ހުކުރު ދުވަހުގެ ދަންވަރުގެ ހޭލަމޭލަކަމުގެ ތެރެއިން، އުއްތަރު ޕްރަދޭޝްގެ ފުލުހުންނަށް އާދަޔާ ޚިލާފް ކަމެއް ފާހަގަވީ އެވެ. މަގުގެ އެއްފަރާތެއްގައި، ކަޅު ބިއްލޫރި ޖަހާފައިވާ ހަރިޔާނާ ރަޖިސްޓްރީ ބޯޑެއް ޖަހާފައި އޮތް އަގުބޮޑު ބީއެމްޑަބްލިޔު ކާރަކާއި ސްކޯޕިއޯ މަރުކާގެ އެސްޔޫވީއެއް މަޑުކޮށްލައިގެން އޮތެވެ. އެ އުޅަނދުތަކުގެ ކައިރީގައި ތިބި ތިން ޒުވާނުންގެ ހަރަކާތްތަކުން އުފެދުނު ޝައްކުތަކާއެކު، ފުލުހުން އެދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ.
މިއީ އިންޑިއާގެ ލަކްނޯގައި ހިނގައިދިޔަ، ފިލްމީ މަންޒަރެއް ފަދަ ކުށުގެ ހާދިސާއެއްގެ ފެށުމެވެ.
ފުލުހުން އެ ސަރަހައްދަށް ގޮސް، އެ ތިން ޒުވާނުންނާ ސުވާލުކޮށް، ވެހިކަލްތަކުގެ ލިޔެކިޔުންތައް ދެއްކުމަށް އެދުނެވެ.
ލައިސަންސް އެންޑް ރެޖިސްޓްރޭޝަން ޕްލީޒް! ނަމަވެސް، އެމީހުންގެ އަތުގައި ސައްހަ އެއްވެސް ލިޔުމެއް ނެތެވެ. ސުވާލުތައް ކުރިމަތިވަމުން ދިޔަވަރަކަށް، އެ ޒުވާނުންގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަމާއި ބިރުވެރިކަން ފުލުހުންގެ ލޮލުގައި އަޅައިގަތެވެ.
މި ހާސްކަމުގެ ސަބަބުން ފުލުހުން ނިންމީ ދެ ކާރުވެސް ބަލައި ފާސްކުރުމަށެވެ. ބީއެމްޑަބްލިޔު ކާރުގެ ފަހަތު ޑިިގީ ފާސްކުރަމުން ދަނިކޮށް، ފުލުހުންނަށް ފެނުނީ ވަރަށް މޮޅަށް ފަރުމާކޮށްފައިވާ ސިއްރު ވަތްގަނޑެކެވެ. އެ ސިއްރު ވަތްގަނޑު ހުޅުވާލި އިރު، އޭގެ ތެރޭގައި ތަރުތީބުން އަތުރާލާފައި ހުރީ 500 ރުޕީސްގެ ނޫޓުތަކުން ބަންދުކޮށްފައިވާ 52 ބޮނޑިއެވެ. ޖުމްލަ 26 ލައްކަ ރުޕީސްއެވެ.
އެ ފައިސާއަކީ ކޮންތަނަކުން ހޯދި، އަދި ކޮން ބޭނުމަކު އުފުލަމުންދިޔަ ފައިސާއެއްތޯ ސުވާލުކުރުމުން، ހައްޔަރުކުރެވުނު ތިން މީހުންނަށް އެއްވެސް ސައްހަ ޖަވާބެއް ނުދެވުނެވެ. މި ފައިސާގެ އަސްލު ހޯދުމަށްޓަކައި، ފުލުހުން ވަގުތުން އިންކަމް ޓެކްސް ޑިޕާޓްމަންޓަށް މައްސަލަ ރިޕޯޓުކުރިއެވެ.
ޓެކްސް އިދާރާގެ އޮފިޝަލުން މިހާރު ދަނީ ފުލުހުންނާ ގުޅިގެން މި މައްސަލަ ސީރިއަސްކޮށް ބަލަމުންނެވެ. ހާދިސާ ހިނގި ސަރަހައްދުން ފެނުނު ދެ ކާރުވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ. މިހާ ބޮޑު އަދަދެއްގެ ކަޅު ފައިސާ، ސިއްރު ވަތްގަނޑެއްގައި ރައްކާކޮށްގެން ދަތުރުކުރަމުން ދިޔައީ ކާކަށް ރައްދުކުރަންތޯއާއި، މީގެ ފަހަތުގައިވާ ބޮޑު ނެޓްވޯކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ތަޙުޤީޤީ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.






