މިއީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ތައްޔާރުކޮށްފައިވާ 18 ސިލްސިލާ އެވެ. މި ސިލްސިލާގައި އެމެރިކާގެ ސިޔާސަތާއި ކަން ކުރާ ގޮތަށް ބަލާފައި ވާނެއެވެ.
"ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ" ފެށުނީ 2001 ވަނަ އަހަރުގެ އެންމެ ދުވަހެއްގެ ހާދިސާއަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ނަމަވެސް އެ ހަނގުރާމަ ބަދަލުވެގެން ދިޔައީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، ދާހިލީ ސިޔާސަތުތަކާއި، އަދި މިލިއަނުން މީހުންގެ ދިރިއުޅުން ބަދަލުކޮށްލި އަސްކަރީ ނިޒާމަކަށެވެ.
އަލްޤައިދާއާ ދެކޮޅަށް ފެށި މި ހަނގުރާމަ، ބޯޑަރުތަކެއް ނެތް، ސާފު ލަނޑުދަނޑިތަކެއް ނެތް، އަދި ނިމޭނެ ދުވަހެއް ނޭނގޭ ދާއިމީ ހަނގުރާމައަކަށް ބަދަލުވިއެވެ. މި ހަނގުރާމައިގެ ނަތީޖާއަކީ ކާމިޔާބީއެއް ނުވަތަ ސަލާމަތެއް ނޫނެވެ. އޭގެ ބަދަލުގައި، ހުރިހާ ހަމަތަކެއް ގެއްލި، ހަނގުރާމައިގެ އިންތައް ފުހެވިގެން ދިޔަ ދުނިޔެއެކެވެ.
މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަސްކަރީ ހަރަކާތްތައް ދުނިޔޭގެ އެތައް ގައުމަކަށް ފެތުރިގެން ދިޔައެވެ. އެމެރިކާގެ އަމަލުތައް އޭގެ ބޭރަށް ފެތުރި، ޕާކިސްތާން، ޔަމަން، ސޯމާލިއާ، އަދި ލީބިޔާއަށް ޑްރޯން ހަމަލާތައް ދިނެވެ. ސޫރިޔާ، ނައިޖަރު، މާލީ، އަދި ފިލިޕީންސްގައި ހާއްސަ އޮޕަރޭޝަންތައް ހިންގިއެވެ. އަނިޔާވެރިކަމަށް މަޝްހޫރު ސަރުކާރުތަކާއެކު އިންޓެލިޖެންސް ޕާޓްނަޝިޕްތައް ގާއިމުކުރިއެވެ. އެމެރިކާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރުކަޒުތަކާއި ސިއްރު ޖަލުތަކުގެ ބޮޑު ނެޓްވޯކެއް އުފައްދައި، ދުވަހަކުވެސް ނެތް ފަދަ ބާރަކާއެކު ހަރަކާތްތެރިވިއެވެ.
ގާނޫނީ ގޮތުން ބަލާއިރު، މި ހަނގުރާމައިގެ ސަބަބުން ޒަމާންވީ ހަމަތައް ފުނޑުފުނޑުވިއެވެ. 2001 ވަނަ އަހަރު ފާސްކުރި "އޮތޮރައިޒޭޝަން ފޯރ ޔޫސް އޮފް މިލިޓަރީ ފޯރސް" ގެ ދަށުން، ޓެރަރިޒަމާ ގުޅުންހުރި ކަމަށް ބުނާ ކޮންމެ ބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ފުރިހަމަ ބާރު އެމެރިކާ ރައީސަށް ލިބުނެވެ.
- މި ބާރުގެ ބޭނުންކޮށް، 2001 ގައި ވުޖޫދުގައި ނެތް ޖަމާއަތްތަކާ ދެކޮޅަށް ވެސް ހަނގުރާމަ ކުރިއެވެ.
- ގުއަންޓަނާމޯ ބޭގައި މުއްދަތެއް ނެތި މީހުން ބަންދުކުރުމަކީ މި އާ ގާނޫނީ ހަގީގަތުގެ ރަމްޒަކަށް ވިއެވެ.
- ޝައްކުކުރެވޭ މީހުން އަނިޔާކުރާ ގައުމުތަކަށް ފޮނުވުމުގެ ސިޔާސަތުގެ ސަބަބުން ޝަރުއީ ފިޔަވަޅުތަކުން އެމެރިކާގެ އަމަލުތައް ބޭރުވިއެވެ.
- ކުރިން ޚިޔާލަށް ވެސް ނުގެންނަ ފަދަ އަނިޔާކުރުމުގެ އަމަލުތައް، ގާނޫނީ ލިޔެކިޔުންތަކުގެ ތެރެއިން "ގަބޫލުކުރެވޭ" އަމަލުތަކަކަށް ބަދަލުކުރަން މަސައްކަތްކުރިއެވެ.
އެމެރިކާގެ އެތެރޭގައި، މި ހަނގުރާމައިގެ ސަބަބުން ރައްޔިތުންނާއި ދައުލަތާ ދެމެދު އޮތް ގުޅުން ބަދަލުވިއެވެ. ޖާސޫސުކުރުން އިންތިހާއަށް ފުޅާވިއެވެ، މުވާސަލާތީ ފިޔަވަޅުތަކާއި، މާލީ މުއާމަލާތްތަކާއި، ދަތުރުފަތުރުގެ ވައްޓަފާޅިއަށް ފާރަލިއެވެ. މުސްލިމް މުޖުތަމައުތަކަށް އަމާޒުކޮށް ޕްރޮފައިލިންގ އާއި ސިއްރު ހަރަކާތްތައް ހިންގިއެވެ. ސަލާމަތުގެ ނަމުގައި މަދަނީ މިނިވަންކަން ހަނިކޮށް، ބިރުވެރިކަން ސިޔާސީ ހަތިޔާރަކަށް ހެދި މުޖުތަމައެއް އުފެދުނެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި، މި ހަނގުރާމައިގެ ސަބަބުން ސަރަހައްދުތައް ހަލަބޮލިވެ، ހައްދުފަހަނަޅައިދިޔަ ގްރޫޕްތައް ބާރުގަދަވެ، ހަމަނުޖެހުންތައް އިތުރުވިއެވެ. އިރާގަށް އެރުމުގެ ސަބަބުން އައިސިސް އުފެދުމަށް މަގުފަހިވިއެވެ. ނުވަތަ އުފެއްދިއެވެ! ޑްރޯން ހަމަލާތަކުން އާންމުން މަރުވެ، ނަފްރަތު އުފެދުނެވެ.
"ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ" އަނދިރި ތަރިކައަކީ ހަމައެކަނި އެކަމުން ލިބުނު ގެއްލުންތަކެއް ނޫނެވެ. އެއީ އެ ހަނގުރާމައިން ކަނޑައެޅި ނުރައްކާތެރި އުސޫލުތަކެވެ. އެ ހަނގުރާމައިން ނިމުމެއް ނެތް ހަނގުރާމައެއް އާންމުކޮށް، ގާނޫނީ ރައްކާތެރިކަން ބަލިކަށިކޮށް، ސިއްރުވެރިކަމާއި ބާރުގެ މައްޗަށް ބިނާވެފައިވާ ދުނިޔޭގެ ސަލާމަތީ ނިޒާމެއް ގާއިމުކުރިއެވެ. މިއީ ޓެރަރިޒަމް ބަލިކޮށްގެން ދުނިޔެ ބަދަލުކުރުމެއް ނޫނެވެ. އެއީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ހަތިޔާރު އުފައްދައި ވިއްކައި މުއްސަނދި ވުމުގެ އުކުޅެކެވެ.


