މިއީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ތައްޔާރުކޮށްފައިވާ 18 ސިލްސިލާ އެވެ. މި ސިލްސިލާގައި އެމެރިކާގެ ސިޔާސަތާއި ކަން ކުރާ ގޮތަށް ބަލާފައި ވާނެއެވެ.
އަބޫ ޣުރައިބު ޖަލުގައި ހިންގި އަނިޔާތަކަކީ އެކްސިޑެންޓެއް ނޫނެވެ. އަދި 2004 ވަނަ އަހަރު އެމެރިކާގެ އޮފިޝަލުން ބުނި ފަދައިން، އެއީ މަދު ބަޔަކު ކޮށްގެން އުޅުނު ކަމެއް ވެސް ނޫނެވެ. މިއީ ބިރުދެއްކުމާއި، މައުލޫމާތު ހޯދުމާއި، އަދި އިރާގުގެ ރައްޔިތުން އިންސާނުންގެ ގޮތުގައި ނުދެކި، އެމީހުންގެ ކަރާމާތް ނަގާލުމުގެ މައްޗަށް ބިނާކޮށްގެން ހިންގި ހިސޯރުގެ ނަތީޖާއެކެވެ. ބަޣުދާދުގެ ހުޅަނގުގައި އޮންނަ މި ޖަލަކީ ސައްދާމް ހުސައިންގެ ވެރިކަމުގައި ވެސް ނަން ހުތުރު މަޝްހޫރު ޖަލެކެވެ. 2003 ވަނަ އަހަރު އިރާގަށް އަރައި އެމެރިކާއިން އެ ޖަލުގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ވެގެން ދިޔައީ ޑިމޮކްރަސީއާއި މިނިވަންކަމުގެ ނަމުގައި ހިންގި އާ ބާވަތެއްގެ އަނިޔާވެރިކަމުގެ ރަމްޒަކަށެވެ.
އަބޫ ޣުރައިބުގައި ހިންގި އަނިޔާތައް ހާމަވީ ހަމައެކަނި އޭގެ އަނިޔާވެރި ކަމުންނެއް ނޫނެވެ. އެކަންކަން ގަސްތުގައި މުސްލިމުންނަށް އިހާނަތްތެރިކޮށް ހިތުމަށް ގަސްތުގައި ކުރުމުންނެވެ.
އާންމުވި ފޮޓޯތަކުން ފެނުނީ ގައިދީން އޮރިޔާންކޮށް، ބޮލާފޮށާ އަޅުވައި، ޖަނަވާރުން ފަދައިން ކަރުގައި ވާޖަހައި، އަދި އަނެއް ބަޔަކު ބަރިބަރިއަށް ބައިތިއްބައި އިންސާނީ ޓަވަރުތައް ހަދައި، ކުއްތާތައް ބޭނުންކޮށްގެން ބިރުދައްކައި، އަދި ޖިންސީ ގޯނާކުރާ މަންޒަރުތަކެވެ.
ބައެއް މީހުންނަށް އަނިޔާކޮށް، ކަރަންޓު ދިނެވެ. އަދި، އެތައް ބަޔަކު އެއްވެސް ދައުވާއެއް ނެތި ބަންދުކޮށްފައި ތިއްބެވެ. އެއީ ހަތިޔާރު އެޅި ހަނގުރާމަވެރިންނެއް ނޫނެވެ؛ ގިނައީ ކުށެއް ނެތި އާންމުންގެ ތެރެއިން ހައްޔަރުކުރި، ކުށްވެރި ނޫން އާންމު ރައްޔިތުންނެވެ.
ފަހުން ކުރެވުނު ތަހުގީގުތަކުން އެނގުނު ގޮތުގައި، މި އަނިޔާތަކަކީ ވަކި ބަޔަކު ކުރި ކަމެއް ނޫނެވެ. މިއީ އެމެރިކާ ސަރުކާރުގެ އެންމެ މަތީ ފެންވަރުން ހުއްދަ ދީފައިވާ ތަހުގީގަށް ސުވާލުކުރުމުގެ ހަމަތަކުގެ ބައެކެވެ.
