ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކަމަށް ބުނެ، އެ ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެ ލެޔެން ދެއްކެވި ވާހަކަތަކަކީ ލަދެއް ނެތް ހަގީގަތާ ޚިލާފު ދޮގުތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފި އެވެ. ޣައްޒާ އާއި ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ ޖެނޮސައިޑް ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް ނާޅައި، އަދި އެކަންކަމާ ދެކޮޅަށް އަޑުއުފުލަން ދެކޮޅު ހަދަމުންދާ އީޔޫއަކީ، ހަގީގަތުގައި އެ ޖަރީމާތަކަށް ވާގިވެރިވެ، އެހީތެރިވެދޭ ފަރާތެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
އަޔަލެންޑްގެ ޔުނިވާސިޓީ ކޮލެޖް ކޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވޮން ޑެ ލެޔެން ވިދާޅުވީ، ފަލަސްތީނު މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި "އީޔޫއަށް ވުރެ ބޮޑު އެހެން ފަރާތެއް ނެތް" ކަމަށެވެ. ނަމަވެސް މި ވާހަކަތަކަށް ރައްދުދެމުން ސިޔާސީ މާހިރުން ބުނަނީ، އިޒްރޭލުން ފަލަސްތީނުގެ މައުސޫމް ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކަށް ލޯ މަރައިލައިގެން ތިބެ، މިފަދަ ވާހަކަތައް ދެއްކުމަކީ ބޮޑު ޖޯކެއް ކަމަށެވެ.
އީޔޫގެ ލީޑަޝިޕުން އަމަލުކުރަމުންދާ ގޮތާމެދު އީޔޫގެ ތެރޭގައި ވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ޔޫރަޕިއަން ޕާލަމެންޓްގެ މެންބަރުން ތުހުމަތުކުރާ ގޮތުގައި، ޔޫކްރެއިންގެ މައްސަލައިގައި ރަޝިއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާ އީޔޫއިން، ފަލަސްތީނުގެ މައްސަލައިގައި ގެންގުޅެނީ ދެފުށް ދެގޮތް ސިޔާސަތެކެވެ.
ބެލްޖިއަމްގެ މެންބަރެއް ކަމަށްވާ ކެތަލިން ވެން ބްރެމްޕްޓް ވަނީ، އިޒްރޭލުގެ އަނިޔާވެރިކަމާ މެދު އީޔޫއިން "ހިމޭނުން" އޮންނަ އޮތުން ކުށްވެރިކުރައްވައިފަ އެވެ. އަދި ޕޯޗުގަލްގެ މެންބަރު ޔޮއާއޯ އޮލިވޭރާ ވިދާޅުވީ ވޮން ޑެ ލެޔެން އަކީ އެމެރިކާ އާއި އިޒްރޭލަށް ނިޒާމީ ސިފައެއްގައި ވަފާތެރި ވެފައިވާ ބޭފުޅެއް ކަމަށެވެ.
އިޒްރޭލުން ޣައްޒާ އާއި ލުބުނާނަށް ދެމުންދާ ހަމަލާތަކަކީ ޖެނޮސައިޑްގެ އަމަލުތަކެއްކަން ދުނިޔެ ގަބޫލުކުރާއިރު، އީޔޫގެ ލީޑަޝިޕުން އެކަންކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އޭގެ ބަދަލުގައި، އިޒްރޭލުގެ ހަމަލާތަކަށް ދިފާއު ހޯދައިދީ، ސިޔާސީ ހިމާޔަތް ފޯރުކޮށްދިނުމުގައި ވޮން ޑެ ލެޔެން ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
އިޒްރޭލާއެކު އީޔޫއިން ހަދާފައިވާ އެސޯސިއޭޝަން އެގްރީމަންޓް ސަސްޕެންޑް ކުރުމަށް ގޮވާލާ ގޮވާލުންތައް ވެސް ވޮން ޑެ ލެޔެން ވަނީ ފޮހެލައްވައިފަ އެވެ. ހަގީގަތުގައި، ފަލަސްތީނުގެ ރައްޔިތުންގެ ލޭ އޮހޮރުވުންތަކަށް ޒިންމާވާ އިޒްރޭލުގެ ސަރުކާރަށް ވާގިވެރިވެ، ޖެނޮސައިޑަށް މަގުފަހިކޮށްދޭ އީޔޫގެ މިފަދަ "ލަދުވެތި" ވާހަކަތަކުން އެނގިގެންދަނީ އެ ޖަމާއަތުގެ އިންސާނީ ހައްގުތަކުގެ ވާހަކައަކީ ހުސް ދޮގުތަކެއް ކަމެވެ.






