ހަމަލާއެއް ނުދިނުމަށް ވެސް އެމެރިކާއިން ވަނީ ނަތަންއަށް އިންޒާރު ދީފައެވެ.
މި ހާދިސާއިން ހާމަވެގެންދަނީ ހަނގުރާމައިގެ އަމާޒުތަކާމެދު އެމެރިކާއާއި އިސްރާއީލާ ދެމެދު އޮތް ބޮޑު ހިޔާލުތަފާތުވުމެވެ. ހަނގުރާމަ ފެށުނުއިރު އީރާނުގައި ވެރިކަން ބަދަލުކުރުމަށް އެމެރިކާއާއި އިސްރާއީލު އެއްބަސްވި ނަމަވެސް، ފަހުން އެމެރިކާގެ ވިސްނުން ބަދަލުވެ، ސުލްހައިގެ މަގުން މައްސަލަ ހައްލުކުރުމަށް އިސްކަންދޭން ފެށިއެވެ. ނަމަވެސް، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހުރީ ސުލްހައަށް ފުރުސަތު ނުދީ ފަސާދަ ކުރާ ގޮތަށެވެ.
މިދިޔަ މާރިޗު މަހު އީރާނުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ އަލީ ލާރިޖާނީ ވެސް ޔަހޫދީން ވަނީ ޝަހީދުކޮށްލާފައެވެ. މިއީ ސުލްހައިގެ މަޝްވަރާތަކަށް އެޅުނު ހުރަހަކަށް ވެގެން ދިޔައެވެ.
ރިޕޯޓުތަކުން އެނގޭ ގޮތުގައި، މިދިޔަ އެޕްރީލް މަހު ޤާލިބާފް އިސްލާމްއާބާދުން އެނބުރި އީރާނަށް ދަތުރުކުރެއްވި ވަގުތު، އޭނާގެ މަތިންދާބޯޓަށް އިސްރާއީލުން ހަމަލާދީފާނެކަމުގެ ޖާސޫސީ މައުލޫމާތު ލިބުނެވެ. މި ބިރުވެރިކަމުގެ ސަބަބުން އެ ބޯޓު އީރާނުގެ މަޝްހަދުގައި ކުއްލި ގޮތަކަށް ޖައްސަން މަޖުބޫރުވި އެވެ.





