ރީތިކަމުގެ ނަމުގައި، މުޅި ދުނިޔޭގައި އިންތިހާއަށް އަގުބޮޑުކޮށް ވިއްކަމުން އަންނަ "އޭޖިންގް" ނުވަތަ އުމުރުން ދުވަސްވުމާ ދެކޮޅަށް ބޭނުންކުރާ ސީރަމްތަކާއި އިންޖެކްޝަންތަކުގެ ފަހަތުގައި ފޮރުވިފައި އޮތް ބިރުވެރި އަދި ހުތުރު ސިއްރެއް މިވަނީ ފަޅާއަރާފައެވެ. ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީ (އެފްއައިއޭ) އިން މި ހޯދި ހޯދުމަކީ، އިންސާނީ ގުނަވަންތަކާއި ބަޔޮލޮޖިކަލް މާއްދާތައް ސްމަގްލްކުރާ ބައިނަލްއަގުވާމީ ވިޔަފާރިއެއްގެ ފެށުން ކަމަށް ބެލެވެއެވެ.
އިސްލާމްއާބާދުގެ އެންމެ އަގުބޮޑު ސަރަހައްދުތަކުގައި ހިންގަމުން އައި މި ރޭވުންތެރި ޖަރީމާގެ ތެރޭގައި، ޗައިނާގެ ތިން ރައްޔިތަކާއި ދެ ޕާކިސްތާން މީހަކު ހިމެނޭހެން ފަސް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެފްއައިއޭގެ އޮފިޝަލުން ހިންގި ރެއިޑްތަކުގައި ފެނުނީ ހައިރާން ކުރުވަނިވި މަންޒަރެކެވެ. ގޭތެރޭގައި ގާއިމްކޮށްފައި ހުރި މި ޕްރޮސެސިންގް ޕްލާންޓުތަކުގައި، އިންސާނީ 'ޕްލެސެންޓާ' ސާފުކޮށް، ހިއްކައި، ޕެކެޓު ކުރަމުން ދިޔައީ "ޝީ ޕްލެސެންޓާ"ގެ ނަމުގައެވެ.
މި ތަކެތި ސްމަގްލް ކުރަމުން ދިޔައީ ވިއެޓްނާމަށެވެ. އެ ގައުމުގައި މިތަކެތި ބޭނުންކުރަނީ އުމުރުން ދުވަސްވުމާ ދެކޮޅަށް ޖަހާ އިންޖެކްޝަންތަކާއި ރީތިވުމަށް ބޭނުންކުރާ ކްރީމްތައް އުފެއްދުމަށެވެ.
ތަހުގީގުތަކުން އެނގޭ ގޮތުގައި، މި ނެޓްވޯކުން ކޮންމެ މަހަކު ވެސް 200 ކިލޯގްރާމްގެ އިންސާނީ ޕްލެސެންޓާ ހޮސްޕިޓަލްތަކުން ގަނެއެވެ. އެކަން ކުރުމަށްޓަކައި ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް ކޮންމެ ޕްލެސެންޓާއަކަށް ގާތްގަނޑަކަށް 800 ޕާކިސްތާނު ރުޕީސް ދީފައިވެއެވެ. ނަމަވެސް، އޭގެން އުފައްދާ އެންމެ އިންޖެކްޝަނެއް 700,000 ޕާކިސްތާނު ރުޕީސްއަށް ވިއްކަމުން ދިޔަ ކަމަށް އެފްއައިއޭއިން ބުނެއެވެ.
މި ރެއިޑްތަކުގައި 500 ކިލޯގްރާމަށް ވުރެ ގިނަ އިންސާނީ ޕްލެސެންޓާ ވަނީ ފެނިފައެވެ. އަދި ވިއެޓްނާމަށް ފޮނުވަން ތައްޔާރުކޮށްފައި ހުރި 100 ކިލޯގެ ކޮންސައިންމަންޓެއް އެއާޕޯޓުން ވެސް ވަނީ އަތުލައިގެންފައެވެ.
މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ހޮސްޕިޓަލްތަކާއި، ކުނި މެނޭޖްކުރާ ކުންފުނިތަކާއި، އަދި އިމިގްރޭޝަން އޮފިޝަލުންގެ ބައިވެރިވުން އޮތްތޯ ބެލުމަށް ފުޅާ ދާއިރާއެއްގައި ތަހުގީގުތައް ވަނީ ފަށާފައެވެ.
މިއީ ޕާކިސްތާނުގެ ތާރީޚުގައި ވެސް މިފަދަ ގޮތަކަށް އިންސާނީ ގުނަވަންތަކެއް ސްމަގްލް ކުރި ފުރަތަމަ ފަހަރު ކަމަށް ބެލެވެއެވެ. އިންސާނީ ޕްލެސެންޓާއަކީ ގުދުރަތީ ގޮތުން ކުނިވެގެންދާ އެއްޗަކަށް ވީނަމަވެސް، ޒަމާނީ 'ވެލްނެސް' އިންޑަސްޓްރީގެ އަނދިރި ފަރާތް، މި ޖަރީމާއިން މިވަނީ ހާމަވެފައެވެ. މިހާރު މި މައްސަލަ ބަލަމުން ދަނީ 2010 ވަނަ އަހަރުގެ 'ހިއުމަން އޯގަން އެންޑް ޓިޝޫ ޓްރާންސްޕްލާންޓޭޝަން އެކްޓް’ގެ ދަށުންނެވެ.







