އިސްލާމީ އިންގިލާބުގެ ޝަހީދު ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އެމަނިކުފާނުގެ އާއިލާއަށް އަލްވަދާއު ކިޔުމާއި ޖަނާޒާގެ ކަންކަން، އީރާންގެ އެތެރޭގެ އަދި ބޭރުގެ މީޑިއާއިން ފުޅާ ދާއިރާއެއްގައި ކަވަރުކުރާނެ ކަމަށް ޝަހީދު ލީޑަރުގެ އަލްވަދާއު ކިޔުމާއި ޖަނާޒާގެ ކަންކަން އިންތިޒާމުކުރާ މައި މަރުކަޒުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
"މި މުނާސަބާ ކަވަރުކުރުމަށް 14،000 ނޫސްވެރިންނާއި، ފޮޓޯގްރާފަރުންނާއި، ޑޮކިއުމެންޓްރީ އުފައްދާ ފަރާތްތަކުން ވަނީ މީޑިއާ ރަޖިސްޓްރޭޝަން ސިސްޓަމްގައި ރަޖިސްޓްރީކޮށްފައި. އެ ފަރާތްތަކަށް ކްރެޑެންޝިއަލްތައް ދޫކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުން،" އީމާން އައްތަރްޒާދޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މީގެ އިތުރުން 900 އަށް ވުރެ ގިނަ ބޭރުގެ ނޫސްވެރިން މި ކަމުގައި ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ބޭރުގައި ހިންގާ މީޑިއާގެ 300 ނޫސްވެރިންނާއި، އީރާނުގައި ދިރިއުޅޭ ބޭރުގެ 350 ނޫސްވެރިންނާއި، ގާތްގަނޑަކަށް 300 ބޭރުގެ އިންފްލުއެންސަރުންނާއި ބްލޮގަރުން ހިމެނެއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އީރާނުގެ ތާރީހުގައި އެއް ހާދިސާއެއް ކަވަރުކުރުމަށް މިހާ ގިނަ އަދަދެއްގެ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. އަދި، މިއީ ތާރީހީ ރެކޯޑެއް ކަމަށެވެ.
މީގެ އިތުރުން 40 ގައުމެއްގެ އިސް އޮފިޝަލުން މި ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ތެހެރާނުގައި ދީނީ، ސިޔާސީ، އެކެޑަމިކް އަދި ސަގާފީ ދާއިރާގެ ބޭފުޅުންނާއި އާންމުން ވެސް ބައިވެރިވާނެއެވެ.
އައްތަރްޒާދޭ ވިދާޅުވީ ޝަހީދު ލީޑަރާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ހަށިކޮޅުތައް ވަރަށް އިހުތިރާމާއެކު ރައްކާތެރިކުރެވިފައިވާ ކަމަށެވެ.
ތެހެރާންގައި ހުކުރު ކުރާ މުސައްލާގައި ބާއްވާ އެންމެ ފަހުގެ ރަސްމިއްޔާތަށް ވަރަށް ފުރިހަމައަށް އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖުލައި 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، އެތަން 24 ގަޑިއިރު ހުޅުވިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ދުވަހަކީ ޓްރަމްޕް ވެސް ތާރީޚީ އިވެންޓެއް ކަމަށް ބުނެ ރަސްމިއްޔާތެއް ބާއްވާ ދުވަހެވެ. އެމެރިޚާ އިން ބޭނުން ވަނީ ޓްރަމްޕް ހިތު ނުޖެހޭ ގޮތަށް ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވާ ވަރަށް ވުރެން ގިނަ މީހުން އޭނާގެ އިވެންޓްގައި ބަިއވެރިވާ ށެވެ. އެކަމަކު އެހެން ވާނެހެނެއް ހިއެއް ނުވެއެވެ.
މީގެ އިތުރުން، ގުރުއާން ކިޔެވުމާއި، ޝުއޫރު ފާޅުކުރުމާއި، ޅެން ކިޔުމާއި، އަދި ވޭނީ ހިތާމައިގެ އެކި ޕްރޮގްރާމްތައް ރޭވިފައިވާ ކަމަށް އައްތަރްޒާދޭ ވިދާޅުވިއެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ ޝަހީދު ލީޑަރުގެ ހަށިކޮޅު އިރާގުގައި ހުންނަ މުގައްދަސް ތަންތަނަށް ވެސް ޒިޔާރަތްކުރާނެ އެވެ. ޚާމަނާއި އެންމެ ފަހުން ކަރުބަލާ އާއި ނަޖަފަށް ޒިޔާރަތްކުރެއްވީ 1957 ވަނަ އަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޖުލައި 8 ވަނަ ދުވަހު ޝަހީދު ލީޑަރުގެ ހަށިކޮޅު އިރާގުގައި ހުންނަ އިމާމް އަލީ އާއި އިމާމް ހުސައިން އާއި އަދި އައްބާސް އިބްނު އަލީގެ ޒިޔާރަތްތަކަށްވެސް ގެންދެވޭނެ ކަމަށާއި، މިއީ 69 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ކުރެވޭ ދަތުރެއް ކަމަށެވެ.





