އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ މާނަ ގިނަ ބަޔަކަށް ނޭނގޭ

އެމެރިކާގެ މިނިވަން ދުވަހުގެ 250 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، އެ ދުވަހުގެ އަސްލު މާނަ އާއި ތާރީހީ ސަބަބު ގިނަ އެމެރިކާ ރައްޔިތުންނަށް ނޭނގޭކަން އާ ސާވޭއަކުން ހާމަވެއްޖެ އެވެ.

ކޭޓޯ އިންސްޓިޓިއުޓުން ކުރި މި ސާވޭއިން ދައްކާ ގޮތުގައި، އެމެރިކާގެ 46 އިންސައްތަ މީހުންނަށް މި އަހަރު ފާހަގަކުރާ 250 ވަނަ އަހަރީ ދުވަހަކީ ކޮން ކަމަކާ ގުޅިގެން ފާހަގަކުރާ ދުވަހެއްކަން ނޭނގެ އެވެ. މި ދުވަހަކީ 1776 ވަނަ އަހަރުގެ ޖުލައި 4 ގައި އެމެރިކާގެ 13 ކޮލޮނީއަކުން ގްރޭޓް ބްރިޓޭންގެ ކިބައިން މިނިވަންކަން އިއުލާނުކޮށް، 'ޑިކްލަރޭޝަން އޮފް އިންޑިޕެންޑެންސް' ފާސްކުރި ދުވަހެވެ.

މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ޒުވާނުންގެ މެދުގަ އެވެ. 18 އަހަރާއި 26 އަހަރާ ދެމެދުގެ ޖެން ޒީގެ ޒުވާނުންގެ ތެރެއިން 61 އިންސައްތަ މީހުންނަށް މި ދުވަހުގެ ހަގީގީ މާނަ ނޭނގެ އެވެ. މި ދުވަހަކީ މިނިވަންކަމުގެ މުއާހަދާ ފާސްކުރި ދުވަސްކަން އެނގެނީ މި އުމުރުފުރައިގެ އެންމެ 39 އިންސައްތަ މީހުންނަށެވެ.

ސާވޭއިން ދައްކާ ގޮތުގައި އެމެރިކާގެ އަސާސީ ތާރީޚާއި ސަރުކާރުގެ ނިޒާމާ ބެހޭ ގޮތުން ރައްޔިތުންގެ މެދުގައި ބޮޑެތި އޮޅުންއެރުންތަކެއް އެބަހުއްޓެވެ.

  • ޖޯޖް ވޮޝިންޓަން: 77 އިންސައްތަ މީހުންނަށް އެއީ އެމެރިކާގެ ފުރަތަމަ ރައީސްކަން ނޭނގެ އެވެ.

  • ގާނޫނު އަސާސީ: 58 އިންސައްތަ މީހުންނަށް ގާނޫނު އަސާސީގެ މައިގަނޑު މަގުސަދެއް ނޭނގެ އެވެ. އެއީ ސަރުކާރުގެ ބާރުތައް ކަނޑައެޅުމާއި އެ ބާރުތައް ހިފެހެއްޓުންކަން އެނގެނީ އެންމެ 41 އިންސައްތަ މީހުންނަށެވެ.

  • މިނިވަންކަން އިއުލާނުކުރުން: 57 އިންސައްތަ މީހުންނަށް 1776 ގައި އިނގިރޭސިންގެ ކިބައިން މިނިވަންވީ ކީއްވެކަން ނޭނގެ އެވެ.

  • ސުޕްރީމް ކޯޓުގެ ބާރު: 55 އިންސައްތަ މީހުންނަށް ރައީސާއި ސުޕްރީމް ކޯޓާ ހިޔާލު ތަފާތުވާއިރު، ގާނޫނީ ގޮތުން ފަހު ބަސް ބުނުމުގެ އިހްތިޔާރު އޮންނަނީ ސުޕްރީމް ކޯޓަށްކަން ނޭނގެ އެވެ.

މައުލޫމާތު މަދުވި ނަމަވެސް، އެމެރިކާގެ އަސާސީ އުސޫލުތަކަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮތްކަން ފާހަގަކުރެވެ އެވެ. އެހެންނަމަވެސް، 57 އިންސައްތަ މީހުން ދެކޭ ގޮތުގައި އެމެރިކާ މިހާރު ދަނީ އެ އަސާސީ އުސޫލުތަކާ ދުރަށެވެ. އަދި ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި އެމެރިކާ އަކީ މިނިވަން ގައުމެއްގެ ގޮތުގައި ދެމި ނޯވެ ދާނެ ކަމުގެ ބިރު 56 އިންސައްތަ މީހުން ގެންގުޅެ އެވެ.

މި ކަންބޮޑުވުންތަކުގެ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ރައްޔިތުން ފާހަގަކޮށްފައިވަނީ ކޮރަޕްޝަން، ސިޔާސީ ބޭފުޅުން ގާނޫނު އަސާސީއަށް އިހްތިރާމް ނުކުރުން، މުއްސަނދިންނަށް މާ ބޮޑު ބާރެއް ލިބިފައި އޮތުން އަދި ރައީސަށް މާ ގިނަ ބާރުތަކެއް ލިބިފައިވުމެވެ.

ހިއްސާ ކުރައްވާ!