މިއީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ތައްޔާރުކޮށްފައިވާ 18 ސިލްސިލާ އެވެ. މި ސިލްސިލާގައި އެމެރިކާގެ ސިޔާސަތާއި ކަން ކުރާ ގޮތަށް ބަލާފައި ވާނެއެވެ.
ޑްރޯން ހަނގުރާމައިގެ ފެށުމަކީ އެމެރިކާއިން ހަނގުރާމަ ކުރާ ގޮތަށް އައި ބޮޑު ބަދަލެކެވެ. ޒަމާނީ ތާރީޚުގައި ފުރަތަމަ ފަހަރަށް، ބާރުގަދަ ގައުމަކަށް، ސިފައިން ފޮނުވުމަކާ ނުލައި، އަމިއްލަ ސިފައިންގެ ފުރާނައަށް ނުރައްކަލެއް ނެތި، އަދި އާންމުންގެ އެއްވެސް ބަހުސަކާ ނުލައި ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް މީހުން މެރުމުގެ ގާބިލުކަން އެމެރިކއަށް ލިބުނެވެ.
ޑްރޯންތަކުގެ ސަބަބުން ހަނގުރާމައަކީ ދުރުގައި ތިބެ ކުރާ ފިނި އޮޕަރޭޝަނަކަށް ބަދަލުވިއެވެ. މިއީ އެތައް ހާސް ކިލޯމީޓަރު ދުރުގައި ތިބި މީހުންނަށް އަމާޒުކޮށްގެން، އެމެރިކާގެ ނެވާޑާ، ވާޖިނިއާ، އަދި ނިއު މެކްސިކޯގެ އޭސީ ޖަހާފައި ހުންނަ ކޮންޓެއިނާތަކުން ހިންގާ އޮޕަރޭޝަނެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ހަނގުރާމައިގެ ހަގީގަތާއި އަޚްލާޤީ ޒިންމާއާ ދެމެދު ބޮޑު ދުރުމިނެއް އުފެދި، އާންމު ރައްޔިތުންނަށް ހަނގުރާމައިގެ އަސަރުތައް ނުފެނި، ދާއިމީ ހަނގުރާމައެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެމެރިކާއަށް ލިބުނެވެ.
ޑްރޯންގެ ޒަމާން ރަސްމީކޮށް ފެށުނީ 2001 ވަނަ އަހަރަށް ފަހު، ސީއައިއޭ އަދި ޕެންޓަގަންއިން އަފްޣާނިސްތާނާއި ޕާކިސްތާނުގައި ޑްރޯންގެ ބޭނުން ފުޅާކުރަން ފެށުމުންނެވެ. ފާރަލުމުގެ ވަސީލަތެއްގެ ގޮތުގައި ފެށުނު މިކަން، ވަރަށް އަވަހަށް މީހުން މެރުމުގެ އުކުޅަކަށް ބަދަލުވިއެވެ.
އެމެރިކާއިން ބުނަމުން ދިޔައީ ޑްރޯން ހަމަލާތަކަކީ ވަރަށް އަމާޒާށް ހަމަލަ ދިނުމުގެ ހަމަލާތަކެއް ކަމަށެވެ. ނަމަވެސް، މިނިވަން ތަހުގީގުތަކުން ހާމަވީ އެހެން ހަގީގަތެކެވެ. ހަމަލާތައް ގިނައިން އަމާޒުވަނީ ކައިވެނި ޕާޓީތަކަށާއި، ޖަނާޒާތަކަށާއި، ބާޒާރުތަކަށާއި، އާންމުންގެ ގެދޮރަށެވެ.
ޕާކިސްތާނުގެ ޤަބީލާ ސަރަހައްދުތަކުގައި މީހުން އުޅުނީ ޑްރޯންތަކުގެ އަޑު އަބަދު އިވޭ ހާލުގައެވެ. އެމީހުންނަށް ދުވަހަކުވެސް ނޭނގެނީ ކޮން ވަގުތަކު މިސައިލެއް އައިސްފާނެ ކަމެވެ. ކުޑަކުދިން ބޮޑުވަމުން ދިޔައީ ސާފު އުޑުމައްޗަށް ބިރުންނެވެ، ސަބަބަކީ އުޑުމަތި ސާފުކޮށް އޮންނަ ދުވަސްތަކުގައި ޑްރޯންތައް އުދުހުން ގިނަވުމެވެ.