ވޮޝިންޓަނުން އެކުލަވާލި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އަނިޔާކުރުމާ ގުޅޭ ލިޔުންތަކުގެ ސަބަބުން، ޖެނީވާ ކޮންވެންޝަންތަކާ ޚިލާފު އަމަލުތައް ހުއްދަވާ ގޮތަށް ކަންކަން ބަދަލުކުރިއެވެ. އަސްކަރީ އިންޓެލިޖެންސް އޮފިސަރުން، ސުވާލު ކުރުމުގެ ކުރިން ގައިދީންގެ ނަފްސު ގުޑުވާލުމަށް ގާޑުންނަށް ބާރު އެޅިއެވެ. އަމިއްލަ ކުންފުނިތަކުގެ ކުލި ސިފައިން މެދުވެރިކޮށް ސީދާކޮށް ސުވާލުކުރުމުގެ ތެރޭގައި ހަރަކާތްތެރިވެ، ޒިންމާދާރުކަން އޮޅުންބޮޅުން ކުރުވިއެވެ.
އަބޫ ޣުރައިބަކީ އިރާގު ހަނގުރާމައިގެ ތާރީޚު ބަދަލުވި ހިސާބެވެ. އިރާގު މީހުންނަށް މިކަމުން ސާބިތުވީ، އެމެރިކާއިން އެތަނަށް އެރީ އެގައުމު ސައްދާމުގެ ކިބައިން މިނިވަންކުރަން ނޫން ކަމާއި، އެއީ އާ ބާވަތެއްގެ އަޅުވެތިކަމެއް ހިންގުމަށް ކުރި ކަމެއް ކަމެވެ.
މުސްލިމް ދުނިޔެއަށް މި ފޮޓޯތަކުން ދޭހަވީ، އެމެރިކާގެ ބާރުތަކުން މުސްލިމުންގެ ފުރާނައާއި ހަށިގަނޑު އެއްވެސް އަގެއް ނެތް އެއްޗެއްގެ ގޮތުގައި ދެކޭ ކަމެވެ. މި ހަޑިމުޑުދާރު އަމަލުތަކުގެ ސަބަބުން ހަނގުރާމަވެރި ޖަމާއަތްތައް އިތުރަށް ވަރުގަދަވެ، އިރާގުގައި އެމެރިކާގެ ގާނޫނީ ހައިސިއްޔަތު މުޅިން ގެއްލުނެވެ.
ސިޔާސީ ގޮތުން ވޮޝިންޓަނުން މަސައްކަތްކުރީ، ދަށު ފަންތީގެ ސިފައިންނަށް ފިޔަވަޅު އަޅައި، މަތީ ފަންތީގެ އޮފިޝަލުން ސަލާމަތް ކުރެވޭތޯއެވެ. އެއްވެސް މަތީ ފަންތީގެ ކޮމާންޑަރަކަށް ނުވަތަ ސިޔާސަތު އެކުލަވާލި މީހަކަށް މިކަމުގެ ޒިންމާ އުފުލާކަށް ނުޖެހުނެވެ. އެތަނުން ދިން މެސެޖަކީ ސާފު އެއްޗެކެވެ. އަނިޔާވެރިކަމުގެ ހެކިތައް ފެނުނަސް، މި ނިޒާމު އަމިއްލަ ނަފްސު ހިމާޔަތްކުރާނެ ކަމެވެ.
އަބޫ ޣުރައިބުން ދައްކައިދިނީ ހިސާރު ކުރުމުގެ އަޚްލާޤީ އަގު ބޮޑުކަމެވެ. ބޭރު ގައުމެއްގައި ހަރަކާތްތެރިވާއިރު، ބާރުގަދަ ދައުލަތަކުން އަމިއްލަ އުސޫލުތައް ކިހާ އަވަހަކަށް ދޫކޮށްލާކަމާއި، ޒިންމާދާރުކަން ކުޑަވުމުން އަނިޔާވެރިކަން އާދައިގެ ކަމަކަށް ބަދަލުވާ ގޮތް މިކަމުން ހާމަވިއެވެ. އިރާގު ހަނގުރާމައިގެ އެންމެ ހަނދާން ނުނެތޭނެ ރަމްޒަކީ އަބޫ ޣުރައިބެވެ. މިނިވަންކަމުގެ ވާހަކަތަކުގެ ފަހަތުގައި އެމެރިކާގެ އަނިޔާވެރިކަމުގެ ހަގީގަތް ފޮރުވިފައި އޮވެދާނެކަމުގެ އިންޒާރެކެވެ.


