މިއީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބާއާ ދިމާކޮށް ތައްޔާރުކޮށްފައިވާ 18 ސިލްސިލާ އެވެ. މި ސިލްސިލާގައި އެމެރިކާގެ ސިޔާސަތާއި ކަން ކުރާ ގޮތަށް ބަލާފައި ވާނެއެވެ.
ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުން އެމެރިކާގެ ޚާރިޖީ ސިޔާސަތު މުޅިން ބަދަލުކޮށްލީ ހަރުކަށިކަމާއި، ލަފާކުރަން ނޭނގޭ ގޮތްތަކާއި، އަދި ވިޔަފާރީގެ އުސޫލުން ކަންކަން ކުރުމުގެ ތެރެއިންނެވެ. އޭނާގެ ސިޔާސަތުތަކަކީ ވަކި ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ކަންކަމެއް ނޫނެވެ.
އެއީ އަމިއްލަ ޖަޒުބާތުތަކާއި، ދާހިލީ ސިޔާސީ ހިސާބުތަކާއި، އަދި އެމެރިކާގެ ބާރު ބޭނުންކުރަން ޖެހޭނީ އެއްވެސް މާފަކަށް އެދުމެއްނެތި ކަމަށް އޭނާ ގަބޫލުކުރި ގަބޫލުކުރުމުގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ. ޓްރަމްޕްގެ ވެރިކަމުގައި އާ ހަނގުރާމަތަކެއް ނުފެށި ނަމަވެސް، ކުރިން ހިނގަމުން އައި ހަނގުރާމަތައް އޭނާ ވަރުގަދަކުރިއެވެ. ސިއްރު އޮޕަރޭޝަންތައް ފުޅާކޮށް، ދިގު މުއްދަތަކަށް އޮތް ބައިނަލްއަގްވާމީ ގުޅުންތައް ހަލަބޮލިކުރިއެވެ.
އޭނާގެ ވެރިކަމުން ހާމަވީ، އެމެރިކާގެ އަސްކަރީ ބާރު އެންމެ ވެރިޔަކަށް ފަސޭހައިން މިސްރާބު ބަދަލުކުރެވޭނެ ކަމެވެ. އެމެރިކާގެ ސިޔާސަތުތައް ހަމައެކަނި ވިސްނުމަކާ ނުލައި ކުއްލިއަކަށް ނިންމާ ނިންމުންތަކަށް ބަރޯސާވުމުން ދުނިޔޭގެ ހަމަޖެހުން ކިހާ ފަސޭހައިން ގެއްލިދާނެ ކަމެވެ.
ޓްރަމްޕް ވެރިކަމާ ހަވާލުވީ "ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގެ" މެޝިނަރީ ލިބިގެންނެވެ. އަދި އޭނާ ވަނީ އެ ހަނގުރާމައިގެ ދާއިރާ ފުޅާކޮށްފައެވެ. ޑްރޯން ހަމަލާތައް ވަރަށް ބޮޑަށް އިތުރުކުރިއެވެ. އަދި ހަމަލާ ދިނުމުގެ ގަވާއިދުތައް ލުއިކޮށް، އަސްކަރީ ކޮމާންޑަރުންނަށް އިތުރު ބާރުތައް ދިނެވެ.
އިރާގު، ސޫރިޔާ، ސޯމާލިއާ، އަދި ޔަމަނުގައި އާންމުން މަރާލާ މިންވަރު އިތުރު ކުރިއެވެ. އަފްޣާނިސްތާނުގައި، އެމެރިކާއިން މިހާތަނަށް ބޭނުންކުރި އެންމެ ބޮޑު ނިއުކްލިއަރ ނޫން ބޮން އަމާ ބޮން ޓްރަމްޕް ބޭނުންކުރިއެވެ. މީގެ އިތުރުން، ޔަމަނުގެ ހަނގުރާމައަށް ދެމުން އައި އެހީތައް ވަރުގަދަކޮށް، އާންމުންގެ އެތައް ބަޔަކު މަރުވަމުން ދިޔަ ނަމަވެސް، ހަތިޔާރާއި އިންޓެލިޖެންސް މައުލޫމާތާއި ޑިޕްލޮމެޓިކް ހިމާޔަތް ދިނެވެ.
