ޑރ. ޙުސާމް އަބޫ ޞަފިއްޔާގެ ފުރާނައަށް ނުރައްކާ: އިސްރާއީލުގެ ޖަމްއިއްޔާއެއްގެ އިންޒާރު

ފަލަސްތީނުގެ މަޝްހޫރު ޑޮކްޓަރު ޙުސާމް އަބޫ ޞަފިއްޔާ، އަލްރަމްލާ ޖަލުގެ ބިންގަރާހުގައި ހުންނަ ތަހުގީގުކުރާ ބަޔަށް ބަދަލުކުރުމާ ގުޅިގެން، އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ފުރާނައަށް ސީދާ ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް އިސްރާއީލުގެ އިންސާނީ ހައްގަށް މަސައްކަތް ކުރާ ޑޮކްޓަރުންގެ "ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް" ޖަމްއިއްޔާއިން އިންޒާރުކޮށްފިއެވެ.

އެ ޖަމްއިއްޔާއިން ހާމަކުރި ގޮތުގައި، މީގެ ދެދުވަސް ކުރިން ޑރ. ޙުސާމްގެ ވަކީލު އޭނާއާ ބައްދަލުކުރިއިރު، އޭނާގެ ބޯ ބާލައި ލޮލާއި، ކަންފަތާއި އަދި ކަރުގެ ދަށުގައި ތާޒާ އަދި ނުރައްކާތެރި އަނިޔާތަކާއި ބޮޑެތި ލަކުނުތައް ހުއްޓެވެ. އަދި އޭނާ ހުރީ ވަރަށް ބޮޑަށް ބަލިކަށިވެ، ނޭވާލުމަށާއި މެދުކެނޑުމެއްނެތި ވާހަކަދެއްކުމަށް އުނދަގޫވެފައިވާ ހާލަތެއްގައެވެ.

ޖަލު ގާޑުންގެ ފަރާތުން ލިބުނު އަނިޔާތަކާ ބެހޭގޮތުން ޑރ. ޙުސާމް އޭނާގެ ވަކީލަށް ކިޔައިދިން ގޮތުގައި، ގޮޅީގައި ހުއްޓާ 4 ނުވަތަ 5 ޔަހޫދީ ޖަލު އޮފިސަރުން ވެގެން އޭނާގެ މުޅި ހަށިގަނޑަށް ވަނީ ރަހުމެއްނެތް ގޮތަކަށް ތަޅައި އަނިޔާކޮށްފައެވެ.

ޑރ. ޙުސާމްގެ ގާނޫނީ ވަކީލު ނާޞިރު ޢައުދާ ދާދިފަހުން ކަށަވަރުކޮށްދެއްވި ގޮތުގައި، މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު އޭނާގެ މުވައްކިލާ ބައްދަލުކުރުމުން ޖަލުގެ ތެރޭގައި ހިންގާ "ލާއިންސާނީ އަމަލުތައް" ވަނީ ހާމަވެފައެވެ. ޑރ. ޙުސާމް ބަހައްޓާފައި ހުންނަނީ އަތާއި ފައިގައި ބޭޑި އަޅުވާފައެވެ. އަދި އޭނާއަކީ ދާއިމީ ބަލިތަކަށް ބޭސްކުރާ މީހަކަށް ވީނަމަވެސް، ސާފު ބޯފެނާއި، އެކަށީގެންވާ ކާނާގެ އިތުރުން ގަވާއިދުން ލިބެންޖެހޭ ސިއްހީ ފަރުވާއިން ވަނީ މަހުރޫމްކޮށްފައެވެ.

ވަކީލު ޢައުދާ ވިދާޅުވި ގޮތުގައި އެ ބައްދަލުވުން ކުރިއަށްދިޔައީ ކެމެރާތަކުން މޮނިޓަރ ކުރަމުންދިޔަ ކޮޓަރިއެއްގައެވެ. ބައްދަލުވުން ބޭއްވީ ބިއްލޫރި ބިއްގަނޑެއްގެ ފުރަގަހުން ފޯނުންނެވެ. އަދި ވަކީލާއި ގައިދީގެ ކައިރީގައި ގާޑުން ފާރަވެރިވެ ތިބުމުގެ ސަބަބުން، ލިބެމުންދާ އަނިޔާތަކުގެ ވާހަކަ މިނިވަންކަމާއެކު ދެއްކުމަށް ޑރ. ޙުސާމް ބިރުގަތެވެ.

ގާނޫނީ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި، ޑރ. ޙުސާމްގެ ސިއްހީ ހާލަތު ވަނީ ނާޒުކު ފައްތަރެއްގައެވެ.

ސިއްހީ މައްސަލަތައް ޖަލުގެ ހާލަތުގެ ނަތީޖާ
ހާާޓް އެޓޭކްގެ ނުރައްކަލާއި ލޭގެ ޕްރެޝަރު މަތިވުން އެކަށީގެންވާ ކާނާ ނުލިބުމުގެ ސަބަބުން 25 ކިލޯ ހަށިގަނޑުން ލުއިވުން
ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ކަސްއެޅުން އެކަހެރިކޮށް ބަންދުކުރުމުގެ ސަބަބުން ނަފްސާނީ އަނިޔާ ލިބުން

ޑރ. ޙުސާމްގެ އާއިލާއިން ވަނީ އޭނާގެ ފުރާނައަށްލިބޭ ކޮންމެ ގެއްލުމަކަށް އިސްރާއީލުގެ ސަރުކާރާއި ޖަލުތަކާ ބެހޭ އިދާރާ މަސްއޫލުވާންޖެހޭނެ ކަމަށް ބުނެފައެވެ. އަދި އޭނާ އެކަހެރިކޮށް ބަންދުކުރުމަކީ ބޭސްފަރުވާއިން މަހުރޫމްކުރުމަށްފަހު ދެވުނު އިތުރު އަދަބެއްގެ ގޮތުގައި އާއިލާއިން ސިފަކުރެއެވެ.

އދ އދއާއި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އަދި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އަދި ބައިނަލްއަގުވާމީ މެޑިކަލް ޖަމްއިއްޔާތަކުން ވަނީ ޑރ. ޙުސާމްގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދީ، އޭނާއަށް ބޭނުންވާ ސިއްހީ ފަރުވާ ވަގުތުން ފޯރުކޮށްދިނުމަށް އިސްރާއީލަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!