ޑްރޯން ހަނގުރާމައިގެ ގާނޫނީ އޮނިގަނޑު އޮތީ ގަސްތުގައި އޮޅުންބޮޅުންވާ ގޮތަށެވެ. ހަނގުރާމަ އިއުލާނުކޮށްފައިވާ ސަރަހައްދުތަކުން ބޭރުގައި ވެސް، ޝައްކުކުރެވޭ ހަނގުރާމަވެރިން މެރުމުގެ ހައްގު އެމެރިކާއަށް އޮތް ކަމަށް އެމެރިކާއިން ބުނެއެވެ.
ސިގްނޭޗަރ ސްޓްރައިކްސްގެ ނަމުގައި، މީހާ ކާކުކަން ޔަގީންކުރުމަކާ ނުލައި، އެމީހުންގެ ހަރަކާތްތަކަށް ބަލައިގެން ހަމަލާ ދެއެވެ. މީހުން ބޭރުގައި އެއްވެ ތިބުމުން ނުވަތަ ގިނަ ކާރުތައް ދަތުރުތައް ކުރުން ނުވަތަ ކޮންމެވެސް އާލާތްތަކެއް އުފުލުން ފަދަ ކަންކަން ފެނުމުން، އެއީ ޓެރަރިސްޓް ހަމަލާއެއްގެ ރޭވުން ކަމަށް ބުނެ އެމީހުންނަކީ ކޮންބައެއްކަން ހޯދާ ނުލައި މަރާލައެވެ. އެމެރިކާ ސަރުކާރުން ހަމަލާދޭ ސަރަހައްދުތަކުގައި ތިބޭ ފިރިހެނުންނަކީ "ހަނގުރާމަވެރިން" ކަމަށް ބުނެއެވެ.، އާންމުން މަރުވިކަން ރަސްމީ ތަފާސްހިސާބުތަކުން ފޮހެލައެވެ.
ޑްރޯން ހަނގުރާމަ ޔަމަން، ސޯމާލިއާ، ލީބިޔާ، އިރާގު، އަދި ސޫރިޔާއަށް ފުޅާވިއެވެ. ޔަމަނުގައި 2013 ވަނަ އަހަރު ކައިވެނި ޕާޓީއަކަށް ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުވިއެވެ. ސޯމާލިއާގައި އާންމުންނަށް އެއްވެސް ބެލުމެއްނެތި ހަމަލާތައް އިތުރުކުރިއެވެ. ލީބިޔާގައި ބަދަލުވަމުންދާ ސިޔާސީ މަސްރަހުތަކަށް އެހީވުމަށް ޑްރޯން ބޭނުންކުރިއެވެ. މި ހުރިހާ ތަނެއްގައި ވެސް ފެނުނީ އެއް އުސޫލެކެވެ. ސިއްރުކުރުމާއި، އެކަން ދޮގުކުރުމާއި، އަދި ޒިންމާދާރުކަން ކުޑަވުމެވެ.
ސިޔާސީ ގޮތުން، ޑްރޯންގެ ސަބަބުން ކޮންގްރެސްގެ ހުއްދައެއް ނެތި، އާންމުންގެ ބަހުސަކާ ނުލައި، އަދި މީޑިއާގެ ފާރަވެރި ކަމެއް ނެތި ހަނގުރާމަ ކުރުމުގެ ފުރުސަތު އެމެރިކާ ރައީސުންނަށް ލިބުނެވެ.
މިއީ ދުނިޔޭގެ ބާރުވެރިކަން ދަމަހައްޓަމުން، ހަނގުރާމައިގެ ސިޔާސީ އަގުން ސަލާމަތްވާން އެމެރިކާއިން ހޯދި އެންމެ ފުރިހަމަ ހަތިޔާރެވެ. ޑްރޯންގެ ޒަމާނުން އާންމުކުރީ، ގިނަ ފަހަރަށް ގޯސް، ނުވަތަ ނުރަނގަޅު އިންޓެލިޖެންސް މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް، ކޮންމެ ވަގުތަކު ވެސް މީހުން މަރަން އެމެރިކާއަށް ހައްގު ލިބިގެންވާ ކަމުގެ ވިސްނުމާ އެކުގައެވެ.
ޑްރޯންތަކުން ހަނގުރާމަ "ސާފު" ކޮށެއް ނުދެއެވެ. އޭގެ ބަދަލުގައި، ހަނގުރާމަ ކުރުން ފަސޭހަކޮށް، އެކަން ނިމުމެއް ނެތް ކަމަކަށް ހަދައިދީފިއެވެ.