އީރާނަކީ ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަމާޒަކަށް ވިއެވެ. 2015 ގެ ނިއުކްލިއަރ އެއްބަސްވުމުން ވަކިވުމުން، އެތައް އަހަރެއްގެ ޑިޕްލޮމެޓިކް މަސައްކަތްތައް ފުނޑުފުނޑުވެ، މައްސަލަތައް އިތުރަށް ގޯސްވިއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އިންތިހާއަށް އިތުރުކޮށް، އީރާނުގެ އިގްތިސާދު ބަލިކަށިކޮށް، ބޭސްފަރުވާއާއި ޒަރޫރީ ތަކެތި ލިބުމަށް ދަތިކުރިއެވެ.
ޖެނެރަލް ގާސިމް ސުލައިމާނީ ޝަހީދުކޮށްލުމަކީ އެމެރިކާ-އީރާން ގުޅުން އެންމެ ބޮޑަށް ހަލަބޮލިވި އެއް ހާދިސާއެވެ. އޭގެ ރައްދުގައި އީރާނުން އިރާގުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ދިން މިސައިލް ހަމަލާތަކުން، އެމެރިކާގެ އެންމެ މަތީ ފެންވަރުގައި ނިންމާ ނިންމުންތަކުން ދިމާވާނެ ނުރައްކާތެރިކަން ހާމަވިއެވެ.
ޓްރަމްޕް ވަނީ އިޒްރޭލާ އެކު އޮތް ގުޅުން ވެސް އަލުން ބައްޓަންކޮށްފައެވެ. ޖެނޮސއިޑަށް ހަތިޔާރު އުފައްދައި ސަޕްލައި ކޮށްދީފައެވެ.
ގުދުސްއަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަނެ ފައެވެ. ޒަޔަނސިްޓު ރެޖީމްގެ އިސްތިއުމާރީ ސިޔާސަތުތަކަށް ތާއީދުކުރިއެވެ. އަދި އިބްރާހީމީ މުއާހަދާ މެދުވެރިކޮށް ސަރަހައްދީ ބައިވެރިން އުފައްދައި، ފަލަސްތީނުގެ ހައްގުތައް އެއްފަރާތްކުރިއެވެ.
ސޫރިޔާގައި، ކުއްލިއަކަށް ސިފައިން ބާލާނެ ކަމަށް އިއުލާންކުރުމަށް ފަހު، ދެތިން ދުވަސް ފަހުން އެ ނިންމުން ބަދަލުކުރުމުން، އެމެރިކާގެ ބައިވެރިންނަށް ވެސް ކަންތައްތައް އޮޅުންބޮޅުންވެ، އިދިކޮޅު ފަރާތްތަކަށް ހިތްވަރު ލިބުނެވެ.
ދާހިލީ ގޮތުން، ޓްރަމްޕްގެ ވާހަކަތަކުން އިސްލާމްފޯބިއާ ފެތުރިގެން ގޮސް އާންމުވިއެވެ. މުސްލިމް ރެފިއުޖީންނާއި ހިޖުރަކުރާ މީހުންނަކީ ސަލާމަތީ ނުރައްކަލެއް ކަމަށް ދެއްކިއެވެ.
"މުސްލިމް ބޭން" (މުސްލިމް ގައުމުތަކުގެ މީހުން އެމެރިކާއަށް އެރުން މަނާކުރުން) މުސްލިމުންނާ މެދު ތަފާތުކުރުން ރަސްމީކުރިއެވެ. މިއީ ސަލާމަތީ ގޮތުން އެޅި ފިޔަވަޅަކަށް ވުރެ ބޮޑަށް، ސިޔާސީ ވާހަކަތަކެއްގެ ތެރެއިން މުސްލިމް މުޖުތަމައުތަކާމެދު އޮތް ޝައްކުތައް އިތުރުކުރި ކަމެކެވެ.
ޓްރަމްޕްގެ ވެރިކަމުން އެމެރިކާގެ ބާރުވެރިކަމާ ބެހޭ ގޮތުން ފުން ހަގީގަތެއް ހާމަކޮށްދިނެވެ. ވައިޓް ހައުސްގައި އިންނަ މީހަކަށް ބަލައި، އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ މިސްރާބު ކުއްލިއަކަށް ބަދަލުވެދެއެވެ. އޭނާގެ ޚާރިޖީ ސިޔާސަތަކީ އެމެރިކާގެ މިލިޓަރިޒަމާ ދުރުވި ސިޔާސަތެއް ނޫނެވެ. ނަމަވެސް އެއީ މިލިޓަރިޒަމްގެ އެންމެ ހާމަކަން ބޮޑު، ހިފެހެއްޓުމެއް ނެތް ސިފައެވެ. މިއިން ހާމަކޮށްދިނީ އެމެރިކާގެ ބާރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ދުނިޔޭގެ ނިޒާމުގައި އޮތް ބަލިކަށިކަމެވެ.


