ބަލޫޗިސްތާނުގެ ހައްގުތަކަށް ވަކާލާތު ކުރައްވާ މަޝްހޫރު އެކްޓިވިސްޓް ޑރ. މެހްރާން ބަލޫޗަށް ޕާކިސްތާނުގެ ޓެރަރިޒަމާ ދެކޮޅު ކޯޓަކުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން، ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެ އެވެ. މިއީ އެ ސަރަހައްދުގައި ހިނގަމުންދާ އިންސާނީ ހައްގުތަކުގެ ބޮޑެތި މައްސަލަތަކާއި، ސަރުކާރާ އިދިކޮޅު ފަރާތްތައް ހަނުކުރުމަށް ގެންގުޅޭ އުކުޅުތައް އަނެއްކާވެސް ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާ ދަނޑިވަޅެކެވެ.
މެހްރާން ބަލޫޗުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ސިޔާސީ ނުފޫޒުން ފުރިފައިވާ ދައުވާތަކެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދެކެއެވެ. ޑރ. ބަލޫޗަކީ ޕާކިސްތާނުގައި "ގެއްލުވާލާފައިވާ" މީހުން ހޯދުމަށް ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ހުންނެވި އެއް ބޭފުޅާއެވެ. އެކަމަނާގެ ބައްޕަ ވެސް މީގެ ކުރިން ގެއްލުވާލާފައިވާއިރު، އެކަމަނާގެ އެކްޓިވިޒަމްގެ ސަބަބުން ބަލޫޗިސްތާނުގެ އެތައް ހާސް އާއިލާއަކަށް އުންމީދެއް ލިބުނެވެ.
ނޯބެލް އިނާމު ހާސިލުކުރައްވާފައިވާ މަލާލާ ޔޫސުފްޒާއީ ވަނީ މި ހުކުމް ކުށްވެރިކުރައްވައި، "މެހްރާން ބަލޫޗް ޖަލުގައި ހުންނަން ނުޖެހޭނެ" ކަމަށް ވިދާޅުވެފަ އެވެ. ޕާކިސްތާނުގެ ސަލާމަތީ އިދާރާތަކުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ބަލޫޗިސްތާނުގެ ރައްޔިތުންނާއި ދައުލަތާ ދެމެދު އޮތް އިތުބާރު ކުޑަވެ، ހަމަނުޖެހުންތައް އިތުރުވެދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދެއެވެ. ޕާކިސްތާނުގެ މި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޑިމޮކްރެސީއާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި އެ ގައުމު ފެއިލްވެފައިވާ މިންވަރު މިހާރު މިވަނީ ފެންނަން ފަށާފަ އެވެ.






