މިއީ ހަމައެކަނި ޓެކްނޮލޮޖީގެ މައްސަލައެއް ނޫނެވެ. މިއީ މުޅި އިންސާނިއްޔަތު ލަދުގަންނަންޖެހޭ ފަދަ ބޮޑު ޖަރީމާއެކެވެ. މިއަދު ދަރި އަތުގައި އެ އޮތް ސްމާޓްފޯނުގެ ތެރޭގައި، އެމީހުންގެ ރައްކާތެރިކަމަށްޓަކައި ހަދާފައިވާ އެންމެ މަޝްހޫރު އެއް ޕްލެޓްފޯމް ކަމަށްވާ އިންސްޓަގްރާމް އިން މިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް އިޝްތިހާރުގެ ގޮތުގައި ފަތުރަން ފަށާފައެވެ.
ބީބީސީގެ ނޫސްވެރިން އިންޑިއާގައި ކުރި ތަހުގީގަކުން މިވަނީ ހިތްދަތި ހަގީގަތެއް ހާމަވެފައެވެ. އިންސްޓަގްރާމްގެ އިޝްތިހާރުތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ވީޑިއޯތައް ވިއްކުމަށް ޓެލެގްރާމް ޗެނަލްތަކުގެ ލިންކުތައް ދައުރުކުރަމުން ދަނީއެވެ. އެންމެ 99 ރުޕީސްއަށް (ގާތްގަނޑަކަށް 45ރުފިޔާއަށް) މިފަދަ ނުރައްކާތެރި މަންޒަރުތައް ގަންނަން ލިބެން ހުރިއިރު، މިއީ އާންމު އިޝްތިހާރުތަކެއް ފަދައިން އިންސްޓަގްރާމްގެ ސްކްރީންތަކުން ފެންނަމުންދާ ކަމެކެވެ.
އެންމެ ބޮޑު ސުވާލަކީ، މިފަދަ ހަޑިމުޑުދާރު އިޝްތިހާރުތައް އިންސްޓަގްރާމްގެ ސެކިއުރިޓީ ފިލްޓަރުތައް ފަހަނައަޅައި ދަނީ ކިހިނެއް ހެއްޔެވެ؟ މެޓާ އިން ބުނާ ގޮތުގައި އެމީހުންގެ އޮޓޯމޭޓެޑް ޓެކްނޮލޮޖީން ކޮންމެ އިޝްތިހާރެއް ވެސް ޗެކް ކުރެއެވެ. ނަމަވެސް ބީބީސީން އެފަދަ އިޝްތިހާރެއް ރިޕޯޓްކުރުމުން، ފުރަތަމަ 24 ގަޑިއިރު ތެރޭގައި އިންސްޓަގްރާމުން ބުނީ "މިއީ އެމީހުންގެ އުސޫލުތަކާ ޚިލާފު ކަމެއް ނޫން" ކަމަށެވެ. މިއީ އެމީހުންގެ ޓެކްނޮލޮޖީގެ ފެއިލިއަރެއް ހެއްޔެވެ؟ ނުވަތަ ފައިސާގެ ދަހިވެތިކަމުގައި އަޚްލާޤީ މިންގަނޑުތައް ދޫކޮށްލީ ހެއްޔެވެ؟
މެޓާގެ އާމްދަނީގެ 98 އިންސައްތައަކީ އިޝްތިހާރުން ލިބޭ ފައިސާއެވެ. މާހިރުން ބުނާ ގޮތުގައި، އިންސްޓަގްރާމްގެ އަލްގޮރިދަމް ފަރުމާކޮށްފައިވަނީ ޔޫޒަރުން ޕްލެޓްފޯމުގައި ހިފަހައްޓައި، އެމީހުންނަށް ވީހާވެސް "ޝައުގުވެރި، ނަމަވެސް ނުރައްކާތެރި" ކޮންޓެންޓް ދެއްކުމަށެވެ. މިއީ މެޓާގެ ކުރީގެ މުވައްޒަފުން ވެސް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަދަން ލޮކޫރު ވިދާޅުވީ، "މިއީ ޖިނާއީ ޢަމަލުތަކުން ފައިސާ ހޯދާ މައްސަލައެއް" ކަމަށެވެ. ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކުޑަކުދިންގެ ކަރާމާތް ނަގާލައި، އެއިން ފައިސާ ހޯދާ ކުންފުނިތަކުގެ ޒިންމާ ފިލުވައި ނުލެވޭނެއެވެ.
އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުން ޒިންމާދާރުކަމާއެކު މިފަދަ ކަންކަން ހުއްޓުވަން މަސައްކަތް ނުކުރާހާ ހިނދަކު، އިންޓަނެޓަކީ ދަރިންނަށް އޮތް އެންމެ ނުރައްކާތެރި ހަތިޔާރަށް ބަދަލުވެގެންދާނެއެވެ.






